"ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ" މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް އެދިވަޑައިގެންނެވިއެވެ. އޭގެ ބަދަލުގައި ކޮންމެ މަސައްކަތަކީ ނުވަތަ ދާއިރާއަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއްކަމަށް ދެކި އެ ދާއިރާއަކީ ނުވަތަ މަސައްކަތަކީވެސް އެ ކުއްޖަކު އަމިއްލައަށް އިޚްތިޔާރުކުރާ ދާއިރާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ.

މިއަދު ހަވީރު ބ. ގޮއިދޫގައި ހުޅުވުނު މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމާއި ޢާއިލާއާއި މުޖްތަމަޢާއި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މިއީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރޯލް އޮފް މެން އިން ބްރިންގިންގ އަޕް ގާލްސް"ސެޝަނާއި "ވިމެން އެންޑް ފެމިލީ ލޯ ސެޝަން"ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.