بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިރާއްޖޭގެ މި އަހަރުގެ އުފާވެރި އަދި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ރާއްޖޭގެ ޤައުމިއްޔަތާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި، އެންމެހައި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެބަޠަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން] އެރުވުނު ދެބޭފުޅުންނަށް، އާދެ، ހެންވޭރު ހިކަރި އަޙްމަދު އާދަމަށާއި، ހެންވޭރު އާމުލީގޭ ޢަބްދުﷲ ޞާދިޤަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

މި ޖަލްސާގައި ދެންމެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ރިޕޯޓުންވެސް އެބޭފުޅުން ޤައުމަށް ކޮށްދެއްވި ޚިދުމަތްތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. އާދެ، އެ ދެބޭފުޅުންގެ ތެރެއިން އަޙްމަދު އާދަމަކީ، ޤައުމީ ޚިދުމަތުގައި ރެޔާއި ދުވާލު ވަރުބަލިފުޅުވުމެއްނެތި، ޚާއްޞަކޮށް، އިންޖިނިއަރިންގގެ ދާއިރާއާއި، މަސައްކަތްތެރިކަމުގެ ދާއިރާއިން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް ހުނަރުވެރި ފަންނީ ބޭފުޅެއް.

ޢަބްދުﷲ ޞާދިޤަކީ، އެކި ރޮނގުރޮނގުން ދިވެހި އަދަބިއްޔާތަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވައި، އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއް. އެހެންކަމުން، އެ ދެބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

މިރޭގެ މި ޖަލްސާއަކީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާ ޖަލްސާ. އެހެންކަމުން، މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އެބޭފުޅުންގެ ތެރޭގައި، މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ތިން ބޭފުޅަކުވެސް ހިމެނޭ. އެހެންކަމުން، އެބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވައި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި، މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މިރޭ މި އިނާމު އެރުވޭ ހުރިހާ ބޭފުޅުންވެސް، އެބޭފުޅުން އެ ކުރައްވާ ޚިދުމަތުގައި އަދިވެސް އިތުރަށް ކުރިއަށް ވަޑައިގެން، ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

މި އަހަރުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، ކޮމިޓީގެ ޗެއަރޕަރސަން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަނީސާ އަޙްމަދަށާއި، ކޮމިޓީގެ ހުރިހާ މެމްބަރުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން އުވެމުން ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އެބަޖެހޭ. ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމަކީ، ދިވެހި ޤައުމިއްޔަތުގެ ވަރަށް މުހިންމު ބަހާއެއް. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައިވެސް ކުރަން ޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއް.

ރާއްޖޭގެ ޤައުމީ ދުވަހަކީ، ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރާ ހުރިހާ ދުވަސްތަކުގެ ތެރެއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް. ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާ އެންމެ ބޮޑަށް ގުޅިފައިވާ ދުވަހަކީ ޤައުމީ ދުވަސް.

ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން. މުސްތަޤިއްލު ޤައުމެއްގެ ނަމުގައި ބަޔަކު އުފަންވެ، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޭވާލުމުގެ ޙައްޤު ލިބިގެން އަންނަނީ، މި ދެންނެވި ސިފަތައް ފުރިހަމަވެގެން.

މި ރާއްޖޭގެ ލިޔެވިފައި އޮތް ތާރީޚު ހެކިދޭ ގޮތުން، ހިންދު ކަނޑުގެ ކުދި ޖަޒީރާތަކެއްގެ މާބަނޑުން، ދިވެހިރާއްޖެޔޭ މިކިޔާ ދައުލަތް އުފަންވެ ނޭވާލާން ފެށީ، މިދެންނެވި ހުރިހާ މިނިވަންކަމަކާއި ހުރިހާ ހައިސިއްޔަތެއް ލިބިގެން. އެއާއެކުވެސް، ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި، އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މި ދެންނެވި ސިފަތައް، އެތައް ފަހަރަކު ގެއްލިގެންދިޔަ.

ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް، ރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި މި ފާހަގަކުރަނީ، ކީއްވެތޯ އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ. އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ ކޮބައިތޯވެސް އެބަ ބަލައިލަންޖެހޭ. އެހެނީ ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުންތައް. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބަހާތަކަކީ، އަޅުގަނޑުމެން އެ ދީނެއް ގަބޫލުކޮށްގެން މިތިބަ، މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ މާދަރީ ބަހާއި، އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި ތަރިކަ.

އާދެ މީގެ 460 އަހަރު ކުރިން އުތީމު ތިން ބެއިން، ޤައުމީ ޖިހާދަށް ނުކުމެވަޑައިގެންނެވިއިރު، މި ރާއްޖޭގެ ޤައުމިއްޔަތުން ނުގެއްލޭ އެންމެ ސިފައެއް، ނިގުޅައިނުގަންނަ އެންމެ މިނިވަންކަމެއް، އަދި ދިވެހިންގެ ކިބައިން ފޭރިނުގަންނަ އެންމެ ޙައްޤެއްވެސް ނެތް. މިއީ އެ މިނިވަންކަމާއި، އެ ޙައްޤުތަކާއި އެ ޤައުމިއްޔަތު އަނބުރާ ދިވެހިންނަށް ލިބުމުގެ އުފާވެރި ހަނދާންތައް އައުކުރާ ދުވަސް.

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށްފަހު، ފާއިތުވެގެން މިދިޔަ އަހަރުތަކުގައި ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަމަށް ލޮޅުންއެރި ބައެއް ޙާދިޘާތައް އަޅުގަނޑުމެންނާ ކުރިމަތިވި. އެއިން ކޮންމެ ފަހަރަކު މި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ދިފާޢުކުރުމަށް، ހިތްވަރުގަދަ، ކެރޭ ދިވެހި ދަރިންތަކެއް ވަނީ ނުކުމެފައި. މިއަދަކީ އެފަދަ ހުރިހާ ޤައުމީ ބަޠަލުންގެ ޒިކުރާ އައުކުރަންވީ ދުވަސް.

އާދެ! މަތިވެރިވި ދިވެހި އަޖްދާދުންނަށް މަތިމައްޗަށް ހުންނަ މި ސާބަސްތައް
   ފަތިފައްޗަށް އަމުނައިގެން މިގޮތަށް، މަތިވެރި ޝުކުރު އަދާކުރަންވީ ދުވަސް.

21 ވަނަ ޤަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން އަންނައިރު، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިއްޖެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް މިވަނީ ލިބިފައި.

އޭގެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް އިންތިހާއަށް އެބަ ލިބޭ. ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފެށި. މިއަދު ހިތާމައާއެކު ދަންނަވަން ޖެހެނީ، އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ވާހަކަ. މިއީ ފެންނަން އޮތް ޙަޤީޤަތެއް.

ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދޭ. ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައިވެސް އެބަ ބުނޭ. އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދޭ.

އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ގޮތްތައް، ޢާންމު ދިރިއުޅުމުގެ ތެރެއަށް އެބަ ވައްދާ. ދީނުގެ ދިފާޢުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވަމުން އެބަދޭ. އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، ޢާއިލާތައް ބިކަކުރަމުން އެބަދޭ. މިއަދު އެއްފަހަރާ އެއްއަޑުން އަޅުގަނޑުމެން އެންމެން މިކަންކަމަށް ނޫނެކޭ ބުނަން އެބަޖެހޭ.

މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

ހަމައެފަދައިން އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުޞަތު ނުދޭނެ ވާހަކަ ދަންނަވަން.

މިއީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން. މިއީ މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއް. މިއަދު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މިއަދު މިކަންކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެދުވަހު ކޮބައިތޯ؟

މިކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބަޔަކު ތިބި. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަން އެބަޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ.

އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު،
މި ސަރުކާރުން ކުރާނެކަން.

ހަމައެފަދައިން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތައްވެސް، ޤާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ފުރުޞަތު، ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭނެކަން އަޅުގަނޑު ޔަޤީންކޮށް އަރުވަން. މި ސަރުކާރުން އެ މިނިވަންކަމަށް ހުރަހެއްނާޅާނެ.

އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި އެކަމަށް ޤާބިލް ޢިލްމުވެރިން އެބަ ތިއްބެވި. އިސްލާމީ ރިސާލަތުގެ އަސާސަކީވެސް، ޙިކްމަތްތެރިކަމާއި ރިވެތި ނަޞޭޙަތުން މީހުންނަށް ކަންކަން ވިސްނައިދީ، ހެޔޮ މަގު ދެއްކުން.

ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާށޭ. އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވާށޭ.

އަޅުގަނޑުގެ ހިތަށްއަރަނީ، އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ޙައްޤަކީބާވައޭ! ޞުލްޙަވެރިކަން، އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެބާވައޭ! އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ!

މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު. މި ޤައުމު ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން. މި ރާއްޖޭގެ ޤައުމިއްޔަތު ދެމެހެއްޓޭނީވެސް އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމިއްޔަތު، ދިރުވައި އާލާކޮށް، ދިވެހި އުންމަތުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުން މި އަންނަ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރައްވައި، އުފާވެރި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.