بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالىގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ކޮލެޖްތަކުގެ އިސްވެރިން، ކުންފުނިތަކުގެ އިސްވެރިންނާއި އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ހަމަ ޝުކުރު އަދާކޮށްލަން ބޭނުންވަނީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން، އަމިއްލަ ކުންފުނިތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު މިފަދަ ސްކީމެއް ތަޢާރުފު ކުރެއްވީތީ. އާދެ، އެއްވެސް ޝައްކެއްނެތް، ދިވެހިރާއްޖޭގެ ކުރިއަށް އޮތް ދުވަސްތަކަށް، އިތުރަށް ތަފާތު އެކި ރޮނގުތަކުން މީހުން އުފައްދަންޖެހޭ. ދިވެހި ސަރުކާރުގެ، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލުން. ދިވެހި ކޮންމެ ދަރިޔަކީ ޤާބިލު މީހަކަށް ހެދުން. އެއީ މުޅި ސަރުކާރުގެ ސިޔާސަތު. އެގޮތުން، އަޅުގަނޑުމެންނަށް އެއްވެސް ދިމާއަކުން ލިބެން އޮންނަ އެއްވެސް ފުރުޞަތެއް ދޫކޮށްލުމަކީ އެއީ އަޅުގަނޑުމެން މިއަދު މި ސަރުކާރުން ކުރާނެ ކަމެއްނޫން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ދުނިޔޭގައި އެއްވެސް ޤައުމެއް ކުރިއަރައިގެން ގޮސްފައެއްނެތް، ޤާބިލު، ހުނަރުވެރި، އުފެއްދުންތެރި ޖީލަކާ ނުލައި. ކޮންމެ ޤައުމަކުންވެސް އަބަދުވެސް މަސައްކަތްކޮށްފައި އޮތީ އެކި ދާއިރާތަކަށް މީހުން ބިނާކުރުމަށްޓަކައި.

އާދެ، އަޅުގަނޑުމެން މިއަދު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބަލައިފި ކަމަށްވަންޏާ، ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ކަންތައްތަކެއް އެބައާދޭ. އަންނައިރު އަޅުގަނޑުމެން ބަލަން އެބަޖެހޭ، ބޭރު މީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްނުލައި، ކަންތައްތައް މެނޭޖްކުރަން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ޙަޤީޤަތުގައިވެސް ދިވެހިންނަކީ، ހުނަރުވެރި ބައެއްކަން. ފަސޭހައިން ކަންތައްތައް ދަސްކޮށްދެވޭ ބައެއްކަން. އެހެންކަމަށްވަންޏާ އަޅުގަނޑުމެން އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން. ދިވެހި ސަރުކާރުންނާއި އަދި އަމިއްލަ ކުންފުނިތަކުން. މިއަދު އަޅުގަނޑުމެން މުޅި ޤައުމުގެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭގޮތަކަށް ނޫން، އަޅުގަނޑުމެންނަށް ވަޒީފާގެ ބާޒާރުގައި ކަންތައްތައް ފެންނަނީ. އެކިއެކި ދާއިރާތަކުގައި، ދިވެހިންނަށް އަދާކުރެވޭނެ ކިތަންމެ ގިނަ ވަޒީފާތަކެއްގައި ބޭރު މީހުން އެބަތިބި. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެއްވެސް ހާލެއްގައި، ބޭރުމީހުންނާ ނުލައި ހަމައެކަނި އަދި ކުރިއަށްދާ ވާހަކައެއް ނޫން. ޤައުމެއް ކުރިއަރައިގެން ދާނީ، ވީހާވެސް ގިނަ ތަޖުރިބާ ހުރި ބައެއްގެ ބޭނުން ހިފިގެން. އެއްކޮށް މަސައްކަތްތަކެއް ކުރެވިގެން.

އެހެންވީމާ، މިއަދު މި ފެށިގެންދާ މި ސްކީމުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ހަމަ ޔަޤީންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ތަފާތު ރޮނގުތަކުން އެތައް ބަޔަކު، އެތައް ދިވެހި ދަރިންނެއް، ތައްޔާރުކުރެވިގެންދާނެކަން. އަދި އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ވަރަށް ފޮނިކޮށް އަޅުގަނޑުމެންނަށް ފެނިގެންދާނެ. އާދެ، ދިވެހި ސަރުކާރުން ޚާއްޞަގޮތެއްގައި ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، މެދުކެނޑުމެއްނެތި ކުރާ މަސައްކަތް އަޅުގަނޑަށް ހީވަނީ މިއަދު އެ ވާހަކަ އެހާ ގިނައިން ނުދެއްކިޔަސް، ފެންނަން އެބައޮތްހެން. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދެއްވާ. މުޅި ސަރުކާރު، އަޅުގަނޑުމެން ޙަޤީޤަތުގައި މަސައްކަތް ކުރަމުން މިދަނީ ވަރަށް އެކުއެކީގައި. އަޅުގަނޑުމެން އެކަކު އަނެކަކަށް އަބަދުވެސް ފެންނަ ޚިޔާލު ދެމުން މިދަނީ. އެއީ ވަކި މިނިސްޓްރީއަކަށްވިޔަސް، އަދި އެހެން މިނިސްޓްރީތަކުންވެސް އެ އެހީތެރިކަން ލިބެމުންދާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އަދި މިނިސްޓަރުން، އަޅުގަނޑުމެންނާ އެ ކުރެވޭ މަޝްވަރާ، އެ ކުރެވޭ ޚިޔާލުގެ ބޭނުން ހިއްޕަވާކަންވެސް އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން. އެގޮތުން އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް އަޅުގަނޑުމެން އަބަދުވެސް ބުނަމު. ބުނީމާ އެކަމަކީ، އެއީ ރަނގަޅު ކަމެއް ކަމަށްވަންޏާ، އެ ކަންތައް ކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.

އާދެ، އަޅުގަނޑު ވާހަކަ އެހާ ދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ، އެފިޝަންޓް ވަރކް ފޯސްއެއް އޮވެގެން ނޫނީ ޤައުމު ކުރިނާރާނެކަން ގަބޫލުކުރަން. މަސައްކަތަށް، ވަޒީފާއަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ވަޒީފާތަކަށް ތައްޔާރުވެވި، ވަޒީފާ އަދާކުރުމުގައި ވަޒީފާއަށް ވަގުތުދެވި، އެކަމަށް ކަމޭހިތާ ބައެއްގެ ގޮތަށް އަޅުގަނޑުމެން ނެތިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ.

އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުންނަށްވެސް ގޮވާލަން ބޭނުންވަނީ، ވަޒީފާގެ ވަގުތުގައި ވަޒީފާއަށް ވަރަށްބޮޑަށް އަޅުގަނޑުމެން އަހަންމިއްޔަތުކަން ދޭންއެބަޖެހޭ. އެފިޝަންޓް ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. ދިވެހީންގެ އަސްލު އަޅުގަނޑުމެންގެ ހުރި އަޞްލު ހުނަރު، އަޅުގަނޑުމެން ދައްކާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ނެތިގެންދާ ކަންތައްތައް، އަޅުގަނޑުމެން އަލުން އަނބުރާ އިޢާދަކުރަން އެބަޖެހޭ. އެއީ އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަންތައްތައް. އެއީ ތަފާތު އެކި ރޮނގުތަކުން މި ދެންނެވި ގޮތަށް މީހުން ބިނާކުރުމަށްޓަކައި މީހުން ބޭނުންވެފައި ތިބިއިރު، މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ.

އާދެ، ހަމައެއާއެކު އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ޤައުމެއްގެ ހަމަޖެހުން މި އޮންނަނީ، އަޅުގަނޑުމެންނަށް އެކުގައި ކުރެވޭ މަސައްކަތްތަކުން. އެއްވެސް ކުންފުންޏެއް، އެއްވެސް ބަޔަކީ ބާކީވެގެންދާނެ ބައެއް ނޫން. އެއްވެސް މީހަކު ބާކީކޮށްފައި، ވަކި ކުންފުންޏެއް ބާކީކޮށްފައި، އަޅުގަނޑުމެންނަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ޤައުމުގެ ތަރައްޤީގައި، ޤައުމުގެ މަސައްކަތެއް ކުރާކަމަށްވަންޏާ، އެންމެން އެކައްޗެއް ކިޔައިގެން، އެއް މިޞްރާބަކަށް އަޅުގަނޑުމެންނަށް ދަތުރުކުރެވެންޖެހޭނެ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، މިއީ އެއްވެސް ހާލެއްގައި ވަކި މީހަކަށް ނިސްބަތްވާ ކަމެއްނޫން. މިއީ، މުޅި ޤައުމަށް، މުޅި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ކަންތައްތައް.

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް، ޒުވާނުންނަށް އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވޭ، ވަޒީފާގެ މާޙައުލުގައި އަޅުގަނޑުމެން އިތުރު ސަމާލުކަންދީ، އެހެން ފަރާތްތަކުން އަޅުގަނޑުމެންނަށް އަދާކުރެވެންހުރި، ކުރެވެންހުރި ކަންތައްތަކުގެ މައްޗަށް އަތްގަދަކުރުމުގެ އެ ފުރުޞަތު އަޅުގަނޑުމެން އެއްގޮތަކަށްވެސް ދީގެނެއްނުވާނެއޭ. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އަޅުގަނޑުމެން ކައިރީގައި ތިބި އެކްސްޕަރޓުންނާއި އަދި ބޭރުންވެސް އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރަން ތިބި މީހުންގެ ފަރާތުންވެސް އިތުރަށް އަޅުގަނޑުމެން ކަންތައްތައް ދަސްކޮށްގެން، މުސްތަޤުބަލުގައި އަޅުގަނޑުމެން އުފައްދާ ޖީލަކީ އެއީ ކަމަށް ހެދުމަށް. މުޅި ޤައުމުގެ ހުރިހާ ކަންތައްތައް ބެލެހެއްޓޭނެފަދަ ޖީލެއް އުފެއްދުމަށްޓަކައި، އެ މަސައްކަތް އަޅުގަނޑުމެން ކުރަންވީ.

އާދެ، އަޅުގަނޑު ހަމަ އެއާއެކު، ނިންމާލުމުގެ ކުރިން ފާހަގަކޮށްލަން، އަޅުގަނޑުމެން އަބަދުވެސް އެބަޖެހޭ، ވަޒީފާގެ މާޙައުލުގައިވެސް، އާންމު ދިރިއުޅުމުގައިވެސް އެކަކު އަނެކަކަށް، އިޙްތިރާމުކުރާ، އަބަދުވެސް އަނެކާގެ ޚިޔާލު އަޑުއަހާ ބަޔަކަށްވާން. އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުލިބޭނެ، އަޅުގަނޑުމެން އެގޮތްތައް ޚިޔާރު ނުކުރާހާ ހިނދަކު. ޙަޤީޤަތަކީ އަޅުގަނޑުމެން ދިވެހީން އަބަދުވެސް ވެފައިތިބީ ވަރަށް އެކުވެރި ބައެއްގެ ގޮތުގައި. އަބަދުވެސް އެއްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި. އެކަންތައް އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހޭ.

އެހެންވީމާ، އެކަންވެސް އަޅުގަނޑު މިއަދުގެ ޒުވާނުންނަށް ގޮވާލަމުން، މި ސްކީމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން. ހުރިހާ ކުންފުނިތަކާއި، އަދި ރާއްޖޭގެ ކިތަންމެ ކުންފުނިތަކެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތައްވެސް އެބަހުރި މި ސްކީމުގައި ބައިވެރިވާނެ. އެހެންވެ އެ ފަރާތްތަކަށް އަޅުގަނޑު ހަމަ ގޮވާލަން އޮތީ، މީގެ އެންމެ ހެޔޮ ބޭނުން، އަޅުގަނޑުމެން ހިފަން އެބަޖެހެއޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ނުފެންނަހާ ހިސާބަށް، ރާއްޖޭގެ ތަރައްޤީއައިގެން ވަރަށް ބާރަށް އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ. އެކަންތައް ކާމިޔާބުކަމާއެކު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ސީރިއަސްކަމާއެކު އަޅުގަނޑުމެން އިތުރު ސަމާލުކަމެއް ދީގެން، މި ލިބުނު ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފައި، ރަނގަޅު ދަރިންތަކެއް، ހުނަރުވެރި ދަރިންތަކެއް، ޤާބިލު ޖީލެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަމާ ހިނގާށޭ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ޤައުމު ތަރައްޤީކޮށް، ޤައުމުގެ ހަމަޖެހުމާއި، ފަންނުވެރި، ހުނަރުވެރި ބަޔަކު އުފެއްދުމަށްޓަކައި އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.