بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޖެނެރަލް އޮފިސަރުން، އެހެނިހެން ރޭންކުތަކުގެ އޮފިސަރުން، ދިވެހި ޢަސްކަރިއްޔާގެ ބަދަހި ސަފުތަކުގެ ފަހުލަވާނުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވަން. މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި، ދުޝްމަނުންގެ މައްޗަށް، މުޅި ދިވެހި އުންމަތަށް، اللهُ سُبْحَانَهُ وَتَعَالَى ދެއްވެވި މަތިވެރި ނަޞްރާއި ކާމިޔާބީގެ ހަނދާން އައުކުރާ ދުވަސް. އެފަދަ މަތިވެރި ނަޞްރެއް ދެއްވިކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އެ ދުވަހުގެ ނުރައްކާތެރި ޙަމަލާގައި، ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ވަކިން ޚާއްޞަކޮށް، އެދުވަހުގެ ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަ ކަމުގައި ވެގެންދިޔަ ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި الله ُسُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ހަމައެފަދައިން، އެދުވަހު، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ޖިހާދު ކުރެއްވި، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި އެ ޢުދުވާނުގެ ކުރިމަތީގައި، ޢާންމު ރައްޔިތުން ދެއްކި، ނުގުޑާފަދަ ހިތްވަރާއި ޢަޒުމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

ދުވަހާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް، މިރޭ ހާސިލުކުރެއްވި ސިފައިންގެ 9 ބޭކަލުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ދާދިފަހުން މާލޭގެ ގެތަކެއް އަނދައިގެންދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ތިޔަބޭފުޅުން އެ ހިތްވަރު ނުދެއްކެވިނަމަ، އަދި އެ ނުރައްކާތަކާ ކުރިމަތިނުލެއްވިނަމަ، ޢާންމު ރައްޔިތުންގެ ތެރެއިން ކިތަންމެ ބައެއްގެ ފުރާނަ ގެއްލުމަކީ، ވަރަށް އެކަށީގެންވާ ކަމެއް.

ތިޔަބޭފުޅުން އެރޭ ސާބިތުކޮށްދެއްވީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ފުރާނައިން ޤުރްބާންވެވަޑައިގަތުމުގެ ހިތްވަރާއި ޢަޒުމް ތިޔަބޭފުޅުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާކަން. ސިފަވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެންފައިވާކަން. އަދި މިރޭ، ހިތްވަރުގަދަ ކަމުގެ ކުލަ ހާސިލުކުރެއްވި 11 ސިފައިންނަށްވެސް، މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން.

މީގެ ކުޑަ އިރުކޮޅެއް ކުރިން ހުވާ ކުރައްވައިގެން، ސިފައިންގެ ޢާއިލާއާ ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށް ވަރަށް ހޫނު މަރުޙަބާއެއްވެސް ދަންނަވަން. ތިޔަ ސިފައިން، ﷲ ގަންދެއްވައި ދެންމެ ކުރެއްވި ހުވައިގައި، ވަރަށް މުހިންމު ތިން ކަމަކަށް ވަޢުދުވެވަޑައިގެންނެވި އަޑު އިވިއްޖެ. އެއީ، ޤާނޫނުއަސާސީ ދިފާޢުކުރުމާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުންމަތީ ދެމިތިއްބެވުން. އަދި ދުޝްމަނުންނާއި ބާޣީންގެ ކިބައިން، ދިވެހި ދައުލަތް ސަލާމަތް ކުރައްވައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ޖެހިއްޖެ ޙާލަތެއްގައި، ކެރިގެން ތިބެ ޤުރްބާންވުމަށްވެސް، މާތް ﷲ ގަންދީ ހުވާކުރެއްވި އަޑު އަޅުގަނޑުމެންނަށް އިވިއްޖެ.

އެ ހުވާގެ މަތީގައި ސާބިތުވެ ތިއްބަވައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމަށް، ތިޔަ ސިފައިންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އެ ހުވާގެ މަތީގައި ދެމިހުރިކަން، ތިޔައިން ކޮންމެ ބޭފުޅެއްގެ ޢަމަލާއި ބަހުން ސާބިތުކޮށްދިނުމަކީ، ތިޔަ ސިފައިންގެ ކޮނޑުގައި، މިރެއިން ފެށިގެން އެޅިގެންދާ ވަރަށް މަތިވެރި ޤައުމީ ޒިންމާއެއް.

އާދެ! މިރޭ އަޅުގަނޑުމެން އައުކުރަމުން މި އަންނަނީ، ތިޔަބޭފުޅުން ކުރެއްވި ފަދަ ހުވައެއްގެ މަތީގައި ސާބިތުވެ ތިބި، ނޫކަށި ފުރައިގެ ޒުވާނުންތަކެއް، ޙުއްބުލް ވަޠަންގެ ވިންދާއި ޤައުމީ ޖޯޝްގައި، ދިވެހި އުންމަތަށް ހޯދައިދިން ވަރަށް މަތިވެރި ނަޞްރެއްގެ ހަނދާންތައް.

އާދެ! ނޮވެމްބަރު 3 އެއީ، ދިވެހިން ތަޖުރިބާކުރި ހިތްދަތި ކަޅު ދުވަހެއް. މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް، އެއަށްވުރެ މާ އުޖާލާ ފަތިހަކަށް ނިމިގެންދާ އުޞޫލުން، ނޮވެންބަރު 3 ވަނަ ދުވަހުގެ އިރު އުދަރެހާ ފަރުދާވެގެން ދިޔައީ، ދިވެހި އުޑުގައި، ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން. އާދެ، ނަޞްރާއި ނަސީބާއި ކާމިޔާބުގެ ރަމްޒަކަށް އެދުވަހު ވެގެންދިޔައީ، ޢަސްކަރިއްޔާގެ ހިތްވަރާއި ދިވެހި ރައްޔިތުންގެ ފަންވަރު.

އެ ދުވަހުގެ ނުރައްކާތެރި ޢުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ޙިކްމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އެމަނިކުފާނަށް ޝުކުރު ދަންނަވަން. އަދި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަން. ހަމައެފަދައިން، އެ ނުރައްކާތެރި ޢުދުވާނުން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި އެހީތެރިވެދިން، ރަޙްމަތްތެރި ޤައުމުތަކަށް، އަޅުގަނޑުމެން ނިހާޔަތަށް ޝުކުރު އަދާކުރަން. ޚާއްޞަކޮށް، ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށް ޝުކުރު ދަންނަވަން.

ނޮވެމްބަރު 3ގެ ޢުދުވާނުން އަޅުގަނޑުމެންނަށް އެތައް ޢިބްރަތަކާއި ފިލާވަޅުތަކެއް ލިބިއްޖެ. އެ ހާދިސާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، ދެވަނަފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުން.

މި ދިވެހި ފަސްގަނޑަކީ، ޤައުމީ އެތައް ބަޠަލުންނެއްގެ، ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއް. މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވި ޢާންމު ފަރުދުން. ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައިވެސް، ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ސާބިތުކޮށްދިނީ، އެ ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމި އެބައޮތްކަން. އޭގެފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއް.

މި ލޮބުވެތި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ތައްޔާރަށް ތިބި، ފަޚުރުވެރި ރައްޔިތުންތަކެއް މި ޤައުމުގައި ދިރި އާލާވަމުން އަންނަކަމަކީ، ހަމަޖެހުމާއި ޞުލްހަމަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ އަލިގަދަ ހެތްކެއް. އެފަދަ ރައްޔިތުންތަކެއް އުފެދެމުން އަންނަނީ، ރައްޔިތުންނާއި ޢަސްކަރިއްޔާއާ ދެމެދު އޮންނަ ފުރިހަމަ އިތުބާރާއި ބަދަހި ގުޅުމުގެ ސަބަބުންކަން ޔަޤީން. އެ ގުޅުން އިތުރަށް ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި، ރައްޔިތުންނާ ވީހާ ގާތުން ޢަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، މިހާރަށްވުރެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

ދުނިޔެ ދެކެމުން މި އަންނަ ޒަމާނީ ބަދަލުތަކާއި، އާ ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ ކުރިއެރުންތަކާއެކު، ޤައުމުތަކުގެ ޢަސްކަރީ އަދި ދިފާޢީ އިސްރާޖީއަށްވެސް ވަނީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައި. އެފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ދިފާޢަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ތަފާތުވެއްޖެ. އަޅުގަނޑުމެންވެސް އެ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި އެކަންކަމަށް ތައްޔާރުވެ، ސިޔާސަތުތައް އަލުން ވިލަރެސް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.

ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައި އެބަހުރި. އަދި ސިފައިންގެ ވެލްފެއަރ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ޢަމަލީ ގޮތުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން. އެހެންކަމުން ދިވެހި ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި، ދިވެހި ޢަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމުގައި މި ފުރުޞަތުގައި ދަންނަވަން.

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ސިފައިންގެ ކޯސްޓް ގާޑަކީ، ޢަސްކަރީ އަދި މަދަނީ ވަރަށް ގިނަ ޚިދުމަތްތަކަކާ ގުޅިފައިވާ ބައެއް. ރާއްޖޭގެ މި ބިޔަ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިން. ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައިވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއް. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

ދިވެހި ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަންޖެހޭނީ، ތިޔަ ސިފައިން ކޮށްފައިވާ ހުވާ. ޢާންމު ރައްޔިތެއްގެ ހައިސިއްޔަތު ދޫކޮށް، ސިފައިންގެ މީހަކަށް ބަދަލުވުމާއެކު، ތިޔަ ސިފައިންގެ ކޮނޑުގައި އެޅިފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ނުރައްކާތެރި ޤައުމީ ވާޖިބެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ.

ރައްޔިތުންގެ އިތުބާރަކީ ތިޔަ ސިފައިން. އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސް އަށް ފުރިހަމައަށް ޢަމަލުކޮށް، ޢަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެން. އެހެންކަމުން، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

ޢަސްކަރީ ޢުދުވާނެއް ކަމަށްވިޔަސް، ޤުދުރަތީ ކާރިޘާއެއް ކަމަށްވިޔަސް، ޤައުމާއި ރައްޔިތުން ދިފާޢުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ތިޔަ ހިތްވަރުގަދަ ސިފައިން. މި ސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ދިވެހި އުންމަތުގެ ޝަރަފާއި ޢިއްޒަތް ތާއަބަދަށް ރައްކާތެރިކަމުގައި ދެމެހެއްޓެވުން. ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ބާއްޖަވެރިކަން މިންވަރުކުރައްވައި، ދިވެހި ޢަސްކަރިއްޔާއަށް ކާމިޔާބާއި ކުރިއެރުން ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގަންނުވައި، ނަޞްރާއި ނަސީބުގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.