ދެ ވުޒާރާގެ ވަޒީރު ކަމުގެ މަގާމަށާއި، އެޓަރނީ ޖެނެރަލްގެ މަގާމަށް ބޭފުޅުން ޢައްޔަން ކުރެއްވުމަށްޓަކައި، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ ބޭފުޅުންގެ ނަންފުޅުތައް ރައީސް މުޙަންމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވި ބޭފުޅުންނަކީ:

1. މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންކަމުގެ މަގާމަށް މައްޗަންގޮޅީ މާދެލި އަލްފާޟިލް މަޙްމޫދު ރާޟީ.
2. މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމަށް މާފަންނު ބަގީޗާގޭ އަލްފާޟިލް މުޙަންމަދު ޝިހާބު.
3. އެޓަރނީ ޖެނެރަލްކަމުގެ މަގާމަށް އައްޑުއަތޮޅު މީދޫ ހަސަންކާރިގޭ އަލްއުސްތާޛު ޙުސްނުއްސުޢޫދު.

މި ތިން ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނަވައިގެން ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ކޮށްދެއްވި ޚިދްމަތްތަކަށް، އެމަނިކުފާނަށް ރައީސް މުޙަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ. ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދުގެ ޚިދްމަތް ކުރިއަށް އޮތްތާނގައިވެސް ތަފާތު ދާއިރާތަކުން ދިވެހިސަރުކާރަށާއި ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ޔަޤީން ކުރައްވައެވެ.