މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުމުގެ ތެރެއިން، ސަރަޙައްދުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ގޮތްތައް ސާރކުން ހޯދަން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރަޙައްދުގެ ޤައުމުތަކުގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި، އެފެންވަރުގެ އިދާރާތަކުގެ އެންމެ އިސްވެރިންގެ ކޮމިޓީގެ ފަސްވަނަ ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް މި ޖަލްސާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝިޔާ ސަރަޙައްދަކީ، މިއަދުގެ ދުނިޔޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެއް ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ޙިއްސާކުރުމާ އަދި ދުނިޔޭގައި އެންމެ ބާރަށް ތަރައްޤީވަމުން އަންނަ ސަރަޙައްދަށް ދެކުނު އޭޝިޔާ ސަރަޙައްދު ވުމުގެ އިތުރުން، ދުނިޔޭގެ ޢިލްމީ މައިދާނުގައި ދެކުނު އޭޝިޔާގެ ޢިލްމުވެރިންގެ ޙިއްޞާއަކީ، އެފަދަ ދެވަނައެއް ނުވާ ޙިއްޞާއެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމާއި، ތިމާވެށްޓަށް އަންނަ ބަދަލުތަކާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ދިމާވެފައިވާ ގޮންޖެހުންތަކުންނާއި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން، މި ސަރަޙައްދުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސާރކުގެ ހުރިހާ ޤައުމުތަކުން އެކުގައި މަސައްކަތްކޮށް، ތަރައްޤީގެ އިތުރު ލަނޑުދަނޑިތައް ޙާޞިލު ކުރެވޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޔުނިވަރސިޓީ ތަޢުލީމުން ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، މިގޮތުން، ސާރކުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް މަގުފަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އެންމެ މަތީ ފަންތީގެ ޢިލްމުވެރިންގެ މިބައްދަލުވުމުގެ ސަބަބުން، ސާރކް ޤައުމުތަކުގެ މެދުގައި ތަޢުލީމީ ރޮނގުން އެއްބާރުލުން އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.