ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މަސީގެ އިސްވެރިން ވަނީ އިމާރާތްކުރުމުގެ ދާއިރާއާ ޖުމްލަ ގޮތެއްގައި މަސައްކަތްތެރިންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ކޮންޓްރެކްޓަރުން، މަސައްކަތްކުރުމާބެހޭ ޤަވާޢިދާއި އުސޫލުތަކާއި ޚިލާފަށް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުން މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ބައެއް ދާއިރާތަކާއި ގުޅޭ މުހިންމު ޤަވާޢިދުތައް އަދިވެސް ހެދިފައި ނެތުމުން އެކަމުގެ ފައިދާ ބޭރުގެ ބައެއް ފަރާތްތަކަށް ލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ވެސް މަސީގެ ވެރިން ފާޅުކުރެއްވިއެވެ.

މިހާރު ހުރި ބައެއް ޤަވާޢިދުތައްވެސް މިހާރު ހުރިގޮތުން މި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާބެހޭ މައުލޫމާތު މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބުމުގައި މިހާރު ހުރި ދަތިތައް ފާހަގަކުރައްވައި އެކަމަށް ފަހިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ވެސް މަސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މަސީގެ އިސްވެރިން ރައީސުމްޖުމްހޫރިއްޔާއާއެކު ބޭއްވެވި މި ބައްދަލުވުމުގައި އެ ޖަމުޢިއްޔާގެ އިސްވެރިން ވަނީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ ބައެއް ކަންކަމުގައި މަސީގެ ޚިޔާލުހުރިގޮތް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން މަސީގެ އިސްވެރިންވަނީ އަންނަ އަހަރަށް ދަޢުލަތުން އެކުލަވާލައްވާފައިވާ ބަޖެޓުގައި ގިނަ ޢަދަދަކަށް އުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނިފައިވާތީ އެއީ އިމާރާތްކުރުމުގެ ސިނާޢަތަށް އެދެވޭ ކުރިއެރުންތަކެއް ގެނެސްދޭނެ ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސީގެ ކަންބޮޑުވުންތަކާއި ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ރަނގަޅު ބަދަލުތަކެއް ގެނެއުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
މަސީއަކީ އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްޞީލުކުރާ ޖަމުޢިއްޔާއެކެވެ. މަސީގައި 384 މެންބަރުން ހިމެނޭއިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ ކުދި ނުވަތަ މެދުފަންތީގެ ކުންފުނިތަކެވެ.