بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى محمّد وعلى آلـه وصحبه أجمعـين.

އެމް.އެމް. ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ދުސޫމާ މޫސާ، މި ސްކޫލްގެ މަސްއޫލްވެރިޔާ އަލްފާޟިލް ޝާފީ މާހިރު، ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު އަލްފަޟިލް މުހަންމަދު ނާޒިމް އަދި މިނިސްޓަރ އޮފް ސްޓޭޓްގެ ނައިބު އަލްފާޟިލް މުހަންމަދު ޝަރީފް، މި ސްކޫލްގެ ޢިއްޒަތްތެރި ބެލެނިވެރިންނާއި ލޮބުވެތި ތުއްތުކުދިން، އަދި މިތަނަށް ޙާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން،

السّـلام عليـكم ورحمة اللّـه وبركاته

އާދެ، މިރެޔަކީ ވަރަށް އުފާވެރި ރެއެއް. ޕްރީސްކޫލް ތަޢްލީމަކީ އެއީ، ތަޢްލީމުގެ ބިންގާ. ވީމާ، 42 އަހަރު ވަންދެން މެދުކެނޑުމެއްނެތި ސްކޫލެއްގެ ޚިދްމަތް އަދާކުރަމުންދިޔަ މި އެމް.އެމް. ސްކޫލްގެ 42 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ބާއްވާ ޖަލްސާ މިރޭ މިއޮތީ. އެހެންވީމާ، މިޖަލްސާގައި އަޅުގަނޑަށް ބައިވެރިވެވުނުކަމީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. އަދި އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް، ޙަމްދާއި ޝުކުރުކުރަން.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިރޭ މި ސްކޫލްގެ ބާނީ އަލްމަރްޙޫމް މުޙަންމަދު މާހިރުގެ ހަނދާން، އެބޭފުޅާގެ ޛިކްރާ އާކުރުން. އާދެ، މިރަށުގެ ތަޢްލީމަށްޓަކައި ވަރަށްބޮޑު ޚިދްމަތެއް އަލްމަރްޙޫމް މުޙަންމަދު މާހިރު ކުރައްވާފައިވާކަމުގެ ދަލީލެއް. މި ސްކޫލުން ދިހަހާހަށްވުރެ ގިނަ ޢަދަދެއްގެ ކުދިން ތަޢްލީމް ޙާޞިލްކޮށްގެން ނިކުމެފައިވާކަން. އެއީކީ ކުޑަކުޑަ ޚިދްމަތެއްނޫން. އެކަމަށްޓަކައި މިރަށުގެ ހުރިހާ ރައްޔިތުންވެސް އަދި ދިވެހި ސަރުކާރުވެސް އެކަމަށްޓަކައި އެބޭފުޅާގެ ހަނދާން އާކޮށް، އެބޭފުޅާއަށް ޝުކުރު އަދާކުރަން.

އާދެ، އެ ޝުކުރުގައި އަލްމަރްޙޫމް މުޙަންމަދު މާހިރުގެ ޢާއިލާގެ ބޭފުޅުން، އެބޭފުޅާގެ ދަރިދަރިކަލުން ޚާއްޞަ ގޮތެއްގައި މި ސްކޫލް ދެމެހެއްޓުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެއީ، އަޅުގަނޑުމެންގެ ތަޢްރީފް އެބޭފުޅުންނަށް ރައްދުކުރަން ޖެހޭ ކަމެއް. ސަބަބަކީ ސްކޫލެއް އަމިއްލަގޮތުން މިހާދިގު މުއްދަތަކަށް ހިންގުމަކީ އެއީ ކުޑަކޮށްވެސް ފަސޭހަކަމެއްނޫން. ވަރަށްގިނަ ދަތިތަކާއެކު އެކިފަރާތްފަރާތުގެ އެހީ ހޯއްދަވައިގެން މި ސްކޫލް މިހާ ހިސާބަށް ގެނެސްދެއްވާފައި މިވަނީ. އެހެންވީމާ އެކަމަށްޓަކައި މާހިރުގެ ފެމިލީގެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، އެއަށްފަހު އަޅުގަނޑު ވަރަށްކުރު ދެތިންއެއްޗެއް ދަންނަވާނަން. ޕްރީސްކޫލާ ބެހޭގޮތުން. އާދެ، ޕްރީސްކޫލް ތަޢްލީމަކީ، އަޅުގަނޑު ކުރިން ދެންނެވިފަދައިން، އެއީ ތަޢްލީމުގެ ބިންގާ. ނަމަވެސް، ޅަފަތުގެ ތަޢްލީމު ފެށެނީ ޚާއްޞަކޮށް މައިންގެ ތަޢްލީމާ ޞިއްޙަތާ އެކުގައި. ކުޑަކުއްޖަކު އުފަންވުމުގެކުރިން އެކުއްޖެއްގެ ތަޢްލީމު ފެށޭ. އޭގެދަލީލެއް، ކުއްޖާ އަދި ވިހެއުމުގެ ކުރިންވެސް ބަނޑުގައި އޮންނަ އިރުގައިވެސް އެކުއްޖާއަށް ވަށައިގެންވާ މާޙައުލުގައި އިވޭ އެކިއެކި އަޑުއަޑުތައް އިވޭ. އަދި އެދުވަސްވަރު އެކުއްޖާއަށް އަޑުއިވޭ، މިޔުޒިކާއި ތިމާގެ މީހުންގެ އަޑު އެކުއްޖާ ދެނެގަނޭ. ނަތީޖާއެއްގެގޮތުން އުފަންވުމަށްފަހުގައި ހަމަ އެންމެފުރަތަމަ ދުވަހުވެސް ދެމީހުންގެ އަޑު އެކުއްޖާއަށް އިވިއްޖެނަމަ އެކުއްޖެއްގެ ބޯ އަނބުރާލަނީ އެކުއްޖާ އެންމެ ދަންނަ މީހަކާ ދިމާއަށް. މިއީ ވަރަށް މަޝްހޫރު ޕްރީސްކޫލްގެ ތަޢްލީމުގެ މާހިރެއް ކަމުގައިވާ ޑރ ބްރޭޒްލްޓަން ކިޔާ ބޭފުޅަކު ކުރެއްވި ދިރާސާއެއްގެ ދަށުން ދައްކާ އެއްޗެއް. ޅަފަތުގައި ކުއްޖާ އުފަންވުމުގެ ކުރިންވެސް އެކުއްޖާ އެކުއްޖާގެ ތިމާވެށި ދެނެގަންނަ ވާހަކަ. މިއީ ވަރަށް މުހިންމު ކަމެއް. ވަރަށް މުހިންމު ދިރާސާއެއް.

އަޅުގަނޑުމެންނަށް ހީވަނީ، ތުއްތުކުދިން ކިޔަވަންފަށަނީ އެކުއްޖާ ވަކިވަރަކަށްވުރެ ބޮޑުވުމަށްފަހުގައޭ. އެއެއްނޫން ޙަޤީޤަތަކީ. ކުދިންނާ ބެހޭގޮތުން، ތުއްތުކުދިންނާ ބެހޭގޮތުން މީހުންގެ މަޢްލޫމާތު ހުންނަނީ އެކިވަރުވަރަށް. ބައެއް ޖަމާޢަތްތަކުގައި މީހުން ޤަބޫލްކުރޭ ތުއްތު ކުދިންނަކީ އުފަންވާއިރުގައި އަދި ނުފެންނަ ކުދިންކަމަށް. އެކުދިންނަށް އެއްވެސްތަނެއް ނުފެންނާނެކަމަށް، އެއްވެސް މީހަކުވެސް ނޭނގޭނެކަމަށް. އެހެންވީމާ، އެފަދަ ޖަމާޢަތްތަކުގައި ކުދިންނާ ދޭތެރޭގައި ޢަމަލުކުރަނީ ތަފާތުގޮތަކަށް. އަޅުގަނޑު އެފްރިކާގެ އެއްޤައުމެއްގައި މަސައްކަތްކުރިއިރުގައި އެތަނުގެ ބައެއް މައިންބަފައިންކުރެން ސުވާލުކުރިން، މަންމައިންނާއި، ބައްޕައިންނާ އަޅުގަނޑު އެސުވާލުކުރީ. ކުއްޖާއަށް، ތުއްތުކުއްޖާއަށް ފެންނަނީ ކޮން ޢުމުރެއްގައިހޭ؟ އެހީމާ، ހުރިހާ ބައްޕައިންވެސް މިބުނަނީ އެކުއްޖާއަށް ފެންނަނީ ގަތްގަނޑަކަށް ތިންހަތަރުމަސް ވުމަށް ފަހުގައޭ. ނަމަވެސް މަންމައިންކުރެން އަހާލީމާ ހުރިހާ މަންމައިންވެސް ބުނީ ހަމަ އެންމެފުރަތަމަ ދުވަހުންވެސް ކުއްޖާއަށް ފެނެއޭ. މިއީކީ އެމީހުންނަށް ކިޔަވައިދީގެން ދަސްވެފައިހުރި އެއްޗެއްނޫން. މިއީ ހަމައެކަނި ކުދިންގެންގުޅުމުން ކުދިން އޮބްޒަރވްކޮށް ބެލެހެއްޓުމުން އެމީހުންނަށް އެނގޭ އެއްޗެއް. ނަމަވެސް މީގެ ސަބަބުން ކުދިންނާ ދޭތެރޭގައި ޢަމަލުކުރާގޮތް ވަރަށްބޮޑަށް ތަފާތުވެގެންދޭ.

އެއްކަމަކީ ބައްޕައިން ތުއްތުކުދިންނާ އެހާބޮޑަށް އަޅާނުލުން. އެހާ ޅަފަތުގައި އެއްމަހުގައި ނޫނީ ދެމަހުގައި ނޫނީ ތިންމަހުގައި ބައްޕައިން އެހާބޮޑަށް ކުދިންނަށް ސަމާލުކަންދީ ކުދިންނާ ވާހަކަދައްކައި ކުދިން އުރާލައި ނެހެދުން. މިދަންނަވާކަހަލަ މުޖްތަމަޢްތަކުގައި. އެހެންވީމާ، ކުދިންގެ ކިޔެވުންފެށިގެން އައިއްސާ މިއޮންނަނީ ވަރަށްވެސް ޅަފަތުގައި. އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ބެލެނިވެރިން ތައްޔާރުކުރަން. މަންމައިންނާ ބައްޕައިން އެކަމަށްޓަކައި ތައްޔާރުކުރަން. ކުއްޖާގެ ތަޢްލީމުގެ ބިންގާ އެންމެ ފުރަތަމަ މިއެޅެނީ ހަމަ ކުއްޖާ އުފަންވާ ހިސާބުން. ކިހިނެއްތޯ ޅަފަތުގައި ދަރިފުޅު އުނގެނެނީ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ތުއްތު ކުއްޖަކު އުނގެނެނީ އެކުއްޖާގެ ޙިއްސުތައް މެދުވެރިކޮށް. ފެނުމާއި، އިވުމާއި، ރަހައާއި، އަދި ބީހުމާ، މިތަފާތު ޙިއްސުތައް މެދުވެރިކޮށްގެން ތުއްތު ކުއްޖަކު ދެނެގަންނަނީ. އެކުއްޖާއަށް އިވޭ އަޑުތައް އެކުއްޖާ ދެނެގަނޭ. އެއީ ކާކުގެ އަޑެއްތޯ އެއީ ކޮންކަހަލަ އަޑެއްތޯ. ހަމައެހެން ފެންނަ ފެނުމުގައިވެސް އެއީ ކޮންކަހަލަ ކުލައެއްތޯ ދެނެގަނޭ. އަދި އަތްލުމުންވެސް އެއީ ލޯބީގެ އަތްލުމެއްތޯ ނުވަތަ އަނިޔާކުރުމުގެ އަތްލުމެއްތޯ މިހުރިހާ އެއްޗެއްވެސް އެކުއްޖާ ދެނެގަނޭ. ދަރިފުޅުގެ ޙިއްސުތައް މިހުންނަނީ އެކުއްޖާގެ ސިކުނޑިއާ ގުޅިފައި. މިއީ ހަމަ ކޮމްޕިއުޓަރެއްހެން ވައިރުކޮށްފައި އޮންނަ އެއްޗެއް، ކުއްޖާގެ ސިކުނޑިއަކީ. އެ ސިކުނޑީގެ އެކިތަންތަނާ ނޫނީ، އެކުއްޖާގެ ލޮލާއި، ފަޔާއި، އަތާއި، ހަށިގަނޑާއި، ކަންފަތާއި، ދުލާ، މި ހުރިހާ އެއްޗެއް ގުޅިފައި. އޭގެ ނަތީޖާއެއްގެގޮތުން ކުއްޖާގެ ޙިއްސުތަކަށް އެ ލިބޭ ސިގްނަލް އެކުއްޖާގެ ސިކުނޑިއަށްގޮސް ސިކުނޑި އެ ދެނެގަންނަނީ. ދެނެގެން ސިކުނޑީގައި އެ ފޮރުވިފައި ހުރެގެން ސިކުނޑިއަށް ދަސްވަމުން ދަސްވަމުންގޮސް ސިކުނޑި މި ބޮޑުވަމުން މިދަނީ.

އެންމެބޮޑަށް ދަރިފުޅު އުނގެނޭ، އަދި ވަށައިގެންވާ މާޙައުލު ދެނެގަންނަ އުމުރަކީ އުމުރުން ދެއަހަރު. މި އުމުރުގައި ކުދިން ވަރަށްބޮޑަށް ހަލަބޮލިވޭ. ބައެއް ތަންތާނގައި މިއުމުރަށް ކިޔާ ޓެލިބަލްޓޫ. އެއީ، ކުދިން ގެންގުޅެން އުނދަގޫވީމާ އެއުމުރުގައި. އެއީ ކޮންމެއެއްޗެއް ދެނެގަންނަން ބޭނުންވޭ، ކޮންމެކަމަކާ ބެހެންޖެހޭ، ކޮންމެއަޑެއް އިވެންޖެހޭ. ދެން އެހެންވީމާ، ދެއަހަރުގެ އުމުރުގެ ކުދިން ބަލަން. އެއީ ވަރަށް އުނދަގޫ އުމުރެއް. އެހެންނަމަވެސް، ކެތްތެރިކަމާއެކީގައި ކުދިންނަށް އުނގަނައިދިނުމުގެ މަސައްކަތް ދެއަހަރުން ފެށިގެން ރޭވިފައިއޮތުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ކުއްޖާގެ އުމުރުން ދެއަހަރު ވާއިރުގައި އެކުއްޖާގެ ސިކުނޑި މިއޮންނަނީ ގާތްގަނޑަކަށް ބޮޑުމީހެއްގެ ސިކުނޑީގެ 75 ޕަސެންޓަށް ބޮޑުވެފައި. ސިކުނޑި ބޮޑުވަނީ ސިކުނޑީގެ އެތެރޭގައި ހުންނަ އެކިއެކި ނާރުތައް ގުޅެމުންދިޔަ ވަރަކަށް. އެގުޅުންތައް ގިނަވި ވަރަކަށް ސިކުނޑި ބޮޑުވެގެން މިދަނީ. އެހެންވީމާ، ޅަފަތުގެ ތަޢްލީމަކީ ކުއްޖާގެ ސިކުނޑި އުފެއްދުމަށްޓަކައި ކުއްޖާގެ މުސްތަޤްބަލަށް ބިންގަލެއް އެޅުމަށްޓަކައި އެންމެ މުހިންމު ކަންތައް.

ދެންމެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އެ ވިދާޅުވިފަދައިން، މިއުމުރުގައި ކުދިންނަށް ކިޔަވައިދޭ މީހުން ވާންޖެހެނީ ހަމަ އެންމެމޮޅެތި މީހުންނަށް. އެއްގޮތަކަށްވެސް ކޯހެއް ނަހަދާތިބޭ ތަމްރީނެއް ނުލިބޭ މީހުނެއް ނޫން، އެ އުމުރުގައި އެ ތަޢްލީމު ދޭންޖެހެނީކީ. މިކަން ދެނެގަނެގެން މިހާރު ރާއްޖޭގައިވެސް ޕްރީ ސްކޫލް ތަޢްލީމަށް އަދި ޅަފަތުގެ ތަޢްލީމަށް ވަރަށްވެސް ޚާއްޞަ އަހަންމިއްޔަތެއް ދެމުން މިގެންދަނީ. މީގެ ސަބަބުން ހަމަ ހުރިހާ ރަށެއްގައިވެސް ޕްރީ ސްކޫލް އުފެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަދި ކޭޖީ އާއި، އެލް.ކޭ.ޖީ އާއި، ޔޫ.ކޭ.ޖީ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދޭ. އެއީ، މައިންބަފައިންނަށާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ތަޢްލީމީފެންވަރުވެސް މައްޗަށްދިޔަ މިންވަރަކުން. އަޅުގަނޑުމެންނަށް އެބައެނގޭ، މިތަޢްލީމުގެ މުހިންމުކަން. އަދި މިހާރު އޭގެ ސަބަބުން މިވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ޕްރީ ސްކޫލާބެހޭ ބިލެއް ހުށަހެޅި އެކަމާބެހޭގޮތުން މިހާރު އެ މަޖިލިސްގެ ފަރާތުން ވިސްނާވަޑައިގަންނަވަމުން އެގެންދަވަނީ.

އަޅުގަނޑުގެ ވާހަކައަކީ، ސަރުކާރުން މިހާރަށްވުރެ ބޮޑު އަހަންމިއްޔަތެއް ޕްރީ ސްކޫލް ތަޢްލީމަށާ ޅަފަތުގެ ތަޢްލީމަށް ދޭން އެބަޖެހެއޭ. އަދި މިތަޢްލީމަކީ މިއީ، އަޅުގަނޑު ކުރިން ދެންނެވިހެން، ޕްރީސްކޫލަށް އައުމުގެވެސް ކުރިން މައިންބަފައިންގެ ތަޢްލީމުގެ ތެރޭގައި ހިމެނިފައި އޮންނަން ޖެހޭކަމެކޭ. ކުއްޖާގެ އެންމެފުރަތަމަ މުދައްރިސަކީ ކުއްޖާގެ މަންމަޔާ ބައްޕަ. އެހެންވީމާ، ގޭތެރެއިންވެސް ތުއްތުކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އެކިއެކި އުސޫލުތަކާ ދެނެގަންނަންޖެހޭ ކަންކަން މައިންބަފައިންނަށާއި ގޭގެ ޢާއިލާގެ އެހެންމީހުންނަށް އެބަ ދަސްކޮށްދޭންޖެހޭ.

ޞިއްޙީގޮތުން ބަލާއިރުގައިވެސް ކުއްޖާއަށް ކުރިމަތިވާ ބައެއް ކަންތައްތައް މިކުރިމަތިވަނީ އެންމެ ޅަފަތުގައި. މިހާރު ރާއްޖޭގެ ޞިއްޙީ ކަންތައްތައް ކުރިއެރުވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެގޮތުން، ޅަފަތުގައި މަރުވާ ކުދިންގެ އަދަދުވަނީ ވަރަށްބޮޑަށް މަދުކުރެވިފައި. އެހެންނަމަވެސް، މިހާރު ޅަފަތުގައި މަރުވާ މަދުކުދިން މަރުވަނީ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި. އެކަން އެހެން ދިމާވާގޮތަކީ، އެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އެކުއްޖާއަށް ކުރިމަތިވާ ކަންކަމަށް ފުދޭވަރަށް އަޅާނުލެވެނީ. އެކަމުގެ ތަމްރީނު ދެވިފައިވާ ޑޮކްޓަރުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާވަރަށް ނެތީ.

އާދެ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބޭ، ކޮންމެ ރަށެއްގައިވެސް ނުކުޅެދޭ ކުދިން. ކުޅެދުމާއި ނުކުޅެދުމާ މިއީ ދެކޮޅު. ކޮންމެ މީހެއްގެވެސް ހުންނާނެ، ކުޅެދުންތަކަކާއި ނުކުޅެދުންތަކަކާ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއްކުދިން އެބަތިބި ވަރަށްބޮޑެތި ނުކުޅެދުންތަކެއްހުރި ކުދިންތަކެއް. އެކުދިންނަށް ނުކުޅެދުން ގިނަފަހަރަށް ކުރިމަތިވެފައި މިއޮންނަނީ ޅަފަތުގައި އެކުދިންނަށް ދޭންޖެހޭ ފަރުވާޔާ އެހީތެރިކަން ނުދެވުމުގެ ސަބަބުން.

ޅަފަތުގައި އެފަރުވާ ނުދެވުނީމާ ވާގޮތަކީ، އެ ނުކުޅެދުން ބޮޑުވަމުން ބޮޑުވަމުންގޮސް އެކުއްޖާ ބޮޑުވާއިރުގައި އެކަން ހުންނަނީ ދެން ރަނގަޅު ނުކުރެވޭވަރަށް އެކަން ގޯސްވެފައި. އެއާ ޚިލާފަށް އެންމެ ޅަފަތުގައި އަޅުގަނޑުމެންނަށް އެކުއްޖާގެ ހުރި ކުދިކުދި ނުކުޅެދުންތައް ދެނެގަނެވޭނެގޮތެއް އޮންނަނަމަ އޭރުއްސުރެން އެކުއްޖާއަށް އެހީތެރިވެދީގެން، ބޮޑުވެގެން އަންނަ އިރުގައި މިދެންނެވިކަންކަން ރަނގަޅު ކުރެވޭނެ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، ޅަފަތުގެ ތަޢްލީމުގެ ވަރަށްބޮޑުބައެއް އެބަވެއޭ، ބެލެނިވެރިންނަށް އަމާޒުކޮށްގެން ދޭންޖެހޭ އެއްޗަކީ ޕްރޭންޓިން އެޑިޔުކޭޝަން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި ސްކޫލްގެ ފަރާތުން ޕްރީ ސްކޫލް ހިންގަމުން ގެންދަވާއިރުގައިވެސް މި ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކުރައްވައިގެން ޕްރޮގްރާމްތަކެއް ހިންގަވާނެކަމަށް. މިދެންނެވި ޕްރޮގްރާމްތައް ހިންގަވަނިކޮށް މިހާރު ތިޔަ ކުރައްވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އަދި މި ސްކޫލަކީ އޭރުން ޕްރީ ސްކޫލްގެ މަސައްކަތުގައި އެހެން ސްކޫލްތަކަށް ނަމޫނާއަކަށްވެސް ވެގެންދާނެ.

އާދެ، ޕްރީ ސްކޫލްގެ ތަޢްލީމުގައި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށްބޮޑަށް ތަޢްރީފްކުރަން. އަޅުގަނޑު ކުރިން ދެންނެވިން، އަޅުގަނޑަށް މިކަމުގައި ކުޑަކޮށް އެނގިފައިވާ މަޢްލޫމާތުގެ މައްޗަށް ބިނާކޮށް ދެންނެވި އެއްޗެއް. އެއްދުވަސްވަރެއްގައި އަޅުގަނޑަށްޖެހުނު ޔުނިސެފްގެ ދުނިޔޭގެ ފެންވަރުގައި، ޅަފަތުގެ ތަޢްލީމުގެ މުޝްތަޝާރެއްގެ ގޮތުގައި އުޅެން، ނިއުޔޯކްގައި. އެހެންވީމާ، އެދުވަސްވަރު އަޅުގަނޑު ދަސްކުރި ބައެއް އެއްޗެހީގެ ވާހަކަ މިދަންނަވަނީ. އަދި އަޅުގަނޑު ދަންނަވާނަން، އިތުރުވާހަކައެއް މިއަދު މިތަނުން ވަކިވުމުގެކުރިން.

އެވާހަކައަކީ އެއީ، ކުދިން އުނގެނޭއިރުގައި އުނގެނެނީ ތަފާތު ގޮތްގޮތަށް. ހުރިހާ ކުދިންނަކީ އެއްކަމަކަށް މޮޅުކުދިންނެއްނޫން. މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ބައެއް ކުދިންނަކީ ވަރަށްރީތިކޮށް ލިޔާ ކުދިން. ނޫނީ ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ކުދިން. ނޫނީ ވަރަށް ރިތިކޮށް ލަވަކިޔާ ކުދިން. ނޫނީ ބައެއްކުދިންނަކީ ހަމައެއްގޮތަކަށްވެސް އިށީނދެގެން އެއްތަނެއްގައި މަޑުން ނީނދެވޭ ކުދިން. މިކަހަލަ ތަފާތުގޮތަކަށް ހުރިހާކުދިން މިތިބެނީ. އެއްކަހަލަ ދެކުދިންނެއް އެއްގޮތަކަށްވެސް ނެތް. ކޮންމެ ކުއްޖެއް ހައްދަވާފައި މިވަނީ اللّـه سبحـانـه وتعـالى ހަމަ ވަކި ފަރުދެއްގެ ގޮތުގައި ވަކި ސިފަތަކެއް ލައްވާފައި. ކޮންމެ ކުއްޖެއްގެވެސް ފިންގަރޕްރިންޓްވެސް ތަފާތު. ކޮންމެކުއްޖަކު ދުނިޔެއަށްއައިސް ބޮޑުވަމުންދާގޮތްވެސް ތަފާތު. އެހެންވީމާ، އަޅުގަނޑުމެންގެ ތަޢްލީމު އަޅުގަނޑުމެންނަށް ބިނާކުރަންޖެހޭނީ މިފަދަ ތަފާތު ކުދިންތަކަކަށްދެވޭ ތަޢްލީމެއްގެ ގޮތުގައި. ހަރވަޑް ޔުނިވަރސިޓީގެ ވަރަށް މަޝްހޫރު ނަފްސާނީ ޢިލްމުވެރިއެއް، ހަވަޑް ގާރޑްނަރ ކިޔާބޭފުޅެއް. މީގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރިން ލިޔުއްވި ފޮތެއް. މިޔަށް ކިޔަނީ،" މަލްޓިޕްލް އިންޓެލިޖެންސް". މަލްޓިޕްލް އިންޓެލިޖެންސަސް، އޭގެ ވާހަކައަކީ، ކުއްޖާގެ ވިސްނުމަކީ އެއީ އެއްކަހަލަ ވިސްނުމެއްނޫނޭ ތަފާތު ވިސްނުންތަކެކޭ މިހުންނަނީ.

ބައެއް ކުދިން މޮޅީ މިސާލަކަށް ލޮޖިކިށް. އެހެންވީމާ، އެކުދިން މޮޅުވާނެ ހިސާބަށް. ދެން އެކުއްޖާ އެއީ ކުރެހުމަށް މޮޅުކުއްޖަކަށް ހަދަން މަސައްކަތްކުރަން އުޅެން ހަދައިގެން އެކުއްޖާގެ ހިސާބު ޢިލްމުވެސް އޭނާއަށް ނުލިބޭނެ. އެހެންވީމާ، މި ޅަފަތުގެ ތަޢްލީމުގައި ޕްރީ ސްކޫލްގެ އެޑިޔުކޭޝަންގެ ތެރެއިން އަދި ޕްރައިމަރީ އެޑިޔުކޭޝަނުގެ ތެރެއިންވެސް އަޅުގަނޑުމެންކުރަންވީ އެއްކަމަކީ ކޮންމެ ކުއްޖަކަށްވެސް ތަފާތު ތަޖްރިބާތަކެއް ދޭންވީ ތަޢްލީމުގެ ތެރެއިން. ދޭއިރުގައި އެކުއްޖާއަށް ކުރެހުމުގެ ތަޖްރިބާވެސް ދޭން އެބަޖެހޭ. ޤްރްއާން ކިޔެވުމުގެ ތަޖްރިބާޔާއި، ލަވަކިޔުމުގެ ތަޖްރިބާޔާއި، ލިޔުމުގެ ތަޖްރިބާޔާއި، ހިސާބު ހެދުމުގެ ތަޖްރިބާޔާއި، ދުވުމުގެ ތަޖްރިބާޔާ މިހުރިހާ ތަޖްރިބާތަކެއް ކޮންމެ ކުއްޖަކަށްވެސް އެބަ ދޭންޖެހޭ. ދިނީމާ އޭގެތެރެއިން އެކުއްޖާ ދެނެގަންނާނެ، އޭނާ އެންމެ ކުރާހިތްވާ، އެންމެ މޮޅު ކަންތައްތަކަކީ ކޮބައިކަން. ކޮންމެ ކުއްޖަކަށްވެސް އެފުރްޞަތު ދެވިއްޖައީވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ކޮންމެ ކުއްޖަކީވެސް ހަމަ އެކަމުގެ ވަރަށްކުޅަދާނަ މޮޅު ކުއްޖަކަށް އަޅުގަނޑުމެންނަށް ހެދޭނެ. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި ދެރަކުދިންނެއް އޭރަކުންނެއް ނުތިބޭނެ. ކޮންމެކުއްޖަކުވެސް އެކުއްޖެއްގެ މޮޅުކަން ދެނެގަންނާނެ.

އަޅުގަނޑުމެންގެ ތެރޭގައި ކުދިން ބޮޑުވަމުން އަންނައިރުގައިވެސް އަޅުގަނޑުމެން ބެލެނިވެރިން ބޭނުންވެދާނެ އެކުއްޖަކީ އެއީ ވަރަށްމޮޅު ސައިންސް ވެރިޔަކަށް ހަދަން. އެހެންނަމަވެސް، އެކުއްޖެއް އެކަމަށް ބޭނުންނުވޭ، އެކަމަށް ކިޔެވުމަށް ފޫހިވެ، ކިޔެވުމުން ދުރުހެލިވޭ. އެހެންނަމަވެސް، އެކުއްޖާއަށް ސްޕޯޓްސް ކުޅިވަރުގެ ފުރްޞަތެއް ދީފިއްޔާ އެކުއްޖެއް އެކަމުގައި ވަރަށްމޮޅުވެދާނެ. ދުނިޔޭގައި ނެތްވަރުގެ ބޮޑު ސްޕޯޓްސް މީހަކަށްވެދާނެ. ނޫނީ ދުވާ ކުއްޖަކަށް ނޫނީ ފުޓްބޯޅަކުޅޭ ކުއްޖަކަށް ވެދާނެ. އެހެންވީމާ، ތުއްތުއިރުއްސުރެންވެސް މި ތަފާތު ތަޖްރިބާތައް އަޅުގަނޑުމެންގެ ސްކޫލްތަކުގައި ދިނުމަކީ އެއީ ވަރަށް މުހިންމުކަމެއް. އެއީ ކޮންމެ ކުއްޖަކުވެސް މިހުންނަނީ ތަފާތު ގޮތްގޮތަށް ކިޔަވަނީ، ދެނެގަންނަނީ އަދި ވިސްނަނީ.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެންގެ މުދައްރިސުން، މުދައްރިސުންނާ މުދައްރިސާއިންގެ ތަޢްލީމުގައިވެސް އަދި އެބޭފުޅުންގެ މަސައްކަތުގައިވެސް މިދެންނެވި ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް.

އާދެ، އަދިވެސް އެއްފަހަރު އަޅުގަނޑަށް މިފުރްޞަތު ދެއްވިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މިރޭ މިޖަލްސާއަށް ވަޑައިގެންނެވި ހުރިހާ ބެލެނިވެރިންނާ އަދި އަޅުގަނޑުމެންގެ ލޮބުވެތި ތުއްތުކުދިން ޚާއްޞަކޮށް މި އިނާމު ލިބުނު ހުރިހާކުދިންނަށްވެސް އަޅުގަނޑު ވަރަށް އުފަލާއެކީގައި މަރްޙަބާކިޔަން، މުބާރަކްބާދު ރައްދުކުރަން. ވަރަށް މޮޅު ކުދިންކޮޅެއް މިހާރުވެސް މިތާ މިތިބީވެސް. އެހެންވީމާ، ހުރިހާކުދިންނަށްވެސް ވަރަށްބޮޑަށް މަރްޙަބާކިޔަން. އަދި އެކުދިން މޮޅުކުރުމަށްޓަކައި ހުރިހާ ބެލެނިވެރިން ތިޔަކުރައްވާ މަސައްކަތަށްވެސް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ނިންމާލާނީ އަދިވެސް އެއްފަހަރު މި ސްކޫލް ހިންގެވުމަށްޓަކައި މި ސްކޫލް ދެމެހެއްޓެވުމަށްޓަކައި މި ސްކޫލް ހިންގަވާ ފަރާތްތަކުން މަސްއޫލުވެރިން، އެސިސްޓެންޓް ޕްރިންސިޕަލް އަދި މުދައްރިސުން ތިޔަކުރައްވާ މަސައްކަތަށް ތަޢްރީފްކޮށް އަދި ޝުކުރު ދަންނަވަމުން.

والسّـلام عليـكم ورحمة اللّـه وبركاته.