މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި އެންމެ އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލަކަމަށް ބައްލަވައިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮލަމްބޯޕްލޭން ޑްރަގް އެޑްވައިޒަރީ ޕްރޮގްރާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑްރަގް ރިހެބިލިޓޭޝަން ސަރވިސަސް ގުޅިވަޑައިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ބާއްވަވާ ސަރަޙައްދީ ބައްދަލުވުމެއް ހުޅުއްވައިދެއްވުމުގެ ބައްދަލުވުމެއްގައި މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރެޒޯޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގެ ނުރައްކާތެރިކަން މިއަދު ފެތުރިފައިވާ މިންވަރަށް ބައްލަވާލައްވަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުކަން ދެއްވައި، މި މައްސަލަ ޙައްލު ކުރުމުގައި ކޮންމެ ރައްޔިތެއްގެވެސް ޙިއްޞާ އެބައޮތް ކަމަށް ބައްލަވައިގެން، އަދި މިކަމާ ގުޅުންހުރި ހުރިހާ ދާއިރާއެއް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައްކަމަށާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރެއްވުމަކީ، ސަރުކާރުގެ މައިގަނޑު ފަސްވަޢުދުގެ ތެރޭގައި ހިމެނޭ އެއްވަޢުދުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ވަޢުދު ފުއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލް އުފައްދަވައި މިކަމުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވާކަންވެސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، މި ވަބާގައި ޖެހިފައި ތިބި މީހުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތްތައް ކުރުމަށް ލިބިފައި ހުރި ވަސީލަތްތައް، މިވަބާ ރާއްޖޭގައި ފެތުރިފައިވާ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ލިބެން ނެތްކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ފޯރުވައިދިނުމުގެ ވަސީލަތްތައް ޤާއިމުކުރުމަކީ، ސަރުކާރުން މަރުޙަބާ ވިދާޅުވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދުން ފެށިގެން ޖޫން މަހުގެ 4 ވަނަދުވަހުގެ ނިޔަލަށް ހިނގަމުންމިދާ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން، އޭޝިޔާ ޕެސިޕިކް ސަރަޙައްދުގެ 14 ޤައުމަކުން 36 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.