بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަލްފާޟިލް ޢަލީ ހާޝިމް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެންބަރު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ބޯޑު މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިހާރު ކަޑައްތުކުރަމުން މި އަންނަނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާމެދު، ފުން ނަޒަރަކުން ވިސްނަން ޖެހިފައިވާ ދުވަސްވަރެއް. މިފަދަ ދުވަސްވަރެއްގައި، މިފަދަ ފޯރަމެއް ބާއްވާކަމަށްޓަކައި، މި ފޯރަމް އިންތިޒާމް ކުރެއްވި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެރިންނަށާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ފޯރަމްގައި ބައިވެރިވާ، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުޙަބާވެސް ދަންނަވަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޢުމުރުގެ މީހުން، ނުވަތަ މި ޖީލުގެ މީހުން ދުނިޔެއަށް ނޭވާލާން ފެށިއިރު، ރާއްޖެއަކީ ވަރަށް ފަޤީރު ޤައުމެއް. ނަމަވެސް، އަބަދުވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތަރައްޤީވެ ކުރިއަރަން މަސައްކަތް ކުރާ ޤައުމެއް. އޭގެ އެންމެ ބޮޑު ހެއްކަކީ، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައިގެންދިޔަ މިންވަރު.

މީގެ އެންމެ 8 އަހަރު ކުރިން، އާދެ، 2011 ވަނަ އަހަރާ ހަމައަށް ރާއްޖެ އޮތީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި. ނަމަވެސް، އެ އަހަރުގެ ތެރޭގައި ރާއްޖެ ވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ނުވަތަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް ހިޖުރަކޮށްފައި.

އެއީ، ބައިނަލްއަޤްވާމީ އިޤްތިޞާދީ މިންގަނޑުން ޤައުމުތައް ގިންތިކުރުމުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް. ނަމަވެސް، އެ ބަދަލުގެ ސަބަބުން، ރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ބައިނަލްއަޤްވާމީ ވިޔަފާރީގައި، އޭގެ ކުރިން ރާއްޖެއަށް ލިބެންހުރި ބައެއް ޢިނާޔަތްތައް ހުއްޓިގެންދިޔަ. އެ ދުވަސްވަރު އެކަން ތަޖުރިބާ ކުރެއްވި ކިތަންމެ ބޭފުޅުންނެއް މި ފޯރަމްގައިވެސް އެބަތިއްބެވި.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ، އޭގެ ޒާތުގައި ރާއްޖެއަށް ލިބުނު މާބޮޑު ކުރިއެރުމެއް ނޫން. ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ދެންނެވި ބަދަލުގެ ސަބަބުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދަން ރާއްޖެއަށް މަޖުބޫރުވޭ.

އަޅުގަނޑު ގަބޫލުކުރާ ގޮތުން، މި ފޯރަމަކީ އެކަމަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމެއް. ކެޕިޓަލް މާކެޓަކީ ރާއްޖޭގެ އިޤްތިޞާދަށް ހަކަތަ ފޯރުކޮށްދޭ މައި އިންޖީނު. ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.

ވަކިން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މި ފޯރަމަށް ކަނޑައަޅުއްވާފައިވާ ޝިޢާރު؛
Capital Market for Social Harmony

އާދެ! އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި، ކެޕިޓަލް މާކެޓަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ. ކޮންމެ މުޖުތަމަޢެއްގެވެސް ހަމަޖެހުމާއި އަމާންކަން ބިނާވެފައި މި އޮންނަނީ، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ފަރުދުންގެ ފުދުންތެރިކަމާއި ތިޔާގިކަމުގެ މައްޗަށް. ޒަރޫރީ ބޭނުންތައް ފުއްދޭވަރަށްވުރެ ފަޤީރުކަމާއި އަތްމަތި ދަތިކަން އިތުރުވުމުން، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް މަގު ފަހިވެގެންދޭ.

ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގައި ޢަމަލީ ގޮތުން ކޮންމެ މީހަކަށް ބައިވެރިނުވެވިދާނެ. ނަމަވެސް، ކެޕިޓަލް މާކެޓް މެދުވެރިކޮށް، ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވުމަކީ، ކޮންމެ ފަރުދަކަށްވެސް އޮތް ފުރުޞަތެއް. ޤައުމީ ޞިނާޢަތްތަކުގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، ކެޕިޓަލް މާކެޓުގެ ޙިއްޞާ ވަރަށް ބޮޑު.

މުޅި މުޖުތަމަޢުގެ ނިސްބަތުން ބަލާއިރު، ފަރުދުންގެ ފުދުންތެރިކަން ބިނާވެފައި އޮންނަނީ، ހަމައެކަނި ވަޒީފާއިން ލިބޭ އާމްދަނީގެ މައްޗަކަށް ނޫން. ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ދައުރު، މިކަމުގައި މާ ބޮޑު. ރާއްޖެއަށް ބަލާއިރު، އިޤްތިޞާދީ ވައްބުރުގެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް.

ރާއްޖޭގައި މިހާރުވެސް ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ ނިޒާމުވެސް އެބައޮތް. ނަމަވެސް، މި ވިޔަފާރިތަކަށް ކުރިއެރުމުގައި ދިމާވާ ގޮންޖެހުންތަކެއް އެބަހުރި. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ވިޔަފާރިތަކަށް އެކަށޭނަ މިންވަރަށް، ރާއްޖޭގެ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުން. ހަމައެކަނި ބޭންކިންގ ނިޒާމުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބޭކަށް ނެތް.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކުރާ އުޞޫލަށް ބަލާއިރު، ރާއްޖޭގެ މި މައްސަލައަށްވެސް އޮތް އެންމެ ރަނގަޅު ޙައްލެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ކެޕިޓަލް މާކެޓް. ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓް ހެދިދާނެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތަކެއް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، މި ދެންނެވި ސްކީމްތައް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް.

ރާއްޖޭގެ އާބާދީ ކުޑަވުމާއި، ކުދި ރަށްރަށަށް އާބާދީ ފެތުރިފައި އޮތުމަކީ، ތަރައްޤީގެ މަޝްރޫޢުތަކުގައި ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަކީން ބޮޑު ގޮންޖެހުމެއް. ނަމަވެސް، މާލީ އިދާރާތައް ގުޅިގެން މިކަމަށް އެދެވޭ ހައްލުތަކެއް ހޯދިދާނެ.

އިންވެސްޓްމަންޓް ބޭންކިންގ ތަޢާރަފްކޮށް، ސަރުކާރާއި ބޭންކްތަކާއި، އެހެނިހެން އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ކެޕިޓަލް މާކެޓުގައި ފަންޑުތައް ޤާއިމުކުރެވިދާނެ. އަދި "ޕަބްލިކް - ޕްރައިވެޓް ޕާޓްނަރޝިޕް"ގެ އުޞޫލުން އިންވެސްޓްމަންޓްތައް ބައްޓަންކޮށް، މިފަދަ ފަންޑުތައް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންޑު، ކެޕިޓަލް މާކެޓު މެދުވެރިކޮށް ފޯރުކޮށްދެވިދާނެ.

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަޅުގަނޑު ވާނީ، "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދާފައި. މިއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް. ބޭނުމަކީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުން.

އަދި ރާއްޖޭގެ ސިނާޢަތްތަކުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. މި ދެންނެވި ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމަށް ކެޕިޓަލް މާކެޓަކީ ވަރަށް އެކަށޭނަ މުއައްސަސާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ ވަރަށް ބޮޑު ބައެއް، ރާއްޖޭގެ އިޤްތިޞާދުން ބޭރުވެގެން އެބަދޭ. އެއީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ރާއްޖޭގައި އިތުރަށް އިންވެސްޓްކުރެވޭނެ ވަސީލަތްތައް ހަމަޖެހިފައި ނެތުމުން.

ނަމަވެސް، މި ފައިސާ އިންވެސްޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި ތަޢާރަފްކުރުމަކީ، ރާއްޖޭގެ މާކެޓުން ލިބޭ ފަންޑު އިތުރުކުރުމަށް އޮތް ބޮޑު ފުރުޞަތެއް. ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ކްރޮސް ބޯޑަރ ފްރޭމްވާރކްތައް ތަޢާރަފްކޮށްގެން، ބޭރުގެ އިންވެސްޓަރުންނަށް މިފަދަ ފަންޑުތައް ހުޅުވާލައި، ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ އަދަދަށް ފަންޑު ލިބޭނެ ގޮތްތައް ހޯދިދާނެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ކެޕިޓަލް މާކެޓުގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫތައް ހަލުވި ދުވެއްޔެއްގައި ހިންގިދާނެ. އޭރުން ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުން ވަރަށް ފަސޭހަވާނެ.

ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަޞައްވުރެއް. އެހެންކަމުން، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން.

ސަރުކާރުގެ އިސްނެގުމާއެކު، އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރެވެމުން. މި މަޝްރޫޢާއި އަދި މި ފަދަ އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ، ޢާންމުންގެ ބައިވެރިވުމާއެކު، އިސްލާމިކް ކެޕިޓަލް މާކެޓުގެ ތެރެއިން ހަމަޖެއްސުމަކީ، މި ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް.

ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު. ފަސްގަނޑު ތިރިވެފައި، ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ޤައުމެއް. އެހެންކަމުން، އަޅުގަނޑުމެން ތަރައްޤީގެ ރޮނގުން އެންމެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް އަޅުގަނޑު ދެކެން. އެންމެންވެސް އެއްބަސްވާ ޙަޤީޤަތަކީ ރާއްޖެ ދެމިއޮންނާނީ ތިމާވެށި ހިމާޔަތް ކުރެވިގެންކަން.

ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މާލީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މާލީ ދާއިރާއިން ތިމާވެށީގެ ހިމާޔަތުގައި ދެގޮތަކަށް ކުރިއަށް ދެވިދާނެ ކަމަށް ފެނޭ. އެއީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން. އަނެއް ގޮތަކީ ޚިދުމަތް ދިނުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަ ގޮތަކަށް ކުރިއަށްދިޔުން.

މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުމެން ތަރައްޤީ ހާސިލުކުރަން ބޭނުންވަނީވެސް ދެމެހެއްޓެނިވި ގޮތެއްގައި. އެކަން ކުރެވޭނީ، ވަގުތީ ޙައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ޙައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަންދީގެން. ތިޔަބޭފުޅުން މި ފޯރަމްގައި މަޝްވަރާ ކުރައްވާއިރުވެސް، ވިސްނުން އަމާޒުކުރައްވަންވީ ހަމައެކަނި މިއަދުގެ މައްސަލަތަކަކަށް ނޫން.

އަޅުގަނޑުމެން އެންމެންވެސް މި ކުރަނީ ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން ގުޅިގެން، އެއް ޢަޒުމެއްގައި މަސައްކަތް ކޮށްފިއްޔާ، ނަތީޖާ ހާސިލުކުރުމަކީ މާ ދަތިކަމަކަށް ނުވާނެ.

އަޅުގަނޑުގެ އުންމީދަކީ، މި ފޯރަމް ކާމިޔާބުވެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިކުރެވޭނެ ގޮތްތަކެއް އުފަންވެގެން ދިޔުން. ރާއްޖޭގެ އިޤްތިޞާދަށް ފާގަތިކަމާއި ކުރިއެރުން މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.