بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު، ދައުލަތުގެ ވަޒީރުން، އަމީނިއްޔާ ސްކޫލްގެ ހީވާގި ޓީޗަރުންނާއި މުދައްރިސުން، އަމީނިއްޔާ ސްކޫލަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވި އެންމެހައި ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، ވޭތުވެދިޔަތަނުގައި އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކޮށްދެއްވި އެންމެހައި ބޭފުޅުން، އަމީނިއްޔާ ސްކޫލްގެ ލޮބުވެތި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން، އަދި އަމީނިއްޔާ ސްކޫލް ކުރީގެ އެންމެހައި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެނީ މި އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު، އަމީނިއްޔާ ސްކޫލުން ތަޢުލީމް ހާސިލު ކުރެއްވި އެންމެހައި ފަރާތްތަކާއި އަދި އަމީނިއްޔާ ސްކޫލްގެ މިހާރުގެ އެންމެހައި ދަރިވަރުންނަށާއި، ހީވާގި މުވައްޒަފުންނަށާއި، ބެލެނިވެރިންނަށް، އަދި އެންމެހައި ބޭފުޅުންނަށް، މި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރުން.

އާދެ، އަޅުގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ތިޔަބޭފުޅުންގެ މިފަދަ މުހިންމު ޙަފްލާއެއް ޝަރަފުވެރިކޮށްދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ. އާދެ އެކަމަށްޓަކައި އަމީނިއްޔާ ސްކޫލްގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިވަގުތަކީ އެހާގިނަ ވާހަކަތަކެއް ދައްކަން ތަންކޮޅެއް ދަތި ވަގުތަކަށްވެފައި، އަދި އަޅުގަނޑުމެންގެ ކުރިމަތީގައި ޢިޝާ ނަމާދު އޮތުމުން، އަޅުގަނޑުގެ ވާހަކަ ވަރަށް ކުރުކޮށް ގެންދެވޭތޯ މަސައްކަތްކުރާނަން.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި ޕެރޭޑުން، މި ފާހަގަކުރެވިގެން މިދިޔައީ، އެއްވެސް ޝައްކެއްނެތް، ތިޔަބޭފުޅުން ތިޔަ ދައްކަވައިދެއްވި އެކުވެރިކަން. އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެން އެކަމަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ކަމަކީ، އަޅުގަނޑުމެންގެ އެއްބައިވަންތަކަން. ޚާއްޞަކޮށް، އަމީނިއްޔާ ސްކޫލްގެ މި ދުވަސް، އާދެ، 75 އަހަރު ގުނަމުންދާއިރު، މި މުނާސަބަތު ފާހަގަކުރުމަށްޓަކައި އެކިގޮތްގޮތުން ސްކޫލަށް ޚިދުމަތް ކުރައްވާ އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކުރަން، ކުރީގެ އިސްދަރިވަރުން އެ ކުރެއްވި މަސައްކަތް. އަޅުގަނޑު ދަންނަވަން އޮތީ، ތިޔަބޭފުޅުންގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާމަވެ، އެކަންތައް ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެއޭ.

އާދެ، ތިޔަބޭފުޅުންގެ މަޤްޞަދަކަށް ވެގެންދާނީ، އަމީނިއްޔާ ސްކޫލް 75 އަހަރު ގުނަމުންދާއިރު، ތިޔަބޭފުޅުންގެ އޮތް އެކުވެރިކަމާއި، އަމީނިއްޔާ ސްކޫލުން އުފެއްދި ދަރިވަރުންގެ މުހިންމުކަމާއި، ޤައުމުގެ ތަރައްޤީގައި އެބޭފުޅުން އެ ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އެކަންތައް މިއަދުވެސް އަޅުގަނޑުމެން ހަނދާނަށްގެނެސް، އެކަން ފާހަގަކުރުން. އެހެންކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، ވަރަށް ފުރިހަމައޭ. ތިޔަ އެންމެހައި ބޭފުޅުން ވޭތުވެދިޔަ އަހަރުތަކެއްގެ ތެރޭގައި، އަޅުގަނޑު ގަބޫލުކުރަނީ ރެޔާއި ދުވާލު، ތިޔަބޭފުޅުން މަސައްކަތްތަކެއް ކުރެއްވީ މިއަދުގެ މި މުނާސަބަތު، މިކަންތައްތައް ފާހަގަކުރުމަށްޓަކައި. ކުލަގަދަ ގޮތަކަށް ފާހަގަކޮށް، މެސެޖްތަކެއް ދިނުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ މުޅި ޤައުމަށްވެސް މިއަދު ފެނިގެންދާނެ، އަމީނިއްޔާ ސްކޫލްގެ އިސް ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި، މެނޭޖްމަންޓާއި އަދި ބެލެނިވެރިން އެ ކުރެއްވި މަސައްކަތުން އެ މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދީފިކަން.

އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެކަމެއްގެ މަތީގައި އަބަދުމެ ދޫކޮށްނުލާ ތިބެންޖެހޭނެ ކަމަކީ، އަޅުގަނޑުމެންގެ ރިވެތިވެގެންވާ އަޚްލާޤޭ. އާދެ، އަޅުގަނޑުމެންނަކީ ތާއަބަދަށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އެ ހިދާޔަތު ލިބިގެން ތިބި އެކުވެރި ބައެއް. އަޅުގަނޑުމެން އެގޮތުގެ މަތީގައި ދެމިތިބުމުގެ ނަތީޖާއަކީ، އަޅުގަނޑުމެންނަށް މި ލިބެމުންދާ ކާމިޔާބު. އަޅުގަނޑުމެންނަކީ އަބަދުވެސް ހަމަޖެހުމަށް ބާރުއަޅާ ބައެއް. ހަމަޖެހުމަށް ލޯބިކުރާ ބައެއް.

އާދެ، ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންމެ އިސްކަމެއް ދެއްވަނީ ތަޢުލީމީ ނިޒާމް ހަރުދަނާކުރުމަށްޓަކައި. އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން، މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބަލައިލިޔަސް، ސްކޫލްތަކަށް ބަލައިލިޔަސް، ދަރިވަރުންގެ ކަންތައްތަކަށް ބަލައިލިޔަސް އެބަ ފެނޭ، އެ މަނިކުފާނު އެ ދެއްވާ ސަމާލުކަން. އަޅުގަނޑު މިއަދު ހަމަ ލޮބުވެތި އެންމެހައި ޓީޗަރުންނާއި، އެންމެހައި ބެލެނިވެރިންގެ ކިބައިން އެދެން އޮތީ، އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމާ ހިނގާށޭ. އަމީނިއްޔާ ސްކޫލުން އުފެއްދެވި އެތައް ބަޔަކު، އެތައް ދަރިންނެއް، އާދެ، އަމީނިއްޔާގެ، އަޅުގަނޑު ދަންނަވާނީ، ޢިލްމީ ދޮރާށިން އެ ހިޔާވަހިކަން ލިބިގެން މުޅި ޤައުމަށް ޚިދުމަތް ކުރެއްވި، އަޅުގަނޑުގެ ކުރިމަތިންވެސް އަޅުގަނޑަށް އެބަ ފެނޭ، ވަޒީރުކަން ކުރެއްވި ބޭފުޅުން، ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުން، ސަރުކާރުގެ އެކި މަތީ މަޤާމުތައް އަދާކުރެއްވި ބޭފުޅުން އަދި އަދާކުރައްވަމުން ގެންދަވާ ބޭފުޅުން. މިއީ، އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި މިއަށްވުރެ ބޮޑަށް ބާރުއަޅައި، ކުރިއަށް ގެންދަންޖެހޭ ކަމެއް.

އާދެ، އިރާދަކުރެއްވިއްޔާ އަމީނިއްޔާގެ ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑު ގަބޫލުކުރަނީ، އިތުރު ގިނަ ދަރިންތަކެއް ޤައުމަށް ނެރެ، ޤައުމުގެ އެންމެ މުހިންމު މަސައްކަތްތަކުގައި މަޝްޣޫލުވެގެން، އަޅުގަނޑުމެންނަށް ތަރައްޤީ، އަޅުގަނޑުމެންނަށް ހަމަހަމަކަމާއެކު މުޅި ދިވެހި ޤައުމުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމަށް އެކަމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ކުރެވޭނެ.

އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް، ވަކިން ޚާއްޞަކޮށް، އަމީނިއްޔާގެ އިސް ދަރިވަރުން، ކުރީގެ ދަރިވަރުން އެ އަދާކުރެއްވި ރޯލުތަކާއި، އެ ދަރިވަރުން އާދެ، މިއަދު ޤައުމުގެ އެންމެ މުހިއްމު މަޤާމުތަކުގައި ތިއްބެވިއިރު، އެކަންތައް ހަމަ ފާހަގަކުރަން. އާދެ ތަޢުލީމީ ދާއިރާއަށް، އިޤްތިޞާދީ ދާއިރާއަށް، އިޖުތިމާޢީ ދާއިރާއަށް، އެކި ގޮތްގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. މިއީ ވަކި ބޭފުޅެއްގެ ނަން އަޅުގަނޑުމެން ފާހަގަނުކުރި ނަމަވެސް، އަޅުގަނޑުމެން ޖުމްލަކޮށް، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭ ކަމެއް. އަޅުގަނޑުގެ ވަރަށް ކައިރިން އަޅުގަނޑަށް އެބަ ފެނޭ، ވަރަށް ޒިންމާދާރު، ވަރަށް ނަމޫނާ، ވަރަށް ޚިދުމަތްތެރި، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވި ބައެއް. އަޅުގަނޑު ވަކި ބޭފުޅެއްގެ ނަން ނުދެންނެވިޔަސް، އަޅުގަނޑަށް ހީވަނީ މިހާރު އެއީ ކޮން ބޭފުޅުންނެއްކަން އެނގިވަޑައިގަންނަވާނެހެން. މިއަދުގެ މި ޙަފްލާގައި ހުރިހާ ބޭފުޅުންނެއް ނެތް. މިއަދުގެ މި ޙަފްލާގައި ހުރިހާ ބޭފުޅުންނަކަށް ބައިވެރިވެވަޑައެއްނުގެންނެވޭ. އެހެންވީމާ، އެ ފަރާތްތައްވެސް އަޅުގަނޑުގެ މި ލިސްޓުގައި ނަން ނުދެންނެވިޔަސް އަޅުގަނޑު ހިމަނަން.

އާދެ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމު ބިނާކުރެވެން އޮތީ، އަޅުގަނޑުމެން އެކުގައި ކުރެވޭ މަސައްކަތުން. އަޅުގަނޑުމެން ވަކިވަކިވެގަނެގެން، އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ނަސީބުވެރި ބައެއް. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ އެ ނަސީބު އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ބައެއް. އަޅުގަނޑުމެންނަކީ ކުދި ޖަޒީރާތަކެއްގެ މަތީގައި، އެކުވެރިކަމާއި އެއްބައިވަންތަކަން، އަބަދުވެސް ޖެހިގެން ހުންނަ ގޭގެ މީހާގެ ނުވަތަ ހުންނަ ރައްޓެއްސެއްގެ އެހީތެރިޔާގެ އެހީތެރިކަން ހޯދަމުންދާ ބައެއް. އަބަދުވެސް އެކަންތައް އެއީ އަޅުގަނޑުމެންގެ ޘަޤާފަތެއް. އަޅުގަނޑުމެން، އެ ރީތި އަޚްލާޤް އަބަދުވެސް ދަމަހައްޓަން އެބަޖެހޭ. އާދެ، އަޅުގަނޑުމެންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ، މީހަކަށް އިޙްތިރާމް ކުރުމުން، މީހަކަށް ހެޔޮވުމުން. ރަނގަޅު ކަމެއް، ކިތަންމެ ރަނގަޅަށް ކުރިޔަސް، އަޅުގަނޑުމެންނަށް ގެއްލިގެންދާނެ އެއްޗެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑު މިއަދު ޤައުމުގެ އެންމެހައި ރައްޔިތުންނަށް ދަންނަވަން އޮތީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވަނީ، ހަމަހަމަކަމަށް، ތަފާތުނުކުރުމަށް، ހަމަޖެހުމަށް، އަމާންކަމަށް. ހުރިހާ އެންމެންނާ ދޭތެރޭގައިވެސް އެއް އުސޫލަކުން ކަންތައްތައް ކުރެވިގެންދިޔުމަށް. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ މި އޮތް އެކުވެރިކަން އަޅުގަނޑުމެން ދަމަހައްޓަން އެބަޖެހެޔޭ. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި ބައިބައިކޮށްލުމާއި، އަޅުގަނޑުމެންގެ ތެރޭގައި ރުޅިވެރިކަން އުފެދޭނެ، އަޅުގަނޑުމެން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުން އެއީ، އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނޭ.

ޤައުމު ކުރިއަރައިގެންދާން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެންގެ މުސްތަޤުބަލަކީ މިތިބަ ކުދިން. މިތިބަ ދަރިވަރުން. އަޅުގަނޑުމެން މިއަދު މިތިބި ހުރިހާ މަޤާމުތަކެއްގައި މާދަމާ ތިއްބަވާނީ އެކުދިން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު، އެ ނަމޫނާ މިއަދު ދައްކައިދޭން އެބަޖެހޭ. އަޅުގަނޑުމެންނަށް އެ ނަމޫނާ ދައްކައިނުދެވިއްޖެ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ފެއިލްވީ. އަޅުގަނޑުމެންނަކީ ފެއިލިއަރުންނެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، ދިވެހިންނަކީ ހުނަރުވެރި ބައެއްކަން. ދިވެހީންގެ ހުނަރު އަޅުގަނޑުމެންނަށް މާކުރިން ފެށިގެން މިއަދާ ހަމައަށްވެސް ވަނީ ފެނިގެން ގޮސްފައި. އެއް މަސައްކަތެއް، ބޭރު މީހަކާ އެއްކޮށް ކުރަން ޖެހިއްޖެ ކަމަށްވަންޏާ، އެއީ ސްކޫލެއްގައި ކިޔެވުން ކަމަށްވިޔަސް، މަސައްކަތަކަށްވިޔަސް، އަބަދުވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ރަން އަކުރުން ދިވެހީންގެ ނަން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ޒިންމާ، އަޅުގަނޑުމެން ވަރަށް ރަނގަޅަށް އަދާކުރަން އެބަޖެހޭ. އެއްގޮތަކަށްވެސް މަސައްކަތަށް ފަރުވާކުޑަކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވެގެނެއްނުވާނެ. އަޅުގަނޑުމެން، ބެލެނިވެރިންނާއި މުދައްރިސުން ބަލަންވީ، ސްކޫލްގެ ދަރިވަރުންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމަށް. ރަނގަޅު ދިރިއުޅުމަކަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭން އެބަޖެހޭ. ހަމައެކަނި ކުލާސްރޫމްތެރޭގައި ދެވޭ ތަޢުލީމުގެ އިތުރަށް، ހުނަރާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު ހިންގުމަށްޓަކައި އެކުދިން ތައްޔާރުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ. މަސައްކަތްތެރި، ޤައުމަށް ޚިދުމަތް ކުރެވޭނެ މީހަކަށް، ކޮންމެ މީހަކުވެސް ހަދަން އެބަޖެހޭ. މިއަދު އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންނަށް ޤައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ. އަޅުގަނޑުމެންނަށް މި ޤައުމަށް، އަޅުގަނޑުމެންގެ ވާޖިބު، މިއީ އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ކޮނޑުގައި، އަޅުގަނޑުމެންގެ ބޮލުގައި، އެޅިފައި އޮތް ޒިންމާއެއް. އަޅުގަނޑުމެން މިއަދު މިކަން ނުކޮށްފި ކަމަށްވަންޏާ، މިކަން ކުރާނެ ބޭރު އެހެން ބަޔަކު ނާންނާނެ.

އެހެންވީމާ، ޤައުމުދެކެ ލޯބިވުމާއި، އަޅުގަނޑުމެން އެންމެން އެއްކޮށް އުޅުމާއި، އަޅުގަނޑުމެން އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތައި، އަޅުގަނޑުމެންނަށް ލިބިފައި މިވާ ނަސީބު، ތާއަބަދަށް ދެމެހެއްޓުމުގެ މަސައްކަތް ކުރުމަކީ، އެއީ އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެބޮޑު ވާޖިބު.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރައްވައި، އެ ހިޔާވަހިކަމުން މުޅި ދިވެހިރާއްޖެއަށް އެކި ކަންކޮޅުތަކުގައި އެކި ކަންކަމުގައި ޚިދުމަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި މިފަދަ އުފާވެރި ދުވަސްތަކެއް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި މިއަދު މި ފެނިގެން މިދިޔަފަދަ ނަމޫނާއެއް ދެއްކުމަށްޓަކައި އަމީނިއްޔާގެ އިސް ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މިކަމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމުން. ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ތަޢުލީމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި، އެ މަނިކުފާނަށް ތިޔަ އެންމެހައި ބޭފުޅުންގެ ނަންފުޅުގައި ޝުކުރު އަދާކުރަމުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތް، އަޅުގަނޑުމެން ހެޔޮ ނިޔަތުގައި، ޤައުމަށް ހެޔޮގޮތްތައް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެންގެ ޅަދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި މި ކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލެއްވުން. އަދި އަޅުގަނޑުމެންގެ ޤައުމަކީ އަމާން ޤައުމެއްގެ ގޮތުގައި ލައްވައި، ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.