މި ސަރުކާރު ދެމިއޮންނާނީ، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް، ޚިދުމަތް ކުރުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބުކުރެވި އިންތިޒާމުކުރެވިފާ ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށާއި ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދާދިނުން ކަމުގައެވެ. މިކަންކަމުގެ އުޞޫލީ ހުރިހާ ހަމަތަކާ މިންގަނޑުތައް، ޤާނޫނުއަސާސީގައި ކަޅާ ހުދުން ލިޔެ އެކަށައެޅިފައިވާކަން ފާހަގަކުރައްވާ، ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް ކަމަށާއި އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައިވެގެން އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައި ނޯންނާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާ އަމާންކަން ކަށަވަރުކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މިއަހަރުކަން ފާހަގަކުރައްވާ ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށް ވުރެ 50 އިންސައްތަ މަދުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިދިޔަ 6 އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގާ، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވީނަމަވެސް، ގޭންގު ކުށްތަކުގައި މިއަހަރު އެއްވެސް ފަރާތެއްގެ ފުރާނަ ގެއްލިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، ޖަމާވުންކަން ފާހަގަކުރައްވަމުން، ތަރައްޤީ ޙާޞިލްކުރެވޭނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވިގެން ކަމުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން މާލީ ގޮތުންނާއި ޤާނޫނީގޮތުން ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ޤާނޫނަށް ބޮޑެތި އިސްލާޙްތަކެއް ހުށަހަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި އިސްލާޙުތަކާއެކު ކައުންސިލްތަކުގެ ބަޖެޓް އިތުރުވެގެންގޮސް، ރަށު ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ މަންފާއެއް ހޯއްދެވުމުގެ ބޭނުންފުޅުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގަން ސަރުކާރުން ބޭނުންފުޅުނުވާކަމުގައި ވިދާޅުވިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވިސްނާ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް ބަލާ، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރު އަންނަންދެން މަޑުނުކޮށް، ކުރިއަށް އޮތް ދެއަހަރު، ސަރުކާރުން ކުރިޔަށް ރާވާފައިވާ މަޝްރޫޢުތައް ފެއްޓުމަށްޓަކައި އެކުލަވާލެވޭ ދެ ބަޖެޓަކީވެސް ބޮޑު ދެބަޖެޓަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ޞިއްހީ ދާއިރާ ތަރައްޤީކުރުމަށްޓަކައި، ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަމުގެ ހެޔޮ ނަތީޖާ އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް މިދިޔަ އަހަރުގެ ތެރޭގައި ގެނެވުނު އެންމެ ހެޔޮ ބަދަލަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި މިހާތަނަށް 4736 ދަރިވަރުން ބައިވެރިވެފައިވާއިރު، 567 ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޫކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ، އެހެނަސް ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ކޮރަޕްޝަން ނައްތާލުމުގައި މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުހަލާގައި، އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް. އެހެންކަމުން، ބީލަމުގެ މައްސަލަތައް ބެލުމަށްޓަކާ، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަޤިއްލު ރިވިއު ކޮމިޓީއެއް އެކުލަވާލައިގެން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް އެންމެ އަވަސް ހައްލެއް ބޭނުންވާ އެންމެބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބަޖެޓްކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގާ އިތުރު ފްލެޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގާ ފެށިގެންދާނެ." ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ހިމެނޭނެ. އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާ އެކު ކުރިއަށް އެބަދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީއާ އެކުއެކީގައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްވެސް ވަރަށް ބޮޑު އިސްކަމެއްދޭކަމުގައި ވިދާޅުވިއެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 13 ރަށެއްގައި ޤާއިމްކުރެވި، 14 ސަރަޙައްދެއް، ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށާއި ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކަންކަން ހާޞިލްކުރާނީ ރައްޔިތުންގެ އިހްސާސްތަކާ ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެން. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށް ދާނީ، ސަރުކާރާ ރައްޔިތުންގެ ފައި ހަމަވާ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން މަޝްރޫޢުތައް ހިންގުމާ ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީކޮށްގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރު ހިންގުމުގައި ކޯލިޝަންގެ އެންމެހާ ލީޑަރުންގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި، ސަރުކާރު ކޯލިޝަންގެ އެންމެހާ ލީޑަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.