އަޙްމަދު އާމިރުގެ ސޯލޯ އާރޓް އެގްޒިބިޝަން، “އިމްޕަރމަނަންސް” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްލަވާލައްވައިފިއެވެ.

މިމަހުގެ 8 ން 12 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މިޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ ހިމެނޭ މި މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅުގެ އިތުރުން ނޯޓުފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކް ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.