ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި އިނގިރޭސިވިލާތުގެ އެއްބާރުލުން ހޯއްދެވުމާބެހޭގޮތުން ރައީސް މުޙަންމަދު ނަޝީދު، އިނގިރޭސި ޑެޕިޔުޓީ ހައިކޮމިޝަނަރ މިސްޓަރ މާރކް ގުޑިންގއާ، މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ތަރައްޤީކުރައްވައި ބަދަހިކުރެއްވުމުގެ މައްޗަށްވެސް ރައީސް ނަޝީދާއި މިސްޓަރ ގުޑިންގ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ބަދަލުވެފައިވާ ގޮތުގެ މައްޗަށާއި، ރާއްޖޭގައި ޑިމޮކްރަސީ ބަދަހިކުރެއްވުމަށާއި ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، އިނގިރޭސިވިލާތަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތަކަށްޓަކައި އިނގިރޭސި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މިސްޓަރ ގުޑިންގ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ބްރިޓިޝް ހައިކޮމިޝަނުގެ ދިވެހިރާއްޖޭގެ އާ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާޙުކޮށްދެއްވިއެވެ.
ވެބްސައިޓް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވުމަކީ، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމަށް ވިދާޅުވެ، އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ދިވެހިންނަށް ބޭނުންވާ މަޢްލޫމާތާއި އެހެނިހެންވެސް މުހިންމު މަޢްލޫމާތު މި ވެބްސައިޓުގައި ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މިސްޓަރ ގުޑިންގ ދެއްކެވި ވާހަކަފުޅުގައި، މި ވެބްސައިޓަކީ އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބަދަހިކުރެއްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އިނގިރޭސިވިލާތާ ބެހޭގޮތުންނާއި ދެޤައުމުގެ ގުޅުމާބެހޭގޮތުން ވަރަށް ގިނަ މަޢްލޫމާތު މިވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި ވިދާޅުވިއެވެ.