މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގަވާ ކޯސްތަކުގެ ތެރެއިން އެލަވަންސް ދެއްވާ ކޯސްތަކުގައި ރަޖިސްޓްރީވެގެން މިހާރު ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުންނަށް، އެދަރިވަރަކު ފުރިހަމަ ކުރަމުން ގެންދާ ކޯސް ނިމެންދެން، އެލަވަންސް ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.

މިކަން މިގޮތަށް މި ހަމަޖެއްސެވީ، މިކަމާ ބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގަވާ މިފަދަ ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް ލޯނު ސްކީމެއް ތަޢާރުފު ކުރައްވައި، އެ ސްކީމްގެ ދަށުން ކޯސްތަކުގެ ބައިވެރިންނަށް އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުންވަނީ ލަފާ ދެއްވާފައެވެ.