މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 5 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. 

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ (28 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެރޭ) 8:45 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.