بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ. ހަމައެހެންމެ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ ފޮނުވައި މުބާރަކްބާދީ އަދާކުރަމެވެ.

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަނީ، ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އެ މަތިވެރި ޛިކްރާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުމެވެ. އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުންނެވެ. އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ވަނީ ޢަމަލީ ގޮތުން ދައްކަވައިދެއްވައިފައެވެ.

އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދެވެ. އަނެކުންނަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތަކެވެ. ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑެވެ. މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތަކެވެ.

އެފަދަ މަތިވެރި ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުމެވެ. ހަމައެފަދައިން، މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުމެވެ.

މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، ރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، ޞުލްޙަވެރިކަމާއި އަމާންކަން ޤާއިމުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ލޮބުވެތި ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ، މުޅި އިންސާނިއްޔަތަށް ދޫކުރެއްވި މަތިވެރި ނަމޫނާއިން، ޢިބްރަތް ޙާޞިލު ކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ދިރުވައި އާލާކުރުމުގެ ހެޔޮ ތައުފީޤް، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ. އާމީން.