بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދިރާގުގެ ސީ.އީ.އޯ، މިނިސްޓަރ އޮފް އެޑިއުކޭޝަން، ދިރާގުގެ އިސް ވެރިންނާއި، މި ފެސްޓިވަލް އިންތިޒާމު ކުރުމަށްޓަކައި މަސައްކަތް ކުރެއްވި އެންމެހައި ފަރާތްތައް، އަދި ސްކޫލުގެ އިސް ވެރިންނާއި ބެލެނިވެރިން، އަދި އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން، ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރަން ބޭނުންވަނީ، ދިރާގުން މިފަދަ ފެސްޓިވަލެއް އިންތިޒާމުކުރީތީ. އާދެ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް މިއަދު މި ފެންނަ މަންޒަރުން ވަރަށްބޮޑު އުފާވެރިކަމެއް ލިބިގެންދޭ. އަޅުގަނޑުމެންނަށް މި މަންޒަރުން އެކަނިވެސް އެބަ ހާމަކޮށްދޭ، އަޅުގަނޑުމެންގެ ތެރޭގައި ބާކީކުރުމުގެ ސިޔާސަތު އެއްވެސްވަރަކަށް ނެތްކަން.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންގެ ތެރޭގައި ނުކުޅެދުންތެރިކަމެއް މީހެއްގެ ގައިގައި، ކުއްޖެއްގެ ގައިގައި ހުއްޓަސް އެއީ، މުޅި މުޖުތަމަޢުން ބާކީކޮށްލަންޖެހޭ އަދި ކަންތައްތައް ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ސަބަބެއް ނޫންކަން.

އާދެ، އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރުގެ އެކިއެކި އިވެންޓުތަކުގައިވެސް ދިވެހިރާއްޖެއަށް ވަރަށް ރީތި ވަނަތައް ވަނީ ލިބިފައި. އާދެ، މި ކަންތައްތައް ކުރުމުން، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، މިފަދަ ކުދިންނަށް، މިފަދަ ފަރާތްތަކަށް ވަރަށްބޮޑު ޔަޤީންކަމެއް، ވަރަށްބޮޑު ހިތްވަރެއް އަޅުގަނޑުމެންނަށް އެބަ ހޯދައިދެވޭކަން.

އަޅުގަނޑުމެން، ސްކޫލުން ބޭރުގަޔާއި އަދި ސްކޫލްތެރޭގައިވެސް އަޅުގަނޑު ގަބޫލުކުރަނީ ގިނަ ހަރަކާތްތަކެއް ހިންގަން އެބަޖެހޭކަން. އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢަކީ އެއްވެސް ހާލެއްގައި، އެއްވެސް މީހަކު ބާކީކުރެވޭގޮތަށް އިންތިޒާމުކޮށްގެންދާ ގޮތަކަށް އޮތް ކަމެއްނޫން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަކިން ޚާއްޞަކޮށް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒަކީ، ހުރިހާ އެންމެން ބައިވެރިކޮށްގެން މަސައްކަތްކުރުން. އާދެ، ތަޢުލީމީ ފުރުޞަތުތަކުން، އެއްވެސް ފަރާތެއް ބާކީނުކުރުން. އަޅުގަނޑުމެން މިއަދު ދަންނަވާލަން އޮތީ، ބެލެނިވެރިންނާއި އަދި ހުރިހާ ކުދިންނަށްވެސް އެ ކުދިންގެ ޙައްޤުތަކެއްވޭ، ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދޭން އެބަޖެހޭ.

އަޅުގަނޑުމެންނަށް ކުރީގައި ކޮންމެވެސްވަރެއްގެ އާދެ، އަޅުގަނޑުމެންނާ ބީރައްޓެހި ކަމެއް ހުއްޓަސް، މިއަދު ހަމަ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ވަރަށްބޮޑަށް ހޭލުންތެރިވެއްޖެ. އަޅުގަނޑުމެންގެ މި ކަންތައްތައް، މިދެންނެވި ގޮތަށް ހުރިހާ ކުދިންވެސް އާދެ، އެ ކުއްޖެއްގެ ޖިސްމާނީ އެ ހުންނަ ނުކުޅެދުންތެރިކަމަކަށް، ނޫނީ އެ ކަންތަކަށް ބެލުމެއްނެތި ބައިވެރިކުރުވުން، އެ ކުރިއަށް ގެންދާކަން މިއީ އަޅުގަނޑުމެން މިއަދު ހަމަ ފާހަގަކުރަންޖެހޭ ކަމެއް.

އާދެ، އަޅުގަނޑު ބެލެނިވެރިންނަށް ވަކިން ޚާއްޞަކޮށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރާނަން. މިހާރުވެސް އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައި ވަކިން ޚާއްޞަކޮށް، މި ކުދިންނަށް އެކިއެކި ފަރުވާތަކާއި، އެކިއެކި ކަންތައްތައް ކުރުމަށްޓަކައި، އެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް އެބަދޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަންދެނީ، ދިވެހި ސަރުކާރުން އެއްވެސް ހާލެއްގައި އެއްވެސް ކުއްޖަކު ބާކީކޮށް، އެކަހެރިކޮށް، އެފަދަ ކަމެއް ނުކުރާނަން.

އަޅުގަނޑުމެން މިއަދު ބޭނުންވަނީ، އެންމެން އެކުގައި މަސައްކަތްކުރަން. ދިވެހިރާއްޖެއަކީ މިއީ، އަޅުގަނޑުމެންގެ އެންމެންގެ ރާއްޖެއެއް. މިއީ ވަކި މީހެއްގެ ރާއްޖެއެއް ނޫން.

އެހެންވީމާ، މި ޤައުމުގެ ކަންތައްތައް ކުރުމުގައި، ކުރިއަށް ގެންދިޔުމުގައި އެންމެންގެ ބައިވެރިވުން، މި ޤައުމުގައި ހުރި ފުރުޞަތުތައް އެންމެންނަށް ހަމަހަމައަށް ލިބުން އެއީ އަޅުގަނޑުމެން އިންޞާފުވެރިކޮށް ހަމަހަމަކަމާއެކު ކަމެއް ކުރާކަމަށްވަންޏާ، ކަންތައްތައް ކުރިއަށް ގެންދަންޖެހޭނެ ގޮތް.

އަޅުގަނޑު މިއަދު މިނިސްޓަރ އޮފް އެޑިއުކޭޝަނަށްވެސް ދަންނަވާލަން ބޭނުންވަނީ، އިތުރު ފުރުޞަތުތައް، އަޅުގަނޑުމެން ހީނުކުރާފަދަ ހުނަރުތައް، މި ކުދިންގެ ގައިގައި އެބަހުއްޓޭ. އަޅުގަނޑުމެން އެ ހުނަރުތައް ހޯދައިގަންނަން އެބަޖެހޭ. އެއިން ފައިދާތަކެއް ކުރާނެކަން ޔަޤީން. އެހެންވީމާ، ކުރިއަށްއޮތް ތަނުގައި އިތުރަށް ރޭވިގެން، ގިނަގުނަ ޕްރޮގްރާމުތަކެއް އަޅުގަނޑުމެން ހިންގަން އެބަޖެހޭ.

ހަމައެއާއެކު، ސަރުކާރުގެ އަދި ދައުލަތުގެ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ވަޒީފާގެ ފުރުޞަތެއް ކިރިޔާވެސް ދެވެން އޮތް ކަމަށްވަންޏާ، އެއްވެސް ކުއްޖަކު ބާކީނުކޮށް، އަޅުގަނޑުމެން އެ ފުރުޞަތުތައް ހޯދައިދޭން އެބަޖެހެއޭ.

އާދެ، އެ ކުއްޖާއަށް އެ ލިބޭ ހިތްހަމަޖެހުމާއި، އެ ކުދިންގެ މައިންބަފައިންނަށް އެލިބޭ ހިތްހަމަޖެހުމަކީ އެއީ އަޅުގަނޑުމެން މިއަދު އެކަމަށްޓަކައި ބާރުއަޅައި މަސައްކަތް ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑަށް ވަރަށް ފުންކޮށް އިޙްސާސް ކުރެވޭ، އާދެ، މިފަދަ ކުދިންގެ ބެލެނިވެރިން ކުރާނެ އިޙްސާސްތައް، ވިސްނާނެ ވިސްނުންތައް ވަރަށް ގާތުން، ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގޭ.

އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކަމަކީ، ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން، ސަރުކާރުގެ ނިޒާމުތަކުގެ ތެރެއިން އަދި އަމިއްލަ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް، މި ކުދިންގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި އާދެ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ކޮންމެވެސް ކަމެއް ދަސްކޮށްދެއްވޭތޯ، އެ ކުއްޖެއްގެ ހުރި ހުނަރަކުން ޤާބިލުކަން އިތުރުކުރެވޭތޯ މަސައްކަތްތަކެއް ކޮށްދީ، އަމިއްލައަށް ކުރެވޭނެ ކަމެއް އެ ކުއްޖަކަށް ހޯދައިދިނުން.

އާދެ، އަޅުގަނޑު އަދިވެސް ތަކުރާރުކޮށް، އަޅުގަނޑުމެން އެ މަސައްކަތް ކުރާނެ ވާހަކަ، ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވަން.

އާދެ، މި ފުރުޞަތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ސްކޫލުތަކުންނާއި، އަމިއްލަ އެން.ޖީ.އޯސްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާކަން އަޅުގަނޑުމެންނަށް އެނގޭކަން. އާދެ، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި ޓްރެއިނިންގތަކާއި އެކިއެކި މަސައްކަތްތައް ދަސްކޮށްދީ، ހުނަރުތައް އާލާކުރުމަށްޓަކައިވެސް، ގިނަ އެން.ޖީ.އޯސްތަކަކުން މަސައްކަތް ކުރާކަން އަޅުގަނޑު ފާހަގަކޮށް، އެ ކަމަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަދި ވަކިން ޚާއްޞަކޮށް، ދިރާގުން މިފަދަ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު ފާހަގަކޮށް، ދިރާގަށް ޚާއްޞަ ޝުކުރެއް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑަށް މިއަދު މި ކުދިންނާއެކު ތިޔަބޭފުޅުންނާ އެއްކޮށް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމީ އެއީ ޙަޤީޤަތުގައިވެސް އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އާދެ، އެއްވެސް ހާލެއްގައި އަޅުގަނޑު މިތަނަށް އައުމުން އެއީ އަޅުގަނޑު ކޮށްދިން މާބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ހަމަގައިމުވެސް ނުދެކެން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް މިކަމުގައި ބައިވެރިވެވުން އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް.

އަޅުގަނޑުމެން މިތިބީ ވަރަށްބޮޑު ޒިންމާތަކަކާއެކު، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި މިފަދަ ކުދިންނަށް އަޅާލައި، މިފަދަ ކުދިންނަށް ރަނގަޅު އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި. އެއީ އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއް ނޫން. އެއީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އަޅުގަނޑުމެން އެ ކަންތައް މިއަދު ކުރަންޖެހޭނެ. އާދެ، މި ވާހަކަކޮޅާއެކު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މި ކުދިންގެ ޙައްޤުގަޔާއި، މުޅި ޤައުމުގެ ޙައްޤުގައި ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލެއްވައި އަދި އަޅުގަނޑުމެންގެ މަސައްކަތުން މި ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން އެދި اللّـه سبحـانـه وتعـالىގެ ހަޟުތަރުގައި ދުޢާ ދަންނަވަމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.