ޖަޕާނު ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މިއަދު ޖަޕާނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ހަރަކާތްތައް ފެށިގެންދާނީ މިމަހުގެ 21 ވާ ހޯމަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޖަޕާނު ސަރުކާރުގެ މަތީފަންތީގެ ގިނަ ޢަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެޤައުމުގެ ރަސްމީ ފަރާތްތަކުގެ އިތުރުން އެޤައުމުގެ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ މުހިއްމު ފަރާތްތަކާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ޖަޕާނުގެ އެމްޕެރާ އަކިހީޓޯ މަޤާމުން އަމިއްލަފުޅަށް ދުރުވެވަޑައިގެން، ރަސްކަމުގެ ތަހުތަށް ކްރައުން ޕްރިންސް ނަރުހީޓޯ އިސްކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ގުޅުންބަދަހި ކުރުމަށް ބާއްވަވާ ޚާއްޞަ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޖަޕާނަކީ ޒަމާނުންސުރެ ދިވެހިރާއްޖެއަށް އެކި ރޮނގުތަކުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. މިގޮތުން ދިވެހީންނަށް އެންމެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެހީވަމުން ގެންދާ ޤައުމެވެ. އެގޮތުން ސިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމާއި މާލީ ގޮތުން ވެދީފައިވާ ގިނަގުނަ އެހީތައް ފާހަގަކޮށްލެވެއެވެ.

ޖަޕާނުގެ ދީލަތި އެހީތަކާއެކު ރާއްޖޭގެ އެކި ދާއިރާތަކަށް ލިބުނު ތައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްފަރާތަކީ ޖަޕަނީޒް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އެވެ. ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، 2011 ވަނަ އަހަރު އަރައިގަތުމުގައި ވެސް ޖައިކާއަކީ މުހިއްމު ދައުރެއް އަދާކޮށްދީފައިވާ އެއް ފަރާތެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ގެންގުޅެމުން އައި މަރުކަޒީ ތަރައްޤީގެ ތަސައްވުރު ބަދަލުކޮށް ލާމަރުކާޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. ޒަމާނުންސުރެ މާލެއާ ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކާ ދެމެދުގައި ސަރުކާރުން ގެންގުޅެފައިވާ ތަފާތުކުރުންތައް ނައްތާލުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މާލެއާ އެއްފެންވަރެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ އިތުރުން، ލާމެހިފައިވާ ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމާއި މިފަދަ އިޤްތިޞާދީ ނާރެހަކަށް ވާޞިލްވުމުގައި ހަރުދަނާ ބޭންކިން ނިޒާމެއްގެ އިތުރުން ހެޔޮވެރިކަމުގެ އާދަކާދަ އަށަގެންނެވުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖެ ތަރައްޤީގެ މުޅިން އާ މިސްރާބަކަށް ދަތުރުފަށާފައިވާ މިދަނޑިވަޅުގައި އެހީދޭ ފަރާތްތަކާއި ރާއްޖެއާއި އެކުވެރި ޤައުމުތަކުގެ ތެރެއިންވެސް ޖަޕާނަކީ ފާހަގަކޮށްލެވޭ އެހީގެ ބައިވެރިއެކެވެ.

ޖަޕާނަކީ ތަރައްޤީގެ މަގުގައި ދެގޮތެއްނުވެ ސާބިތުކަމާއެކު ކުރިއަރަމުން އަންނަ ޤައުމެކެވެ. ދުނިޔޭގެ ފެންވަރުގައި ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އަދިވެސް އޮތީ ޖަޕާނުގައެވެ.

ދިވެހިރާއްޖެ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހައި ތަޢުލީމާއި ތަމްރީނުގެ އިތުރުން ޢަމަލީ ތަޖުރިބާ ހޯދުމަށްވެސް އެންމެ އެކަށޭނަ މަޝްރޫޢުތައް މެދުނުކެނޑި ކުރިޔަށްދާ މާޙައުލެއްގެ ތެރެއިން ދިވެހީންނަށް ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ބާރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމާއި ޢުމްރާނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެހީ ޖަޕާނުން ހޯދުމުގެ އިތުރުން އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖަޕާނުގެ ބައެއް ތާރީޚީ އަދި ޘަޤާފީ ބިނާތައް ބައްލަވާލެއްވުމުގެ އިތުރުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ރޮނގުން އެޤައުމުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން ކިޔޯޓޯ ސިޓީއާއި ހިރޮޝީމާގެ އިތުރުން އޮސާކާއަށް ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.