ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭ ދާއިރާއިން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ހޯއްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ޖަޕާނުގެ ޔޮކޮސުކާގައި ހުންނަ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ދަށުން ހިނގަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީއެވެ. އަދި އެސެންޓަރުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ އެމްއެންޑީއެފްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެމީހުންގެ ތަމްރީނާގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވިއެވެ.

މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި ތެއު ލީކުވުންފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާ އަދި ވިހަ މާއްދާތައް ލީކްވެ ފެތުރިގެންދާ ޙާލަތުގައި އެފަދަ މާއްދާތަކުން ރައްކާތެރިކަން ހޯދުންފަދަ ވަރަށް ފުރިހަމަ ތަމްރީނު ޕްރޮގްރާމުތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިންގ ސްޓޭޝަން އަދި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިޔަށްގެންދާ ސަރަހައްދަށް ވެސް ޒިޔާރަތްކުރެއްވިއެވެ. މިޒިޔާރަތުގައި މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުން ކުރިޔަށްގެންދާ ތަމްރީނުތަކާ ބެހޭ މަޢުލޫމާތު އެ ސެންޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މިއަހަރުގެ ކުރީކޮޅު ޖަޕާނު ސަރުކާރުން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެޤައުމުން ވަނީ ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ ވަށައިގެން ލާފައިވާ ތޮށްޓަކީ ވެސް މިދާއިރާއިން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހީއެކެވެ.