މަސްވެރިކަމާ ގުޅޭ ހުރިހާ ހުނަރަކާއި ޢިލްމެއް، މަސްވެރިންނަށް ދަސްކޮށްދެއްވުމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނުދޭ މަރްކަޒު ޤާއިމު ކުރެއްވުމުގެ ވަރަށްބޮޑު ބޭނުންފުޅެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެ ވިލިނގިލީގައި ޤާއިމު ކުރެއްވި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނުދޭ މަރްކަޒު މިއަދު މެންދުރުފަހު ހުޅުއްވައިދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަމެއް ތަރައްޤީ ކުރުމަށާއި ކުރިއެރުވުމަށްޓަކައި، އެކަމުގެ ހުނަރާއި، އެކަމުގެ ޢިލްމާއި، އެކަމުގެ ވައްޓަފާޅިއާއި، އެކަންކުރާގޮތް އަޅުގަނޑުމެންނަށް ފުރިހަމައަށް އެނގެން ޖެހޭނެ ކަމަށް ވިދާޅުވެ، މީގެ ޒަމާންތަކެއް ކުރީގައި، ރާއްޖޭގައި މަސްވެރިކަން ކުރަމުން އައިއިރުގައި، ދިވެހި ދަރިން މަސްވެރިކަމަށް ހޭލައިގެން އައީވެސް މިހުރިހާ ތަމްރީނެއް ދިވެހިންނަށް ލިބިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ކުރިން މަސްވެރިކަން ކުރަމުންދިޔަ ގޮތަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައިކަން ބަޔާންކުރައްވަމުން، މަސްވެރިކަމާ ގުޅޭ އެތައް ކަމެއް، ޓެކްނޯލޮޖީގެ އެތައް އެތައް ހުނަރެއް، އަދި އެތައް އެތައް ޢިލްމެއް އަޅުގަނޑުމެންނަށް އެނގިގެން މެނުވީ، އަޅުގަނޑުމެން ކުރަން މިބޭނުންވާ ފުރިހަމަ މަސްވެރިކަން، މި ރާއްޖޭގައި އަޅުގަނޑުމެންނަށް ކުރަން މިއަދު ދަތިކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނުދޭ މަރްކަޒަކީ، މަސްވެރިކަމާ ގުޅޭގޮތުން އެނގެންޖެހޭ ހުރިހާ ކަމެއް، އަޅުގަނޑުމެންގެ ޒުވާން މަސްވެރިންނަށް އޮޅުންފިލުވައިދޭނެ މަރްކަޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މަސްއައިނު ހޯދުމަށްޓަކައި އެންމެ ޒަމާންވީ ޓެކްނޯލޮޖީގެ ބޭނުން އަޅުގަނޑުމެން އެބަ ކުރަންޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ ތެރެއަށް އެ ޓެކްނޯލޮޖީ ތަޢާރުފުވެ، އަޅުގަނޑުމެންގެ އާ މަސްވެރިން އެކަމަށް އަޅުގަނޑުމެން އަހުލުވެރި ކުރުވަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދަކީ، މަސްވެރިކަމުން ދިވެހި މަސްވެރިންނަށް މިހާރު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ހޯއްދަވައިދެއްވުން ކަމަށާއި، އެހޯއްދަވައިދެއްވޭނީ ބާނާ ގިނަމަސް ހެޔޮގޮތުގައި ރައްކާތެރިކަމާ އެކީގައި، ގަންނާނެ މީހުންނާ ހަމައަށް ފުރިހަމައަށް ގެނެސްދެވުނީމާ ކަމުގައިވެސް ވިދާޅުވިއެވެ.