ލިޓަސް 46ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ.

ކުޅިވަރު އެކުވެނީގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ 1ވަނަ ޑިވިޝަންގައި މިރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލްގައި، މުޙައްމަދު  އަޖުފާން ރަޝީދު އަދި ނިބާލް އަޙްމަދު ބައްދަލުކުރި މެޗް ބައްލަވައިލައްވާފައެވެ. މި މެޗް ކާމިޔާބުކުރީ މުޙައްމަދު އަޖުފާން ރަޝީދެވެ.
މި މުބާރާތުގެ ފިރިހެން، އެއްވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ވާދައިގެ ތަށި ޗެންޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސްއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގެ އޯޕަން އިވެންޓުގައި 110 ކުޅުންތެރިން  ބައިބެރިވެއެވެ. އަދި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި 3 ޓީމު ވާދަކޮށްފައިވާއިރު ދެވަނަ ޑިވިޝަނުގައި 9 ޓީމު ވާދަކޮށްފައިވެއެވެ.