ޒާތީ ގޮތަކަށް އެއްވެސް ކަމެއް ދެކިގެން، އެކަންކަމުގެ މައްސަލަތައް ބަލައި، ތަޙުޤީޤުތައްކޮށް، ބައެއްގެ މައްޗަށް ތުހުމަތުކޮށް ހެދުމަކީ، މި ސަރުކާރުން ކުޑަކޮށްވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ޤާނޫނީ ދައުލަތެއް ހިންގެވުމެވެ. ޑިމޮކްރަސީއަށް މަގުފަހިވާ އުޞޫލުން ރާއްޖޭގެ ކަންކަން ކުރިއަރުއްވަމުން ގެންދެވުމެވެ. މިމޭރުމުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވަމުން މިއަދު ދެއްވި އެމަނިކުފާނުގެ ފުރަތަމަ ރޭޑިއޯ ޚިޠާބުގައެވެ. ރޭޑިއޯ ޚިޠާބު ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުއްވީ، މިއަދު ހެނދުނު 7.15 ގައެވެ.

ރައީސް ނަޝީދު މިދެއްވި 22 މިނިޓްގެ ދިގު އެޑްރެހުގައި، މައިގަނޑު ގޮތެއްގައި އެމަނިކުފާނު ބައްލަވާލެއްވީ، ޚިޔާނާތުގެ މައްސަލަތައް ބެއްލެވުމަށް އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މައްޗަށާއި، ސިޔާސީ ޕާޓީތައް ތަރައްޤީ ކުރުމާއި ކުރިއެރުވުމުގެ މައްޗަށާއި، އާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދެބިލެއްގެ މައްޗަށާއި، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކާބެހޭ ދުވަހުގެ މައްޗަށާއި، ރާއްޖޭގެ ތަޢްލީމީ ނިޒާމު ރަނގަޅު ދިމާއަކަށް ބައްޓަން ކުރެއްވުމުގެ މައްޗަށެވެ.

ޚިޔާނާތުގެ މައްސަލަތައް ބެއްލެވުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މައްޗަށް ރައީސް ނަޝީދު ބައްލަވާލައްވަމުން، ޤާނޫނުއަސާސީގެ އެންމެ މައިގަނޑު އެއްސިފައަކީ، ދިވެހި ދައުލަތުގެ ބާރުތައް ވަކިކުރުން ކަމުގައި ވިދާޅުވިއެވެ. އަދި މި ބާރުތައް ވަކިވަކިކުރުމުގެ ސިފައާއި، އޭގެދަށުން މުސްތަޤިއްލު މުއައްސަސާތައް އުފެއްދުމުގެ ފަށަލަ ޤާއިމުކުރުމަށްފަހު، މި ސިފަ ދަމަހައްޓައި، މި ސިފައަށް ޤާނޫނުއަސާސީ ތަންފީޒު ކުރުމާއި، އެއަށް މަގުފަހިކުރުމާއި، އެކަން ކުރިއެރުވުމުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް ޙަވާލުވެފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ މަސައްކަތުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، މުސްތަޤިއްލު ހުރިހާ މުއައްސަސާއަކުންވެސް ނެރުއްވާ ބަޔާންތަކާއި ވިދާޅުވާ ވިދާޅުވުންތައް އެއީ، ފެން ހިފެހެއްޓޭ، އަޅުގަނޑުމެން އެއަށް އިޙްތިރާމް ކުރަންޖެހޭ ބަޔާންތަކަކަށްވާންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް ބިނާކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ވާދަވެރި ޕާޓީއެއްގެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާއެއް ނުވަތަ ނާޖާއިޒު ފައިދާއެއް ނެންގެވިކަމުގެ ދަޢުވާއެއް ކުރީމާ، ކޮރަޕްޝަން ނައްތާލުމަށް އަދި ހެޔޮގޮތުގައި ވެރިކަން ކުރުމަށް އެބަ ބާރުއެޅޭ ކަމުގައި ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި އުފެދިފައިމިވާ ވާދަވެރި ޕާޓީތަކުގައި ތިއްބެވި ޒުވާން ބޭފުޅުންނަށް، އެބޭފުޅުންގެ ޒުވާންކަމުގެ ޖޯޝާއެކީގައި، އެޕާޓީތަކުގައި އިސްވެ ޙަރަކާތްތެރިވެވޭނެ މަގެއް އުފައްދައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ، ސިޔާސީ ޕާޓީ ތަރައްޤީ ކުރުމަށް މިވަގުތު ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ވާދަވެރި ސިޔާސީ ޕާޓީތައް ބިނާކުރުމުގައި، އެޕާޓީތަކުގެ ވެރިންނަކީ ސާފު ސާދާ ބަޔަކަށްވާންޖެހޭނެ ކަމަށާއި، އެހެންނޫނީ އެޕާޓީތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުން އެއީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވެފައިވާ އާ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ދެބިލުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، އެދެބިލަކީވެސް ސަރުކާރު ހިންގުމާ ގުޅޭގޮތުން މަޖިލީހުން ބާރުފޯރުއްވުމަށް މަސައްކަތް ކުރެއްވުމަށް ނުވަތަ މަޖިލީހުގެ ދައުރެއް ސަރުކާރު ހިންގުމަށް ގެނައުމަށް މަގުފަހިކުރާނެ ދެބިލުކަން ބަޔާން ކުރެއްވިއެވެ. އަދި ވަޒީރުން ޢައްޔަން ކުރުމުގައި، މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަށްވިޔަސް، އެކަން ފުޅާކުރުމަކީ މާ ބުއްދިވެރި ކަމެއް ކަމަށް ވެދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ތަޢްލީމީ ނިޒާމުގެ މައްޗަށް ބައްލަވާލައްވަމުން، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބައެއް މަދަރުސާތަކަކީ ހަމައެކަނި ސަރުކާރުން ހިންގަވާ މަދަރުސާތަކުގެ އިތުރުން، އަމިއްލަ މަދަރުސާ ހިންގާ ފަރާތްތަކާ ގުޅިގެން ހިންގާ މަދަރުސާތަކަކަށް ހެއްދެވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަދަރުސާތައްވެސް އެއީ ރަނގަޅު ތަޢްލީމެއްދޭ ތަންތަން ކަމަށް ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވުމާއި އަދި ދުނިޔޭގެ ކަނޑުތަކުގެ ދުވަސްވެސް މި ހަފްތާގެ ތެރޭގައި ބައްދަލުކުރާތީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ، ރާއްޖެއަށް ވަރަށް މުހިންމު ދެދުވަސްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށާއި، ދަރިންގެ ދަރިންނަށް މިކަނޑުގެ މުއްސަނދިކަމާއި، މި ތިމާވެށީގެ މުއްސަނދިކަން ރައްދުކޮށްދިނުމަކީ، މިއަދުގެ ދިވެހިން ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.