بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ޞިއްޙަތާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ އަމީން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް، އައި.ޖީ.އެމް ހޮސްޕިޓަލްގެ ސީ.އީ.އޯ އިބްރާހީމް ސަލީމް، ޤައުމީ ޔުނިވަރސިޓީ އަދި އައި.ޖީ.އެމް ހޮސްޕިޓަލްގެ އިސްވެރިން، މިނިސްޓްރީ އޮފް ހެލްތްގެ އިސްވެރިން، މިއަދު މި ރަސްމިއްޔާތު މި ބޭއްވޭ، އެ ބަޔަކަށް ޚާއްޞަކުރެވޭ ޝަރަފުވެރި ބައިވެރިން، އަދި އެ ދަރިވަރުންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެނީ، ދިވެހިރާއްޖޭގައި މި ފެށިގެންދާ އާދެ، ޑޮކްޓަރީކަން ކިޔަވައިދިނުމުގެ އެންމެ ފުރަތަމަ މި ކޯހުގެ ބައިވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވުން.

އާދެ، ބޭސްވެރިކަމުގެ މަސައްކަތްތައް، ކަންތައްތައް ކިޔަވައިދިނުމަކީ، ދިވެހިރާއްޖޭގައި މީގެ އެތަކެއް އަހަރު ކުރީއްސުރެ ފެށިގެން އެކި ލެވެލްތަކުގައި ކުރަމުންދާ ކަމެއް. އާދެ، އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުޅިން ތަފާތުކޮށް، އާދެ، ޑޮކްޓަރުން ޤައުމުގައި ތިބެގެން ތައްޔާރުކުރުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ކުރަމުންދާ ތަން. މިއީ އަޅުގަނޑުމެންގެ ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއެއް. އަދި ދިވެހި ރައްޔިތުން އެކަމަކަށްޓަކައި ފަޚުރުވެރިވާންޖެހޭވަރުގެ ކަމެއް.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ކަމެއް އެންމެ ފުރަތަމަ ފަށްޓާއިރު، އެންމެ ފުރަތަމަ އެ ކަންތައް ފަށާ ބަޔަކީ އެއީ ވަރަށްބޮޑު މަސްއޫލިއްޔަތެއް، ވަރަށްބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެއް.

އާދެ، އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންނަށް ދަންނަވާލަން އޮތީ، މިކަމުގެ މުހިންމުކަމުގެ މައްޗަށް ވިސްނަވައި، އިތުބާރު ހޯދުމަށްޓަކައި ތިޔަ ދަރިވަރުން މަސައްކަތް ކުރައްވާށޭ. ތިޔަ ދަރިވަރުން މިއަދު ހޯއްދެވި އިތުބާރަކުން ނޫނީ، ފަހުން އަންނަ ދަރިވަރުންނަށް އިތުބާރު ނުލިބޭނެ.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، މަސައްކަތުގެ ވަރަށް ގިނަ ދާއިރާތައް އެބަހުރި. ތަފާތު އެކި މަސައްކަތްތައް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެން ގަބޫލުކުރަމު، ދުނިޔެމަތީގައި އަޅުގަނޑުމެންނަށް މަސައްކަތްތެރިކަމުގެ ތެރެއިން އެންމެ މުހިންމު، އެންމެ ބޮޑަށް އެކަމަކަށް ފަރުވާތެރިވާންޖެހޭ ކަމަކީ އާދެ، ޑޮކްޓަރީކަމާއި ނުވަތަ ތިޔަ ކުދިން މިއަދު ތިޔަ ދަސްކުރަމުންދާ ކަންތައްތައް. އާދެ، ބަލިމީހަކަށް ފަރުވާދިނުމުގައި، ވަރަށްބޮޑު ރޯލަކަށް ވެގެންދޭ، ހިތްހެޔޮކަމާއި އަޅައިލުން. ފަރުވާގެ އެއްބައި އެއީ.

އެހެންވީމާ، މިއަދު އަޅުގަނޑު ތިޔަ ދަރިވަރުންނަށް ނަޞޭހަތްތެރިވާން އޮތީ، ދަންނަވާލަން ބޭނުންވަނީ، ހިތްހެޔޮކަމާއެކު، އަޅައިލުމާއެކު ތިޔަ ދަރިވަރުންގެ ހުރިހާ ޢަމަލުތަކެއް ބަހައްޓަވާށޭ. މިއަދު ފިލާވަޅުތައް ދަސްކުރުމުގައި، ދަސްކޮށްދޭ ފަރާތްތަކުން އެ ދަސްކޮށްދޭ ފިލާވަޅުތަކުގެ މައްޗަށް ވަރަށް ރަނގަޅަށް ކޮންސެންޓްރޭޓްކޮށް، ތިޔަ ދަސްކުރާ ކަންތައްތައް އެންމެ ފުރިހަމައަށް ދަސްކުރުމަށް، ފުރިހަމަ ސަމާލުކަމެއް ދެއްވާށޭ.

އާދެ، އަޅުގަނޑު ތިޔަ ދަރިވަރުންނަށް ދަންނަވަން އޮތީ، އަމިއްލަ ނަފްސަށް އިތުބާރު ލިބިގަންނާށޭ. އިތުބާރު ކުރާށޭ. އަޅުގަނޑުމެންނަށް އެނގޭ، ދިވެހީންނަކީ ކުރާ ކޮންމެ ކަމެއްގައި ވަރަށް މަތީ ހަރުފަތްތަކަށް ވާސިލުވާ ބައެއް. ތަޢުލީމީ ދާއިރާގައި އަދި އެ ނޫން ދާއިރާތަކުގައިވެސް ދުނިޔޭގެ ޤައުމުތަކުގައި ވާދަކޮށް، ރަން ވަނަތަކެއް ހޯދާ ބައެއް.

މިއަދު އަޅުގަނޑުމެން ތިޔަ ކުދިންގެ މައްޗަށް ޔަޤީން ކުރަނީ، ދިވެހިރާއްޖޭގައި މިއަދު ތިޔަ ކުރިއަށްގެންދާ ކިޔެވުމުގެ ތިޔަ ކަންތަކާއި އަދި މިއަދު ތިޔަ ކުދިން ތިޔަ ފަށްޓާ ކްލިނިކަލް ތަމްރީނުތަކުން ތިޔަ ކުދިންނަށް އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދިދާނެކަން. ދިވެހި ޤައުމުގައި ކިޔަވައި ދުނިޔޭގެ ފެންވަރުގެ ނަތީޖާތަކެއް ތިޔަ ކުދިންނަށް ހާސިލު ކުރެވިދާނެކަން.

އާދެ، އަޅުގަނޑުމެންނަށް ދެންމެ އަޑުއިވިގެންދިޔައީ، 80 ޕަސެންޓުން، 70 ޕަސެންޓުން، 60 ޕަސެންޓުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި އަދިވެސް ބޭރު މީހުން، ބޭރުގެ ޑޮކްޓަރުން ތިބިކަން.

އާދެ، މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރައްޔިތުންނަށް ފަރުވާދިނުމަށްޓަކައި، ޚިދުމަތް ދިނުމަށްޓަކައި، ދުނިޔޭގެ އެކި ޤައުމުތަކުން އަޅުގަނޑުމެންނާއެކު މަސައްކަތުގައި ބައިވެރިވެ، އެ މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އެ އަގުވެސް ވަޒަންކުރަން. އެ ފަރާތްތަކަށް އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ޝުކުރުވެސް ދަންނަވަން.

އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނަންޖެހެނީ އެތައް އަހަރުތަކެއް ފަހަށް. އަޅުގަނޑުމެން ހަމައެކަނި ވިސްނަންޖެހެނީ މާދަމައަކަށް ނޫން. އަޅުގަނޑުމެން ޤައުމުގެ މުސްތަޤުބަލު އުޖާލާކޮށް، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކޮށް، ތަރައްޤީއަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނީ، ދިވެހީންގެ އަތްމައްޗަށް ވީހާވެސް ގިނަ މަސައްކަތްތަކެއް ގެނެވިގެން. އަދި އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމީ އަދި މަސައްކަތްތެރި ކޮންމެ މީހަކީ، ރަނގަޅު ވަޒީފާއެއްގައި ހުންނަ މީހަކަށް، ރަނގަޅު އާމްދަނީއެއް ހޯދާ މަސައްކަތްކުރާ މީހަކަށްވެގެން. އެއްވެސް މީހަކީ، އުނގެނިގެން، ތަޖުރިބާތަކެއް ލިބިގެން، ތަޢުލީމު ލިބިގެން މަސައްކަތެއް ނުކޮށް ހުންނަ މީހެއް ކަމަށްވަންޏާ، އެއީ ވަރަށް ދެރަ ކަމެއް. އެއީ ވަރަށް ނިކަމެތި ކަމެއް.

އެހެންވީމާ، މިއަދު އަޅުގަނޑު ތަކުރާރުކޮށް، ތިޔަ ހުރިހާ ދަރިވަރުންނަށް، ބައިވެރިންނަށް ދަންނަވަން އޮތީ، މި ކަންތައްތަކާ ވިސްނައި، ތިޔައިން ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެފަދަ ޤާބިލު ކުއްޖަކަށްވުމަށްޓަކައި، ދެންމެ ތިޔަ ކުދިން ތިޔަ ކުރެއްވި ހުވަޔާ އެއްގޮތަށް ވަރުގަދަ ޢަޒުމެއްގައި މަސައްކަތްކުރާށޭ.

އާދެ، އަޅުގަނޑުމެން މިއަދު ޞިއްޙީ ދާއިރާތަކުން މިފަދަ މަސައްކަތްތަކެއް، ޤައުމީ ޔުނިވަރސިޓީއިން، ދިވެހިރާއްޖޭގެ ސަރުކާރުން ކަމާބެހޭ އެންމެހައި ފަރާތްތަކުން މި ކަންތައްތައް ކުރަމުންދާއިރު، ވަރަށް ގިނަ ކަންތައްތަކަކަށް ވިސްނަން އެބަޖެހޭ.

އާދެ، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަރަށް ޚާއްޞަ ސަމާލުކަމެއް، ދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތަކަށް އެބަ ދެއްވާ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި، މުޅި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަން، އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އާދެ، ދިވެހިރާއްޖޭގެ ސަރުކާރަކުން، ޞިއްޙީ ދާއިރާގެ ކަންތައްތައް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އެ ރައްޔިތެއްގެ ރަށުން، އަތޮޅުން، ޚިދުމަތް ނުލިބޭ މިންވަރަށް ޚިދުމަތްތައް ދިނުމަށްޓަކައި ދުވަހަކުވެސް ނުކުރާ ގިނަ މަސައްކަތްތަކެއް މިހާރު ކުރާތަން އެބަފެނޭ. އާދެ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިހާރުވެސް، މިވަގުތުވެސް، ޞިއްޙީ ދާއިރާ ފުޅާކުރުމަށްޓަކައި، ދިވެހި ސަރުކާރުން ކުރަމުންދާ ގިނަގުނަ މަސައްކަތްތައް. ކުރަމުންދާ ހޭދަތައް.

އާދެ، ހަމަމިއާއެކު، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި އަޅުގަނޑުމެން ކަންކަމަށް ސަމާލުވާން އެބަޖެހޭ. ކޮންމެ މީހަކީ ބަލިވުމުން ޑޮކްޓަރަށް ދައްކާ މީހަކަށްވުމުގެ ބަދަލުގައި، ބަލިތަކުން އަޅުގަނޑުމެން ސަލާމަތްވެ ތިބުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަޅުގަނޑުމެން އަދާކުރަން އެބަޖެހޭ. ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. އަޅުގަނޑުމެންނަކީ ކުދިކުދި ރަށްތަކުގައި، ގިނަ ބަޔަކު އެއްކޮށް އުޅޭ ބައެއްކަން ދަނެގެން، އަޅުގަނޑުމެން ވީހާވެސް ބޮޑަކަށް، މި ދެންނެވިހެން ސާފުތާހިރުކަމާއި، އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބަލިތަކަށް ސަމާލުވެ، މި ކަންތައްތަކަށް އަބަދުވެސް ވިސްނައި، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރީން، މި ކަންތައްތަކުން ސަލާމަތްކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، މިއަދު ޤައުމުގައި ކުރާ ކޮންމެ ކަމަކީ، ގިނަ ބަޔަކު، މުޅި ރައްޔިތުން ޝާމިލުވެގެން އެއްކޮށް ކުރާ މަސައްކަތަކުން ނޫނީ ކާމިޔާބު ނުވާނޭ ކަމެއްކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ކޮންމެ މީހެއްގެވެސް ހިއްސާއަކީ، މުހިންމު ކަމެއްކަން ދަނެގެން، އަޅުގަނޑުމެން ފަރުދީ ޒިންމާ އަދާކުރަން އެބަޖެހޭ. އާދެ، މިއަދުގެ ދަރިވަރުންނާއި، އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ޤައުމަށްޓަކައި ކޮންމެވެސް ޚިދުމަތެއް، އަގުހުރި ކަންތައްތަކެއް ކޮށްދެވޭ މީހަކަށްވުމަށްޓަކައި މަސައްކަތްކޮށް އަދި އެ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަޖެހޭ.

އާދެ، މިފަދަ މުހިންމު މަސައްކަތްތަކެއް، ޕްރޮގްރާމްތަކެއް ފެށިގެންދާއިރު، އެކަމުގައި ޝާމިލުވާ، އެކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބަޔަކު ތިބޭނެ. ކުރައްވަމުން ގެންދަވާ ބަޔަކު ތިބޭނެ. އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެނީ، ރަނގަޅު ކޮންމެ ކަމަކަށް، އަޅުގަނޑުމެން އެޕްރިޝިއޭޓް ކުރަން އެބަޖެހޭ. ކަންކަން ބަލައިގަންނަ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެން، މުސްލިމުން ގޮތުގައި ތިބެގެން، އަޅުގަނޑުމެންގެ މައްޗަށް އޮތް މުހިންމު އެއް ވާޖިބަކީވެސް މީހުންކުރާ ހެޔޮ ކަންތައްތައް ބަލައިގަނެ، ރަނގަޅު ކަންތައްތަކުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް ވާގިވެރިވުން.

އެހެންވީމާ، މިއަދު އަޅުގަނޑު ތިޔަ އެންމެހައި ދަރިވަރުންނާއި، އަދި އެންމެހައި ދިވެހި ރައްޔިތުންނަށް ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ފެށިގެން އޮތް، ރީތި އާދަ، އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އަނެކާ ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ، އެ ކަންތައްތަކަށް ވާގިވެރިވުން މިއީ އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ޅަދަރީންނަށް މާދަމާ ޤައުމު އުޖާލާކުރަން އަޅުގަނޑުމެން ބޭނުންވާ ކަމަށްވަންޏާ، ކުރަންޖެހޭ ކަމަކީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދަންނަވާލާނީ، މިއަދު މި މުހިންމު ޕްރޮގްރާމުގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމީ އެއީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ދެކެން ބޭނުންވަނީ، ދިވެހިރާއްޖޭގެ ކުރިމަގުގައި ރާއްޖޭގެ އެންމެހައި ރަށްތަކުގައި، ވީހާވެސް ގިނަ އަދަދަކަށް ދިވެހިން، ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގައި ގިނަ އަދަދަކަށް ދިވެހިން ތިބެ، ދިވެހީންނަށް ވަރަށް ކުލުނާއެކު، ވަރަށް އޯގާތެރިކަމާއެކު، އެ ޚިދުމަތް ދެވިގެންދާ ތަން. އާދެ، އަޅުގަނޑު ތިޔަ އެންމެހައި ދަރިވަރުންނަށް އެދެނީ ކާމިޔާބަށް.

އަޅުގަނޑުގެ ދުޢާއަކީ، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތާއި، އަދި ތިޔަ ދަރިވަރުން، މިއަދު އުނގެނުމުގެ ތެރެއިން އުނގެނިގަތުމަށްޓަކައި ތިޔަކުރާ އެންމެހައި މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، ޤައުމައިގެން ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.