ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގުޅީ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުޅީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. މިގޮތުން ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި ރަށުގައި ފެނާ ނަރުދަމާގެ ނިޒާމު ވީ އެންމެ އަވަހަކަށް ޤާއިމުކުރުމުގެ މުހިންމުކަމާ އަދި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލު އިދާރާ ހިންގުމަށް އިމާރާތެއްގެ މުހިންމުކަމާއި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންކަން ވެސް މިބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާ ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރުމުގައާއި ޢާންމު އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.