ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެ ޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަޙްޤީޤުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމާއި، ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް މި ޤާނޫނުގައި ކަނޑައެޅުމަށްޓަކައެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި، 3 ވަނަ ޚާއްޞަ ޖަލްސާއިން ފާސްކުރެއްވި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ޓެރަރިޒަމް މާނަކުރާގޮތް އިޞްލާޙުކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކަމަށް ބުނެފައިވެއެވެ.

މިގޮތުން ހިންގޭ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކަމުގައި ބެލެވެނީ ބަޔާންކުރެވިދިޔަ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛ ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛ މުދަލަށް ބޮޑެތި ގެއްލުން ދިނުން؛ ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން؛ މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުމަށް ކުރެވޭ ކަންތައްތައް ކަމަށް، ޤާނޫނަށް ގެނައި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙުގައި ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައެޅުން ވެސް ހިމެނެއެވެ. އެގޮތުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމުގައި މި އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ 12 (ބާރަ) މަހަކުން 1 (އެކެއް) ފަހަރު މުރާޖަޢާ ކުރަންވާނެކަމުގައި ވެސް މި އިޞްލާޙުގައި ވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ޚާއްޞަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަޙައްދެއްގައި ހުރުން އެއީ ކުށެއްކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މިއިން އެއްވެސް ކުށެއް ކުރަން އުޅުމާއި އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވުމަކީ ވެސް ކުށެއްކަމަށް މިއިޞްލާޙުގައި ކަނޑައަޅާފައިވެއެވެ. މީގެއިތުރުން ހަނގުރާމައަށް މީހަކު ފޮނުވުން، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީވެސް ކުށެއްކަމުގައި މި އިޞްލާޙުގައި ކަނޑައަޅާފައިވެއެވެ. އަދި ޓެރަރިސްޓު ޖަމާޢަތަކަށް ތާޢީދުކޮށް ކުރެވޭ ކަންކަންމަކީ ވެސް މި އިޞްލާޙުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

ޓެރަރިޒަމް މަނާކުރާ ޤާނާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މިޤާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތުއޮވެ، އެ މަޢުލޫމާތު ޤަޞްދުގައި ޙިއްޞާނުކޮށް ސިއްރުކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި މި އިޞްލާޙުގައި ހަނގުރާމައަށް ނުވަތަ ހަނގުރާމަވެރި ސަރަޙައްދަކަށް ގޮސްފައި އެނބުރި ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ ޢާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ ޢަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ ޢަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށް، ނުވަތަ އެ މީހުންނަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން އަނބުރާ މުޖްތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަންވާނެކަމަށް ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކެއް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤާނޫނު ޝާއިޢު ކުރައްވާފައެވެ.