ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ، ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮށްޅު އެރުވުމަށްފަހު، ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައިވާ މިގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ދެޤައުމުގެ މެދުގައި މިހާރު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަނެ އެކުގައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.