ސްރީލަންކާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ލޯ ރިފޯމްސް، އަމަރަސިރީ ޑޮޑަންގޯޑާ އަވަހާރަވުމާ ގުޅިގެން، ރައީސް މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިނިސްޓަރ އަމަރަސިރީ ޑޮޑަންގޯޑާ އަވަހާރަވުމަކީ، މުޅި ސްރީލަންކާއަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށާއި، ސްރީލަންކާގެ ރައްޔިތުންނަށް އޭނާ ކޮށްދެއްވާފައިވާ އަގު ނުކުރެވޭފަދަ ޚިދްމަތްތަކުގެ ހަނދާންތައް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ޤައުމީ ހިތާމައިގެ މިވަގުތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާ ސަރުކާރަށާއި ސްރީލަންކާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިނިސްޓަރ ޑޮޑަންގޯޑާގެ ޢާއިލާގެ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.