ކޯކްޔޯ ޓަޓެމޯނޯ ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ، ކޮހެއި ޔަމަޝީތާ އާއި އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގްރެޖުއޭޓް ޔުނިވަރސިޓީ (އޯ.އައި.އެސް.ޓީ)ގެ ޕްރޮފެސަރ ސުމޯރޫ ޝިންޓާކޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިހާރު އެމަނިކުފާނު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޯކްޔޯ ކުންފުންޏާ އޯ.އައި.އެސް.ޓީއާ ރާއްޖޭގެ ތިމާވެއްޓާބެހޭ ވުޒާރާ ގުޅިގެން، ރާޅުބާނި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި ކުރިޔަށްގެންދާ އަޖުމަބެލުމުގެ މަޝްރޫޢު އެހެން ސަރަހައްދުތަކަށް ފުޅާކުރުމާބެހޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ޕްރޮފެސަރ ސުމޯރޫ ވަނީ އޯ.އައި.އެސް.ޓީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމާއި ޕީއެޗްޑީ ކޯސްތަކުގައި ދިރާސާގެ މަސައްކަތްތައް ޔުނިވަރސިޓީގައި ކުރިޔަށްގެންދިއުމަށް ދިވެހި ދަރިވަރުންނަށް ދަޢުވަތު ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިރާސާކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ޕްރޮފެސަރ ސުމޯރޫ ޝިންޓާކޭގެ ހުށަހެޅުއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޙައްލުތަކެއް ހޯދުމަކީ ރާއްޖެއަށް ވަރަށް މުހިންމުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑޫމާ ރިސޯޓުގައި މިހާރު ކުރިޔަށްގެންދާ އަޖުމަބެލުމުގެ މަޝްރޫޢަށް ސަރުކާރުން މިހާރުވެސް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ކުރިޔަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.