بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޠާހިރު ޢަބުދުއްރާފިޢު، އަދި ހޮސްޕިޓަލްގެ މުވައްޒަފުން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުން، އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ރައީސް އޮފީހުގެ އިސް ބޭފުޅުން، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާދެ، މިރެޔަކީ ދ. އަތޮޅަށް، ވަކިން ޚާއްޞަކޮށް، ކުޑަހުވަދުއަށް ވަރަށް އުފާވެރި ރެޔެއް. ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި މި އަތޮޅާއި، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތަހުނިޔާއާއި މުބާރަކްބާދީވެސް ދަންނަވަން.

އަދި މިއުފާވެރި ޙަފްލާގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނަށާއި، މި ހޮސްޕިޓަލުގެ ވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި މުނާސަބަތަށް ވެފައިވާ ތައްޔާރީތަކަށްޓަކައި، މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، ވަރަށްވެސް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ފެންނަން ހުރި ޙަޤީޤަތަށް ބަލާއިރު މިއީ، ޞިއްޙީ ޚިދުމަތުގައި ވަރަށް ކާމިޔާބު ހޮސްޕިޓަލެއް. އެކަމަށްޓަކައި، މި ޚިދުމަތް މިރަށުގައި ފެށްޓެވި ބޭފުޅުންނަށާއި، މި ހޮސްޕިޓަލުގެ ތަރައްޤީއަށްޓަކައި، މިދިޔަ ބައި ޤަރުނުގައި ޚިދުމަތްކޮށްދެއްވި އެންމެހައި ބޭފުޅުންނަށްވެސް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން.

މި ހޮސްޕިޓަލަކީ، ރަށްރަށުގެ ތަރައްޤީއަށްޓަކައި، ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމުކަން، ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ހެތްކެއް. މި ހޮސްޕިޓަލް އުފަންވެގެން އައީވެސް، ވަކި އިންތިޒާމެއްގެ ތެރެއިން، ޞިއްޙީ ޚިދުމަތް ދޭންޖެހޭނެ ކަމަށް، މި ރަށުގެ ރައްޔިތުންނަށް ގަބޫލުކުރެވި، ރައްޔިތުން އެކަމަށް އިސްނަގައިގެން ކުރި މަސައްކަތުން.

އަދި ހޮސްޕިޓަލް މިހާރު މިހުރި ފެންވަރަށް ތަރައްޤީ ކުރުމުގައިވެސް، މި ރަށުގެ ރައްޔިތުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ. ވަކިން ޚާއްޞަކޮށް، އެކި ދުވަސްވަރު
މި ހޮސްޕިޓަލް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި އެކި ބޭފުޅުން ކުރެއްވި ޚިދުމަތްތައް، މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި.

އާދެ! މިއީ ރާއްޖޭގައި ހަތަރުވަނައަށް ހުޅުވުނު ޞިއްޙީ މަރުކަޒު. މި ދައްކަނީ މީގެ 50 އަހަރު ކުރީގެ ވާހަކަ. އޭރު ރާއްޖެ އޮތްގޮތް، މި އަތޮޅު އޮތް ގޮތް، އަދި މި ރަށް އޮތް ގޮތް، ރަނގަޅަށް ހަނދާން ހުރި ބޭފުޅުން، މި ތަނުގައި ކޮންމެވެސް ވަރަކަށް ތިއްބަވާނެ. ރައްޔިތުންގެ ހޭލުންތެރިކަމާއި، ޚިދުމަތްތަކާއި ވަސީލަތްތައް ހުރިގޮތް، މިހާރާ ބަލާއިރު ވަރަށް ތަފާތު.

އޭރު ރާއްޖޭގެ ގިނަ ރަށްރަށަކީ، ބޮޑެތި އެތައް ބަލިތަކެއްގެ ހާއްޔެއް. ފައިލޭރިޔާ، މެލޭރިއާ، ޕޯލިއޯ، ކެއްސުންބަލިފަދަ، ކިތަންމެ ބައްޔެއް ދިޔައީ ރަށްރަށުގައި ފެތުރެމުން.
އެ ބަލިތަކުގައި އެތައް ބަޔަކު މަރުވެގެންދިޔަ. އޭރު އެ ބަލިތަކަށް ބޭސްކުރަން ތިބި ބަޔަކީ، ޙަކީމީ ބޭސްވެރިން. ފަންޑިތަވެރިންނާއި ދިވެހި ބޭސްވެރިން. އެއީވެސް ވަރަށް މަދު ބައެއް.

މިހާރު މި ފެންނަ ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން ރާއްޖެއަށް ތަޢާރުފްވީ 1970ގެ އަހަރުތަކުގެ ތެރޭގައި. އޭގެފަހުން، މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް، އަދި މުޅި ޞިއްޙީ ނިޒާމަށް ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. އޭގެ ތެރޭގައި ވަރަށް ރަނގަޅު ބަދަލުތައްވެސް ހިމެނޭ. އަދި ނުރަނގަޅު ބަދަލުތަކެއް މިހާރުވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.

އެންމެ ރަނގަޅު ބަދަލަކީ، ކުރިން މިދެންނެވި ފަދަ، ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ރާއްޖެއިން ނައްތައިލެވުން. ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ތަރައްޤީ ކުރެވުން. ނަމަވެސް ދުޅަހެޔޮ ދިރިއުޅުމަކަށް އަޅުގަނޑުމެން ވިސްނާއިރު ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަ.

ތަފާތު ބަލިތަކުގައި ދިވެހިން މަރުވާ ނިސްބަތަށް ބަލާއިރު، މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީވެސް، ދެންމެ ހެލްތް މިނިސްޓަރ ވިދާޅުވި ފަދައިން، ގައިންގަޔަށް ނާރާ ބަލިތަކުގައި. އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ އެފަދަ ބަލިތަކުގައި. މި ދެންނެވީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް.

މީގެ ތެރެއިން ވަރަށް ގިނަ ބަލިތަކަކީ، ދުންފަތާ ވަރަށް ބޮޑަށް ގުޅިފައި ހުރި ބަލިތައް. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިންސައްތަ، އެންމެ މަތީ އެއް ޤައުމު. ރާއްޖެއަށް އަހަރަކު 460 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެބަ އެތެރެކުރޭ. އެއީ އަޅިޔަށް ހަދައި އިސްރާފުކުރެވޭ 1.6 ބިލިޔަން ރުފިޔާ.

އާދެ! ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ. އަޅުގަނޑު ހިތުން މިފަދަ ހޮސްޕިޓަލްތަކުން އެކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ.

ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ނައްތާލެވިފައި ވިޔަސް، ޞިއްޙީ ޚިދުމަތުގެ ތެރެއިން އަޅުގަނޑުމެން މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް، ކުރިންވެސް ދެންނެވި ފަދައިން މަދެއް ނޫން. ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކިތަންމެ ބައްޔަކާ، އަޅުގަނޑުމެން މިއަދު މިވަނީ ހަނގުރާމަ ކުރަން ޖެހިފައި.

ނަމަވެސް، އެފަދަ ބަލިތަކުގެ ހަމައެކަނި ފަރުވާއަކީ، ބޭސް ކަމުގައި ދެކިގެން، އެމައްސަލައަށް ޙައްލެއް ލިބޭކަށް ނެތް. އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި، ކެއުންބުއިމުގައި ޞިއްޙީ މިންގަނޑުތަކަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން.

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމަޢުގެ ފަރުދުންނާއި ޢާއިލާތަކުގެ ޞިއްޙަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުން. އެކަން ހާސިލުކުރެވޭނީ، ރަށު ފެންވަރުގަޔާއި، އަތޮޅު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި އެކަމަށް މަސައްކަތް ކޮށްގެން. އާދެ! މުޅި މުޖުތަމަޢު އެކުގައި މަސައްކަތް ކޮށްގެން.

ގައިންގަޔަށް އަރާ ބަލިތައް، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ނައްތައިލެވުނީ ކީއްވެގެންތޯ ވިސްނައިލުން މިއަދު މުހިންމު. މިތާ ތިއްބެވި ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، އޭރުގެ ކޮމިޔުނިޓީ ހެލްތު ވަރކަރުންނާއި، ނަރުހުންނާއި، ޞިއްޙީ ޚިދުމަތްތެރިން، ގެއިން ގެޔަށް، ދޮރުން ދޮރަށް ހިންގަވައިގެން، ކުރެއްވި މަސައްކަތް.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ޙަޤީޤީ ކާމިޔާބީއަކީ އެއީ. މިއަދު އަޅުގަނޑުމެން ޢާންމު ޞިއްޙަތުގެ ވާހަކަ ދައްކާއިރު، ހޭލުންތެރި ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އިތުރުކުރަން އެބަޖެހޭ. ޢާންމު ޞިއްޙަތާމެދު ހޭލުންތެރިކުރުމަށް، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތް، އަލުން މިއޮތީ ފަށަން ޖެހިފައި.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން، އެކަން ފާހަގަކުރިޔަސް، އެންމެ އެކަށީގެންވާ ފެންވަރަށް އަދިވެސް ޞިއްޙީ ޚިދުމަތް ލިބެން ނެތްކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަމުގައި ވަރަށް ގިނަ ދަތިތައްވެސް އެބަހުރި. ވަސީލަތްތަކުގެ ދަތިކަމާއި، ޖާގައިގެ ދަތިކަން، އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އިންތިހާއަށް އެބައޮތް.

އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތީ، މި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް. މި ހޮސްޕިޓަލުގެ އާ ޢިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ވަނީ ބަޖެޓްކުރެވިފައި. އެހެންވީމާ، މިހޮސްޕިޓަލުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކުގައި، އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ކުރިއަށްދާނެ.

ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި، މިރަށަށްވެސް، މި އަތޮޅަށްވެސް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، އިމަރޖެންސީ ޙާލަތުގައި މާލެއަށް ގެންދަންޖެހޭ ބަލިމީހާ ގެންދިޔުމަށް ހުރި ދަތިތައް. ޚާއްޞަކޮށް، ވައިގެ މަގުން ބަލިމީހާ މާލެއަށް ގެންދިޔުމުގައި ހުރި ދަތިތައް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިއަދު ކައުންސިލާ އެކީގައި ވީ ބައްދަލުވުމުގައި ވާހަކަ ދެއްކިގޮތަށް، އެކަމަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް، އަޅުގަނޑުމެން ކުރާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން.

މިރަށަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފައްކާވެފައި އޮތް ރަށެއް. ވަސީލަތްތައް އެބަހުރި. އެކަށީގެންވާ އާބާދީއެއްވެސް އެބައޮތް. މިހާރުވެސް ރަޖިސްޓްރީއަށްވުރެ ގިނަ މީހުން، މި ރަށުގައި ދިރިއުޅެމުން އެބަދޭ. މަސްވެރި އަދި ފަތުރުވެރިކަންވެސް ފުޅާކޮށް، މި އަތޮޅުގައި އެބައޮތް. އެހެންކަމުން، މި ރަށް މިއޮތީ ތަރައްޤީއަށް ހަމަ ފައްކާވެފައި.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތަރައްޤީގެ ޕްލޭނުގައި މި ސަރަޙައްދުގައި ޤާއިމުކުރެވޭ އަރބަން ސެންޓަރެއްގެ ގޮތުގައި، އަޅުގަނޑުމެން މި ރަށް ތަރައްޤީ ކުރާނަން. އަދި އެފަދަ އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ، މިރަށުގައި ޤާއިމު ކުރެވިގެންދާނެ.

އެގޮތުން އަޅުގަނޑު މި ދެންނެވި ފަދައިން، ހޮސްޕިޓަލް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރަށް، ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާއި، ފެރީ ޓަރމިނަލް ހެދުމާއި، މިރަށަށް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓާއި، އަދި މި އަތޮޅުގެ މީހުން ބާނާ މަސް، ފަސޭހައިން ގަނެވޭނެ ގޮތްތައް އިންތިޒާމު ކުރެވިގެންދާނެ. އަދި މިރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާއިރުގައި، މިރަށުގައި ޒޯން ސްޓޭޑިއަމެއް ރަނގަޅަށް ތަރައްޤީ ކުރެވިގެންދާނެ.

މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކެއް ކަމުގައިވެސް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަ މިހިސާބުން ނިންމާލަމުން، އަދިވެސް އެއްފަހަރު މިއަދަށް، މިކަމަށް ތައްޔާރުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ޤައުމުގެ ތަރައްޤީއަށް އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވައި، ޞިއްޙީ ދާއިރާއަށް ކުރިއެރުމާއި ފާގަތިކަން، މާތް ﷲ މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.