ރައީސް މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ކަމުގެ މަގާމަށް މައްޗަންގޮޅީ މާދެލި މަޙްމޫދު ރާޒީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމަށް މާފަންނު ބަގީޗާގޭ މުޙަންމަދު ޝިހާބް އަދި އެޓަރނީޖެނެރަލް ކަމުގެ މަގާމަށް އައްޑުއަތޮޅު މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދު ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މި ތިންބޭފުޅުން މިމަގާމުތަކަށް ޢައްޔަން ކުރެއްވީ، މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މިބޭފުޅުންނަށް އެމަޖިލީހުގެ ރުހުން ދެއްވުމާ ގުޅިގެންނެވެ.

މި ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު 1 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ތިން ބޭފުޅުން ހުވާކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއި ކުރެއްވިއެވެ.

މި ތިންބޭފުޅުންގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމުގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު، ހެންވޭރު މެލަން ޢަބްދުލްބާރީ ޢަބްދުﷲ މިއަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށްވެސް މަގާމުގެ ފަތްކޮޅު ދެއްވިއެވެ. ޢަބްދުލްބާރީ ޢަބްދުﷲ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައެވެ.
ފަތްކޮޅު ދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިބޭފުޅުންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ރާއްޖޭގެ ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބްގެ އަރިހުން އެދިވަޑައިގަތީ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި އަދި ވެރިކަމުގެ އެންމެހާ ކަންކަންވެސް މިމަގުން ހިންގުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވުމާއެކު، ހޯމްއެފެއާޒްގެ މަސްއޫލިއްޔަތުތައް، ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް އަދާކޮށްދެއްވުމަށެވެ.

އެޓަރނީޖެނެރަލް އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަތީ، އަޅުގަނޑުމެންގެ މިއަދުގެ މާޙައުލުގައި، އާ ޤާނޫނުއަސާސީ ތަންފީޒުވެގެންދާއިރުގައި، ޤާނޫނުއަސާސީގެ އެކިއެކި ސިފަ ދަމަހައްޓައި، ކުރިއަރުވައި ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބަކަށްވުމާއެކު، އެ ވާޖިބު އަދާކުރެއްވުމުގައި އެމަނިކުފާނުގެ އެހީތެރިކަން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ލިބިދެއްވުމަށެވެ.

މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަތީ، ސަރުކާރަށް އެންމެ ރަނގަޅު ގޮތެއްގައި އޭވިއޭޝަންގެ ދާއިރާ ތަރައްޤީ ކޮށްދެއްވައި ކުރިއަށް ގެންގޮސްދެއްވުމަށެވެ. އަދި އޭގެއިތުރުން، ޢާންމު ވިޔަފާރިއާ އެކީގައި ޙިއްޞާވާ ގޮތަށް ސަރުކާރުގެ ތެރޭގައި ވިޔަފާރީގެ އުޞޫލުން ހިންގެން ހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ވިޔަފާރީގެ އުޞޫލުން ހިންގަވައިދެއްވުމަށް މަސައްކަތްޕުޅުކޮށްދެއްވުމަށެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކަށް އަދި ހެލްތް މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތައް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމުގައި ހެލްތް މިނިސްޓަރަށް އެހީތެރިވެވަޑައިގެން ދެއްވުމަށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ޢަބްދުލްބާރީ ޢަބްދުﷲގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.