ސުލްޙަ މަސަލަސްކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ދިވެހިރާއްޖެއިން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ ‏މިއަދު ފާހަގަކުރަމުންދާ 74 ވަނަ އ.ދ. ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
އ.ދ. ދުވަހެއް ފާހަގަކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްޙައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށްކަން ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އުފެއްދުމުގެ މަޤްޞަދުތައް ހާޞިލްކުރުމުގައި ސާބިތުކަމާއެކު މިހާތަނަށް ދެމިއޮތްކަން ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ރާއްޖެއިން އ.ދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެކަން ހާމަކުރައްވައި އ.ދ.ގެ ޗާޓަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެޖަމާޢަތުގައި ހިމެނޭ އެންމެހާ ޤައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ހާޞިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ އެކަންކަމުގެ ސަބަބުން ޤައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްޙަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބައްޓަންކުރެވިފައިވާ ފުރިހަމަ އޮނިގަނޑެއްކަން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް 2030 ވަނަ އަހަރުގެ ނިޔަލަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، މިކަންކަން ހާޞިލްކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާއި އެކުގައިވެސް ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން، މަޢުލޫމާތު ހިއްޞާކުރެވޭ މާހައުލެއްގެ ތެރެއިން ޙައްލުހޯދުމުގައި ރާއްޖެ ދެމިއޮންނާނެކަމަށްވެސް މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތުމަށްފަހު، އ.ދ. ގެ 74 ވަނަ އާއްމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިދިޔަ ސެޕްޓެމްބަރ މަހު ވަނީ ވަރަށް ތާރީޚީ ތަޤްރީރެއް ކުރައްވާފައެވެ. މި ތަޤްރީރުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން ރާއްޖެ އަލުން ބައިނަލްއަޤްވާމީ އިސް ސަފުގައި ހަރަކާތްތެރިވާން ފަށާނެކަމުގެ ހެޔޮ ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
އ.ދ. ދުވަހުގެ ގޮތުގައި 1948 ވަނަ އަހަރުން ފެށިގެން ފާހަގަކުރާ ދުވަހަކީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.