ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކާބެހޭ ދުވަހުގެ ޙަރަކާތްތައް، ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. ދުނިޔޭގެ ކަނޑުތަކާބެހޭ ދުވަހަކީ، ބައިނަލްއަޤްވާމީ ފެންވަރެއްގައި މިއަހަރު އަލަށް ފާހަގަކުރަން ފަށާ ދުވަހެކެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން ނިންމަވާފައިވަނީ، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހަކީ، ”ވާރލްޑް އޯޝަންސް ޑޭ“ގެ ގޮތުގައި ފާހަގަކުރެއްވުމަށެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު ނިންމެވީ، ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ދެމެދު ތަފާތު ޕްރޮގްރާމްތަކާއި، ކަމާގުޅޭ އެކިއެކި ޙަރަކާތްތައް ހިންގެވުމަށެވެ. މިގޮތުން ނިންމެވި ބައެއް ކަންތައްތަކުގެ ތެރޭގައި، ބ. ހަނިފަރު، ބ. އަނގަފަރު، އަދި އ.ދ. މާމިގިލީ ކައިރީގައި އޮންނަ ފެހުރިހި އުޅޭ ސަރަޙައްދު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ޤާނޫނުގެ ދަށުން ޙިމާޔަތް ކުރައްވައި، އެކަން އިޢްލާނު ކުރެއްވުމާއި، ކަރބަން ނިއުޓްރަލްގެ 7 އެވޯޑެއް ތަޢާރުފު ކުރެއްވުން ހިމެނެއެވެ. އަދި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިގައި، ތިމާވެށްޓާ ރަޙްމަތްތެރި އާދަތައް އަށަގެންނެވުމުގެ ގޮތުންނާއި، ދުއްވާ އެއްޗެހި ބޭނުންކުރުން މަދުކުރެއްވުމުގެ ގޮތުންނާއި، މާޙައުލު ކިލަނބުވުން ކުޑަކުރެއްވުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްތައް ގުޅިގެން ”ވޯކް ޓު ސްކޫލް“ ކެމްޕޭނެއް ފެށްޓެވުން ހިމެނެއެވެ. ހަމައެއާއެކު، ”ބެކް ޓު ބައިސްކަލް“ ޕްރޮގްރާމެއް ތަޢާރުފު ކުރެއްވުމަށްވެސްވަނީ ނިންމަވާފައެވެ. ތިމާވެށީގެ ދުވަހު މި ޕްރޮގްރާމް އިފްތިތާޙު ކުރެއްވުމަށްފަހު، ބައިސްކަލްފަދަ ތިމާވެށްޓާ ރަޙްމަތްތެރި ދުއްވާ އެއްޗެހި ބޭނުންކުރުމަށް ހިތްވަރު ލިބޭފަދަ މަޝްރޫޢެއް އެކުލަވާލައްވައި، އެ މަޝްރޫޢު ތަންފީޒު ކުރުމަށްވެސް ނިންމެވިއެވެ. މީގެއިތުރުން، ސްވިމިންގ އެސޯސިއޭޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާ ގުޅިވަޑައިގެން މާލެއާއި ހުޅުލެއާ ދެމެދު ފެތުމުގެ މުބާރާތެއް ބޭއްވެވުމާއި، ރަށްރަށުގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ޑައިވް ސްކޫލްތައް ގުޅިގެން ރިޒޯޓްތަކުގައި ސާފު ކުރުމުގެ ޕްރޮގްރާމާއި، ތިމާވެށްޓާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގެވުންވެސް ހިމެނެއެވެ. މީގެއިތުރުންވެސް، ދުވަހާ ގުޅޭ ޕްރޮގްރާމްތައް، ރޭޑިއޯ ސްޓޭޝަންތަކުންނާއި ޓީ.ވީ ސްޓޭޝަންތަކުން ފޮނުއްވުމާއި، ޖޫން މަހުގެ 5 ވަނަ ދުވަހު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވެވުންވެސް ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހަނދުފުށީ ރިޒޯޓުގެ މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ހުސްވި މެއި މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެމައްސަލައާމެދު ޢަމަލު ކުރައްވާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް ހޮއްވެވި ކޮމިޓީން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި އެކޮމިޓީ އަލުން އެކުލަވާލައްވައި، އެކޮމިޓީން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢްލޫމާތު ދެއްވުމަށް މާދަމާ ޕްރެސް ކޮންފަރެންސެއް ބޭއްވެވުމަށް ނިންމެވިއެވެ. މި ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

މިއަދުގެ ޖަލްސާގައި، ވަޒީރުންގެ މަޖިލީހާ އަލަށް ގުޅިވަޑައިގެންނެވި ތިންބޭފުޅުން ކަމަށްވާ މަޙްމޫދު ރާޒީއަށާއި، މުޙަންމަދު ޝިހާބަށާއި، އަލްއުސްތާޛު ޙުސްނުއްސުޢޫދަށް ރައީސުލްޖުމްހޫރިއްޔާއާއި، ނައިބު ރައީސާއި، މަޖިލީހުގެ މެންބަރުން ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.