بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އުއްތަމަ ފަނޑިޔާރު ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ޖުމްހޫރިއްޔާއަށް އަހަރެއް ފުރި، އާ އަހަރަކާ ކުރިމަތިލާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ޖުމްހޫރިއްޔާގެ ފަޚުރުވެރި އަހުލުވެރިން ކަމުގައިވާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރުން. އެއަށްފަހު، ކީރިތި ޤުރްއާން ހިތުދަސް ކުރައްވައިގެންނާއި، ސާނަވީ އަދި މަތީސާނަވީން، މުޅި ދުނިޔެއިން އެއްވަނަ ހާސިލުކޮށްގެން، ޚާއްސަ އިނާމު ހާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން.

އޭގެ އިތުރުން، ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދީގެން، ހަނދާނީ ފިލާ ހާސިލުކުރި ދެ ސްކައުޓުންނަށާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖާއި، ބޭޑްން ޕަވަލް ބެޖް ހާސިލުކުރި ސްކައުޓުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަން. އަދި ތަޢުލީމީ ރޮނގުން މަތީ ދަރަޖަ ހާސިލުކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން، މިރޭ މަތީ ދަރަޖައިގެ އިނާމު ހާސިލުކުރާ، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށާއި، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ޗެމްޕިއަންކަން ހޯދައިގެން، މަތީ ދަރަޖައިގެ އިނާމު ހާސިލުކުރާ ޤައުމީ ޓީ.ޓީ ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ، އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއް. އެފަދަ ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭނެ ގޮތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، އެފަދަ ޒުވާނުންނަށްވެސް އިނާމަށް ކުރިމަތިލެވޭނެ ގޮތަށް، މި އަންނަ އަހަރު ފުރުޞަތު ހުޅުވައިލުމަށް، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރުންނަށް އަޅުގަނޑު މިހާރުވާނީ ދަންނަވާފައި.

މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަސް. ފުރަތަމަފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނީ، 1 ޖަނަވަރީ 1953 ގައި ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައި. މިހާރު ޤާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ އަޅުގަނޑުމެންނާ ބައްދަލުކުރީ، ސުމުއްވުލް އަމީރް އަލްމަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައި.

އެހެންކަމުން، ދިވެހި ޖުމްހޫރިއްޔާގެ ދެ ބާނީން ކަމަށްވާ، ސުމުއްވުލް އަމީރު މުޙައްމަދު އަމީނަށާއި، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރުގެ ފުރާނަފުޅަށް، ރަޙްމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުގައި ދުޢާ ދަންނަވަން.

ކޮންމެ ސަބަބެއް މެދުވެރިގެން ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމު މިވަނީ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެފައި. މިއީ ހެޔޮ ބަދަލެއް ކަމުގައި ދެކެންޖެހޭނެ. ކޮންމެއަކަސް ދައުލަތް ހިންގުމުގެ ނިޒާމަށް އެއައި ބަދަލާއެކު، ޤައުމަށް ވަނީ ތަފާތު ކުރިއެރުންތަކެއް ލިބިފައި. ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މިވަނީ ބޮޑު ތަނުން އިތުރުވެފައި.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، ފުރަތަމަ ޖުމްހޫރިއްޔަތާ ގުޅިގެން މުލީއާގޭ އެޑްރެހުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ބަސްކޮޅެއް މިރޭ އަޅުގަނޑު ތަކުރާރުކޮށްލާނަން. އެމަނިކުފާނު ވިދާޅުވަނީ؛ "މިއަދަކީ ދިވެހި ތާރީޚުގެ ވަރަށް ޚާއްޞަ ދައުރެއް، އެއަށްވުރެ ޚާއްޞަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ މުޅި މަޤްޞަދަކީ، ފަޚުރާއި އުފާވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނުހަދަމާ ހިނގާށެވެ."

ދެން ވިދާޅުވަނީ؛ "އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނާވެފައި އޮންނާނީ، ޤައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނެވެ. އަންނަ ބަދަލާ ގުޅިގެން، ދިވެހި ދަރިންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށެވެ."

އާދެ! ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތާއި، ބަދަލުވާން މެދުވެރިވި ސަބަބާއި، ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަގޮތް އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދިވެހި ޖުމްހޫރީ ވެރިކަން އަދި ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާ ކުރައްވަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

ކޮންމެއަކަސް، މި މަހުގެ 17 ވަނަ ދުވަސް ވެގެންދާނީ، ދިވެހި ޖުމްހޫރިއްޔަތުގެ ހަތްވަނަ ވެރިކަމަށް، އެއް އަހަރު ފުރޭ ދުވަހަށް. ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ. އަދި ރިއާސީ އިންތިޚާބުގައި، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެ.

ނަމަވެސް މި ސަރުކާރުން މަޝްރޫޢުތައް ހިންގުމާއި، ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީކޮށްގެން ނުވާނެ. ދިވެހި ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ސަރުކާރު ދެމިއޮންނާނީ، އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިކަން.

ސަރުކާރު ހިންގުމުގައި އަޅުގަނޑަށް ޚިޔާލާއި މަޝްވަރާ ދެއްވާ، ސަރުކާރު ކޯލިޝަންގެ ލީޑަރުން ކަމުގައިވާ، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، އޮނަރަބްލް ޤާސިމް އިބްރާހީމް އަދި އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބު ކުރެވި އިންތިޒާމު ކުރެވިފައި ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަޞްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް. ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދައިދިނުން.

މި ދެންނެވި ހުރިހާ ކަމެއްގެ، އުޞޫލީ ހުރިހާ ހަމަތަކާއި މިންގަނޑުތައް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ކަޅާއި ހުދުން އެހުރީ ލިޔެ އެކަށައެޅިފައި. އެއަށްފަހު ޤާނޫނުއަސާސީގައި އަޅުގަނޑުމެން ލިޔުނީ؛ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށް. އާދެ! އެހެންކަމުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ ބުނާގޮތުން، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައި ވެގެންއުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމަށްވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައިވިޔަސް، ޤާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ، މި ދެންނެވި ހަޤީޤަތް ޤަބޫލުކޮށްގެންހުރެ، ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން.

އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން، މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުމަށް. ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތައް، އެންމެ މަދުން ހިނގީ މި އަހަރު. ގުރޫޕް މާރާމާރީގެ ޢަދަދުވެސް މިދިޔަ އަހަރަށްވުރެ 50 އިންސައްތަ މަދުވެއްޖެ. މިދިޔަ 6 އަހަރުގެ ތެރޭގައި ގޭންގް ކުށްތަކުގައި، މާލޭގެ މަގުތަކުގައި 21 މީހަކު މަރާލެވިފައިވޭ. ނަމަވެސް އަޅުގަނޑު އެންމެ އުފަލާއެކު ފާހަގަކޮށްލާނީ، ގޭންގް ކުށްތަކުގައި، އެންމެ މީހެއްގެ ފުރާނަވެސް މި އަހަރު ގެއްލިފައި ނުވާކަން.

މިއީ މާތް ﷲގެ ވާގިފުޅާއި މަދަދާއެކު، ދާޚިލީ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމުގައި، ދިވެހި ފުލުހުން ކުރަމުން އަންނަ ވަރަށް ބުރަ މަސައްކަތްތަކެއްގެވެސް ނަތީޖާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދަންނަވަން. ނަމަވެސް، މާލޭގެ މަގުތަކުގެ އަމާންކަން ދަމަހައްޓައި، ޞުލްޙަވެރިކަން ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ.

ޢަސްކަރީ ޒިންމާގެ އިތުރުން، ޤައުމުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި، ދިވެހި ސިފައިން އަދާކުރާ ދައުރުވެސް އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރަން. ވަކިން ޚާއްޞަކޮށް، މާލޭގައި ދާދިފަހުން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، މީހުންގެ ފުރާނައާއި ގެދޮރާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ސިފައިން އަދާކުރި ފުރިހަމަ ދައުރަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އެފަރާތަށް ދަންނަވަން.

ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، އާދެ، މާލެއަށް ޖަމާކޮށްފައި އޮތް އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީ ހާސިލުކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން. އެގޮތުން، މާލީ ގޮތުންނާއި ޤާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް، ޤާނޫނަށް މިހާރު ވާނީ ބޮޑެތި އިޞްލާޙުތަކެއް ހުށަހަޅާފައި. އެ އިޞްލާޙުތަކާއެކު، ކައުންސިލްތަކުގެ ބަޖެޓް، ދެގުނަ ނުވަތަ ތިން ގުނައަށް އިތުރުވެގެންދާނެ. އޭގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް އަންނަން ފަށާނެ.

ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ބަޖެޓް، އާދެ، މި ސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު ވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެއީ ބޮޑު ބަޖެޓެއް. ބަޖެޓްގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖުތިމާޢީ ރައްކާތެރިކަމަށް. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ވާނީ ޚާއްޞަކޮށްފައި.

އަދި 2021 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީވެސް ބޮޑު ބަޖެޓަކަށް ވާނެ. ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރު ކަމުގައިވާ 2023 ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެ އަހަރު، އާދެ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށުން.

މި ސަރުކާރުން، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިންގާކަށް ބޭނުމެއް ނޫން. 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވައިލާފައިވާނީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވިސްނައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް ބަލައި، ދަރަނި އަދާކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު، ފުރިހަމައަށް ތަންފީޒު ކުރެވޭނެ ބަޖެޓެއްގެ ގޮތުގައި.

އެހެންނަމަވެސް، ވިސްނުންތެރިކަމާއެކު، ތައްޔާރުނުވެ ތިބިއްޔާ 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެއީ ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް، އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭތީ. މިކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި. މިކަމުގެ ހެޔޮ ނަތީޖާ، އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެ.

ތަޢުލީމީ ދާއިރާއަށް މިދިޔަ އަހަރުގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު ހެޔޮ ބަދަލަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުން. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި މިހާތަނަށް 4736 ދަރިވަރުން ބައިވެރިވެފައިވޭ. އަދި 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯނު ދޫކުރެވިފައި.

ރަށްރަށުގައި އިތުރު މިސްކިތްތައް ޢިމާރާތްކުރުމާއި، މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އެގޮތުން، އިޢާދަކުރަނިވި ހަކަތައިން، 11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި 8 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.

ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. ޖުމްލަ 34 ރަށެއްގެ ބަނދަރު މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި. 7 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މެދުނުކެނޑި ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި، 58 ރަށަކަށް ޖެނެރޭޓަރު ސެޓް މިހާރު ވަނީ ފޯރުކޮށްދެވިފައި.

އަދި 33 ރަށެއްގެ، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި. އަޅުގަނޑުގެ އަމާޒަކީ، ފެނާއި ނަރުދަމާ ނިޒާމު މަޝްރޫޢުތައް، މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގައި، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށުން.

ރައްޔިތުންނަށް އެންމެ އަވަސް ހައްލެއް ބޭނުންވާ، އަދި އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވާނީ ބަޖެޓް ކުރެވިފައި. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި އިތުރު ފްލެޓް އެޅުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މިދިޔަ އަހަރެއްހާ ދުވަހަކީ، ޚާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއްކަން ޔަޤީން. ޚާރިޖީ އަދި އަވަށްޓެރި ރަޙްމަތްތެރިކަން، އޭގެ ޙަޤީޤީ މަގަށް އިޢާދަކުރެވި، ބައެއް ޤައުމުތަކާއެކު ގުޅުން ޤާއިމުކުރެވިއްޖެ. އަދި ހެޔޮއެދޭ ބައެއް ޤައުމުތަކުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފި. އަދި މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ.

ތަރައްޤީއާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްވެސް ވަރަށް ބޮޑަށް އިސްކަންދީގެން. އަވިން ހަކަތަ އުފެއްދުމަށް، 13 ރަށެއްގައި ސޯލަރ ޕަވަރ ސިސްޓަމް ޤާއިމުކުރެވިއްޖެ. ތިމާވެށީގެ ނާޒުކުކަމަށް ބަލައި، 14 ސަރަހައްދެއް އަޅުގަނޑުމެން ހިމާޔަތްކޮށްފިން. ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ހިމެނޭނެ. އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ.

ޓަރމިނަލްގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ، ރާއްޖެ ސިފަވާގޮތަށް ޑިޒައިނަށްވެސް ބަދަލު ގެނެސްގެން. ބޯޑިންގ ބްރިޖްތަކާއެކު ޓަރމިނަލް ނިމޭއިރު، އަހަރަކު ތިން މިލިއަން މީހުންނަށް ޚިދްމަތް ދެވޭވަރަށް، ޓަރމިނަލްގެ ޖާގަ އިތުރުވެގެންދާނެ.

އޭގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި، އިސްކަމެއްދީގެން ކުރިއަށް ގެންދެވޭނެ. އަދި ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރު މަޝްރޫޢުވެސް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ. އޭރުން، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އަވަސްވެ، ޚަރަދު ކުޑަވުމުގެ ސަބަބުން، ބާޒާރުގައި ތަކެތީގެ އަގު ކުޑަވެގެންދާނެ.

އަޅުގަނޑު މި މަޤާމާ ހަވާލުވިއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދައުލަތުގެ މުއައްސަސާތަކުގައި، ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވެފައި އޮތުން. ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ، އެހެނަސް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ކޮރަޕްޝަން ނައްތާލުމުގައި މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުޙަލާގައި، އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް. އެހެންކަމުން، ބީލަމުގެ މައްސަލަތައް ބެލުމަށްޓަކައި، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަޤިއްލު ރިވިއު ކޮމިޓީއެއް އެކުލަވައިލައިގެން މި އަންނަނީ މަސައްކަތް ކުރަމުން.

އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، ޢާއިލާތަކަށް އިންޞާފު ހޯދައިދިނުން. އަދި ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލަވެސް ބަލައިދިނުމަށް އަޅުގަނޑުމެން ވަޢުދުވިން. އެ ވަޢުދުތައް ފުއްދުމަށް އެކުލަވައިލި ދެ ކޮމިޝަނުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަދޭ.

މަރުގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި، ރައުދާ ޢާޠިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި، ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މަޢުލޫމާތުވެސް ހާމަކުރާނަން.

އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އެ އަންނަނީ، އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތުގެ މައްސަލަތައް. މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ، އެ ކޮމިޝަނުން އަންނަނީ ބަލަމުން. އެ މައްސަލަވެސް މުޅިން ބަލައި ނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓް އައުމުން، އެހެން ރިޕޯޓްތަކާ މެދުގައިވެސް ޢަމަލުކުރާ އުޞޫލުން، ޢަމަލުކުރާނެ ކަމަށް ދަންނަވަން. އަޅުގަނޑު އުންމީދުކުރަނީ، މި އަހަރު ނިމުމުގެ ކުރިން، އެ ދެ ކޮމިޝަންގެ މަސައްކަތްވެސް މުޅިން ނިމޭނެ ކަމަށް.

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ، ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް. އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަކީ، ދައުލަތުގެ މަޤާމަކާ ހަވާލުވެ ހުންނަ ކޮންމެ މީހެއްގެ ވާޖިބެއް. އަޅުގަނޑުމެން ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހަމުން. އަޅުގަނޑުމެން ކަންކަން ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް.

އަޅުގަނޑުމެން ކަންކަން ހާސިލުކުރާނީ ރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ރިޢާޔަތްކޮށްގެން. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާނީ، ސަރުކާރާއި ރައްޔިތުންގެ ފައިހަމަވާގޮތަށް.

އެކަމުގައި اللهُ سُبْحَانَهُ وَتَعَالَىގެ ފުރިހަމަ މަދަދާއި ތައުފީޤް ދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތައް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުކޮށްދެއްވައި، ދިވެހިންގެ މެދުގައި ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކުރައްވައި، ރާއްޖޭގެ ޖުމްހޫރީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ މަތިވެރި ނަޞީބު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.