ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ދެރަށަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދެލީ ރަށު ކައުންސިލާ އަދި އެރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންތައް ބޭއްވަވާފައިވަނީ ހުޅުދެލީ ސްކޫލްގައެވެ.

ހުޅުދެލީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންވަނީ، ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއިބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައި، އެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބަނދަރުގެ ދަތިކަމާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި، ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތައް ހިމެނެއެވެ.

އަދި، ހުޅުދެއްޔަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ، ކައުންސިލަރުންވަނީ މަސް ކިރުވުމުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުންވެސް، ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ކުޅިވަރު ކުޅޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ހުޅުދެލީ ކައުންސިލަރުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން، ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކާ ކަމާބެހޭ އިދާރާތަކާއި، ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުދެލީ ސްކޫލާއި، ޞިއްޙީ މަރުކަޒާއި ފެނަކައިގެ އިސް ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ މުއައްސަސާތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ދަތިތަކުގެ މަޢުލޫމާތު، އެ ބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. ހުޅުދެލީގެ ބައެއް މުއައްސަސާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ސްކޫލާއި، ޞިއްޙީ މަރުކަޒު އަދި އިންޖީނުގެއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ބައެއް ކަންތައްތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާވަނީ ހުޅުދެލީ ޞިއްޙީ މަރުކަޒާއި، އިންޖީނުގެ އަދި ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވާ އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.