بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ފިޝަރީޒް. ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ވަޑައިގެން ތިއްބެވި ރަށްރަށުގެ ކައުންސިލަރުން. އަދި ނިލަންދޫގެ ލޮބުވެތި ރައްޔިތުން. މިރޭގެ ޖަލްސާ، ޓީ.ވީ.ގެ ޒަރީޢާއިންނާއި އަދި ރޭޑިއޯއިން އަޑު އައްސަވަމުން ގެންދަވާ ހުރިހާ ބޭފުޅުން.

السّـلام عليـكم

މި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތަކީ، ނުވަތަ ކާބޯތަކެއްޗާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ އަމާޒަކީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރެވޭ މިންވަރު، މަދުވެގެން 100 އަކުން 20ގެ ޢަދަދުން، 20 ޕަސެންޓުން ތިރިކުރުން. އެމަސައްކަތް ކުރުމަށްޓަކައި ސަރުކާރުން މިގެންދަނީ ތަފާތު އެކި ޕްރޮގްރާމްތަކެއް ހިންގަމުން. އޭގެތެރޭގައި، ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރުން ހިމެނޭ. އަދި ދަނޑުވެރިކަމާ ގުޅޭގޮތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް މަޢްލޫމާތު ދިނުން އެއީ، މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ.

ދަނޑުވެރިކަން ތަރައްޤީކޮށްގެން ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތް ބާރުކުރެވިދާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ތަނަވަސްކަމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ފުރިހަމަ ކުރެވިދާނެ. ދަނޑުވެރިކަމަކީ އިޤްތިޞާދީ މަސައްކަތެއްގެ ގޮތުގައި ތަރައްޤީކޮށްގެން ރާއްޖޭގެ ތަރައްޤީއަށް އޭގެ ސަބަބުން ފައިދާ ގެނެވިދާނެ. އަޅުގަނޑުމެން ސަރުކާރުން ދަނޑުވެރިކަން ދެކެނީ، މިދެންނެވި ބޭނުމަށްޓަކައި، މިދެންނެވި ސަބަބަށްޓަކައި ހިންގާ ޙަރަކާތެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގައި އިޤްތިޞާދީ ޙަރަކާތް ހިންގޭނޭ އިތުރު ގޮތްތައް ހޯދުމާއި، އަދި ހަމައެހެންމެ ދިވެހިރާއްޖެއަށް ބޭނުންވާ ތަކެތީގެ ތެރެއިން ވީހާވެސް ގިނަ ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފައްދައި، ރާއްޖޭގައި އެތަކެތި ބޭނުންކުރުން. އަޅުގަނޑުމެން އެ އަމާޒަށް މިދެންނެވި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ކުރަންހުރި މަސައްކަތް ނުހަނު ގިނަ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ ޞިނާޢަތެއް، މަސައްކަތްތެރިކަމެއް މިހާރަށްވުރެ މާބޮޑަށް އުފައްދަން އަޅުގަނޑުމެންނަށް މިއޮތީ މަޖުބޫރުވެފައި. ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، މިދެންނެވި މަސައްކަތް، މިދެންނެވި މަޤްޞަދު ޙަޤީޤަތަކަށް ހެދުމަށް.

އެގޮތުން އަޅުގަނޑު ދެކޭގޮތުގައި މިރޭ މިއީ އަޅުގަނޑުމެންނަށް ފެށޭ ވަރަށް ފުރިހަމަ ފެށުމެއް. މި ފެށުން މިގޮތަށް އަޅުގަނޑުމެންނަށް މިފެށެނީ، ދަނޑުވެރިކަމާ ގުޅޭ ވަޒީރު ޑޮކްޓަރ އިބްރާހީމްދީދީ އާއި، އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި އަދި މިނިސްޓްރީގެ އެހެންވެސް ބޭފުޅުންނާއި އަދި ރާއްޖޭގެ އެންމެހާ ދަނޑުވެރިން މިކަމުގައި، މި މަޤްޞަދުގައި މިގޮތަށް މަސައްކަތް ކުރަން ތައްޔާރަށް ތިބީތީ. މި ސަރުކާރު އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަށްޓަކައި. އެއީ އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަޅުގަނޑުމެންނެއް މިމަސައްކަތުގައި ކުޑަތަންފުކެއް ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑުމެންނަށްވީ މިންވަރަކުން އަޅުގަނޑުމެން މަސައްކަތްކޮށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެންމެ ރައްޔިތުންނަށް މި ޞިނާޢަތުންވެސް ފައިދާއާއި މަންފާ ލިބޭނެ މަގުތަކެއް އަޅުގަނޑުމެން ފުރިހަމަކޮށްދޭނަމޭ.

ދަނޑުވެރިކަން ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ވިސްނާލާއިރުގައި ބޭނުންވާ ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރޭ. މީގެކުރީގައި، ޒަމާންތަކުގެ ކުރީގައި ހަމަކަށަވަރުންވެސް އެކަމަށް ބޭނުންވާ މުހިންމު އެއް ވަސީލަތަކީ ބިން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ރާއްޖޭގައިވެސް ދަނޑުވެރިކަން ތަރައްޤީ ކުރެވެމުން މިއަންނަ ބައެއް ގޮތްގޮތަށް ބަލާއިރުގައި، ބިން އެއީ ދަނޑުވެރިކަން ފުރިހަމަ ގޮތުގައި ކުރުމަށް، މީގެކުރީގައި އެ ވަސީލަތް ބޭނުންވާ މިންވަރަށްވުރެ މާ ކުޑަކޮށް ބޭނުންވާ އެއްޗެއްގެ ގޮތުގައި މިހާރު މިއޮތީ ދެކެން މަޖުބޫރުވެފައި. އެހެން ގޮތްގޮތުން ޓެކްނޯލޮޖީ ބޭނުންކޮށްގެން އިތުރު މަޢްލޫމާތާއި ދިރާސާތަކަށްފަހު، މި ހިންގޭ ދަނޑުވެރިކަމުގެ ބާވަތުން އަޅުގަނޑުމެންނަށް ބިން ކުޑަ ރަށްރަށުގައިވެސް ފުރިހަމަ ގޮތުގައި ދަނޑުވެރިކަމުގެ ޞިނާޢަތެއް ރާވައި، އެ އިޤްތިޞާދީ ޙަރަކާތް ހިންގޭން އެބައޮތް. ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި މަގުންވެސް ބިމުގެ މުއްސަނދިކަން ކުޑަ ރަށްރަށުގައި މި މަސައްކަތް ފުޅާގޮތުގައި ކުރެވޭނޭ މަގުތައް ހޯދަމުން.

އަޅުގަނޑުމެންގެ ރާއްޖެއަކީ ބިން މަދު ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ފެން މަދު ރާއްޖެއެއް. މިފަދަ ޙާލަތްތަކުގައި ދަނޑުވެރިކަމުގެ ޞިނާޢަތެއް ބިނާކުރެވެނީ ކޮންގޮތަކުންތޯ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. ކަންކަމުގައި އިންސާނީ ތަޖުރިބާ ދައްކާފައި ހުރި ނަތީޖާ ދެނެގަތުން މުހިންމު. ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ ޙާލަތުގައިވާ ޤައުމުތައް މަދެއް ނޫން. ދަނޑުވެރިކަމަށް ބޭނުންކުރެވޭ އެކަށީގެންވާ ބިން ނެތް އަދި ފެނުގެ މުއްސަނދިކަން ނުވަތަ ތަނަވަސްކަންވެސް މަދު ޤައުމުތައް ދުނިޔޭގައި ބައިވަރު. އެފަދަ ޤައުމުތަކުގައި ދަނޑުވެރިކަމުގެ ޞިނާޢަތާއި، ދަނޑުވެރިކަމުގެ ޓެކްނޯލޮޖީ ކުރިއަރުވަމުން ގެންދާގޮތް ދެނެގަތުމަކީ އަޅުގަނޑުމެންނަށް މިއަދު ވާޖިބު ކަމެއް. ސަރުކާރަށް، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މިމަގުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަކީ އިޒްރޭލް. އެޤައުމުގައި ސަހަރާގައި ފެން މަދުކޮށް ވަނިކޮށް، ފުރިހަމަ ދަނޑުވެރިކަމުގެ ޞިނާޢަތެއް ހިންގާ. އަޅުގަނޑުމެން ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް މިފަދަ ޤައުމުތަކުގައި ހިންގާ މަސައްކަތްތައް ދެނެގަތުމަކީ، ސަރުކާރު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެ ޓެކްނޯލޮޖީ ރާއްޖެއަށް ގެނައުމަކީވެސް ސަރުކާރު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. މިހާރު އަޅުގަނޑުމެންނަށް މިފެންނަ ހައިޑްރޮޕޯނިކްސް އަދި ފެނުގައި ގަސް އިންދުމުގެ އެކިއެކި މަސައްކަތްތައް އެއީ އެ ޓެކްނޯލޮޖީގެ، އެ ޢިލްމުގެ ތެރެއިން ދުނިޔެއަށް ތަޢާރުފުވެފައިވާ ގޮތްތައް، ވައްޓަފާޅި، ފާޑު. އިރާދަކުރެއްވިއްޔާ، ސަރުކާރުން އެ މަޢްލޫމާތާއި، އެ ޓެކްނޯލޮޖީ ރާއްޖޭގެ ރަށްތަކަށް ތަޢާރުފު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ. އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންނަށް މި މަޤްޞަދު ޙާޞިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް.

ގަސް ހެދުނީމާ، ކާނާ އެޅީމާ ދެން އެއަށް ހަދާގޮތްވެސް އެއީ ހަމަ އެހާމެ މުހިންމު ކަމެއް. ގިނަފަހަރަށް ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއަރައި ގޮސްފައި ނުވަނީ، ކޮންމެހެން ގަސް ނުހެއްދޭތީއަކީއެއް ނޫން. އެ ގަހުގައި މޭވާ ނާޅާތީއަކީއެއްވެސް ނޫން. އެހެން ނަމަވެސް، އެ އަޅާ މޭވާގެ ވިޔަފާރި އަޅުގަނޑުމެންނަށް ނުކުރެވޭތީ. ތަކެތި އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވި، އެއްއަތުން އަނެއް އަތަށް މުދާ ބަދަލުކުރެވޭނޭ ފަހިގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި އިންތިޒާމު ކުރެވިފައި ނުހުންނާތީ. ވިޔަފާރި ކުރިއެރުވުމަށް، ތަރައްޤީވެ ދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ ދަތުރުފަތުރު. މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުން. ދަރަނބޫދޫގެ އަންހެން ރައިވެރިން ބާލާ ރާ ކައްކައިގެން، އެއަށް ހެދޭނެ ގޮތެއް، އެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭނެ. ހެދެން އޮތް ގޮތަކީ، އެ ބޭނުން ތަނަކަށް، އެ މުދާ، އެ ނިންމޭ މޭވާ ގެންދެވޭނޭ އިންތިޒާމެއް ހަމަޖެއްސުން. އެއްތަނުން އަނެއް ތަނަށް ފަސޭހަކަމާއެކީގައި ދަތުރު ކުރެވޭނޭ ގޮތް ހޯދުން. މި ސަރުކާރުން މިގެންދަނީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ ކަންކަން މިހާރު ކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި، ލ. އަތޮޅާއި ތ. އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ޤާއިމު ކުރެވޭނެ. ހަމަ އެމޭރުމުން، މިއަތޮޅުތަކުގައިވެސް، ފ. އަތޮޅުގައިވެސް، ދ. އަތޮޅުގައިވެސް އަދި މ. އަތޮޅުގައިވެސް ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން މިގެންދަނީ ކުރަމުން. އެ މަސައްކަތް އެދާ ތަރުތީބުންގޮސް އަޅުގަނޑުމެންނަށް ޔަޤީން، މި ޕްރޮވިންސްގައިވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމު ކުރެވޭނެކަން. އެ ނިޒާމު މެދުވެރިވެގެން، އެ ނިޒާމު، އެ ވަސީލަތް ބޭނުންކޮށްގެން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުނީމާ، ދެން ދަނޑުވެރިކަން ތަރައްޤީވުމަށް ފުރިހަމަގޮތުގައި މަގުފަހިވެގެންދާނީ.

ރާއްޖޭގައި ހައްދާ މޭވާ، ދަނޑުވެރިކަމުގެ ގޮވާން އަޅުގަނޑުމެންނަށް ވިއްކެންވާ، ރައްޔިތުންނަށް ވިއްކެން އޮތް އެންމެ ރަނގަޅު އެއް މާރުކޭޓަކީ ރިޒޯޓުތައް. އެ ރިޒޯޓުތަކުގައި ދަނޑުވެރިކަމުގެ ނުވަތަ އެކިއެކި ބާވަތް ބާވަތުގެ މޭވާއާއި ތަރުކާރީ ބޭނުންކުރަނީ، އަޅުގަނޑުމެންނަށް ހަމަކަށަވަރުންވެސް މިހާރު މިހެއްދޭވަރަށްވުރެ މާގިނައިން. އަޅުގަނޑުމެންނަށް ތަކެތި ރަނގަޅަށް ހެއްދި އަދި އިތުބާރާއެކީގައި އެތަންތަނަށް އެތަކެތި އެބޭނުންވާ ގަޑިގަޑިއަށް، ބޭނުންވާ ވަގުތުވަގުތުގައި ބޭނުންވާ ގޮތަށް ފޮނުވޭނޭ އިންތިޒާމު ހަމަޖެއްސުނީމާ، އަޅުގަނޑުމެންނަށް އެ ރިޒޯޓުތަކަށްވެސް މޭވާއާއި ތަރުކާރީ ވިއްކައިގެން، އޭގެ ފައިދާ ހޯދޭނެ. ރާއްޖެއަށް ތަރުކާރީއާއި މޭވާ ނުވަތަ ކާނާ އެތެރެކުރާ މިންވަރު ދަށްކުރުމަކީ، އަޅުގަނޑުމެންގެ ނަޒަރުގައި މި ސަރުކާރަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަސޭހަކަމާއެކީގައި ކޮށްދެވިދާނެ ކަމެއް.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ދަނޑުވެރިކަންވެސް އަދި އެހެންވެސް އިޤްތިޞާދީ ޞިނާޢަތެއް ތަރައްޤީވެ ދިއުމަށް ބޭނުންވާ މުހިންމު އެހެން ވަސީލަތެއް އެބަވޭ. އެއީ، ތިމާމެންގެ އަމިއްލަ ކަންކަން ތިމާމެންނަށް ނިންމުމުގެ ބާރާއި އިޚްތިޔާރު ތިމާމެންނަށް އޮތުން. އަޅުގަނޑުމެން މި އެދޭ ލާ މަރްކަޒީ އުޞޫލުން ކަންކަން ހިންގޭނޭ އިންތިޒާމެއް ހަމަޖެހިފައި އޮތުން. އެ އިންތިޒާމު ނެތި އަޅުގަނޑުމެންނަށް ދަނޑުވެރިކަމެއް ނޫން، ރަށްވެހިކަމުގެ ތެރޭގައި ހިމެނޭ އެއްވެސް ވިޔަފާރީގެ ޙަރަކާތެއް ނުވަތަ ޞިނާޢަތެއް ހިންގަން އުނދަގޫވާނެ. ސަރުކާރުން ލާ މަރްކަޒީ ބިލް ނުވަތަ ލާ މަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖެ ހިންގުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ބިލް މިއަދުވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައި. އަޅުގަނޑު އެކަމާ އެމަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑު އުންމީދު ކުރަން. އެ ބިލަށް ވޯޓު ނުދެއްވި މެންބަރުންނަށްވެސް މިކަމުގެ މުހިންމުކަން ކޮންމެވެސް ދުވަހަކުން ނަމަވެސް އިޙްސާސް ކުރެވޭނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން. އެބޭފުޅުންނަށްވެސް އަޅުގަނޑުމެން މިދެކޭ މަންޒަރު ދުށުމުގެ ހެޔޮ ތައުފީޤު، ނަޞީބު ލިބޭނެ ކަމަށް.

އަޅުގަނޑުމެން މި ސަރުކާރުން ކަންކަން ކުރަމުން މިގެންދަނީ ހަމަކަށަވަރުންވެސް އެއްވެސް މީހެއްގެ ވަކި ޚާއްޞަ ބޭނުމަކަށެއް ނޫން. ސަރުކާރުން ހިންގާ ކޮންމެ ކަމެއް ސަރުކާރުން ހިންގަމުން މިގެންދަނީ، މީގެކުރީގައި މި ސަރުކާރު އުފެދުމުގެ ކުރީގައި މި ސަރުކާރު އުފެދިއްޖެނަމަ، މިވެނި ގޮތަކަށް މިކަން ހިންގައިދޭނެ ކަމަށް ރައްޔިތުން ކައިރީގައި ބުނެ، އެކަން އެ ހިންގަން އޮތް ތަރުތީބަކުން ހިންގަމުން ގެންދިއުމަށް. ވަކި ބޭފުޅެއް ވަކިގޮތަކަށް ބޭނުންފުޅުވެގެން ހިންގާ ހަމަ އެއްކަމެއްވެސް މި ސަރުކާރުގެ ތެރެއަކު އިރާދަކުރެއްވިއްޔާ ނޯންނާނެ.

އަޅުގަނޑުމެން ހިންގާ މަސައްކަތް ހިންގުމަށް ރާއްޖޭގެ ރައްޔިތުން މިވަނީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ރުހުން ދެއްވާފައި. އަޅުގަނޑު އުންމީދު ކުރަނީ، އެ މަސައްކަތްތައް ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑުމެންނަށް އެންމެހާ ރައްޔިތުންވެސް އެހީތެރިވެދެއްވާނެ ކަމަށް. ޚާއްޞަ ގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ސަރުކާރު މި ހިންގާން މި އެދޭ މަޝްރޫޢުތައް، ސަރުކާރުގެ އެޖެންޑާ ހިންގުމުގައި ފާޑުކިއުން އަޅުގަނޑުމެން ވަރަށް އެދެން. އަދި އިޞްލާޙަށް ގޮވައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރުމަށްވެސް ސަރުކާރުން އެދެން. އެހެންނަމަވެސް، ހުށަހެޅޭ ކަމަކީ އެ ހުށަހަޅާ ފަރާތަކުން ހުށަހެޅީތީވެ، ކަމުދާ ކަމެއް ކަމަށް ނުދެކި، އެކަންކަން ކުރުން ހުއްޓުވާލުމަކީ، މި ސަރުކާރު އަދި އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އެކުގައި އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރަން އުޅެވޭނެ ކަމުގެ ފުރިހަމަ ޤާބިލުކަން ލިބުން. އަޅުގަނޑު ރައްޔިތުންނަށް އިތުބާރާއެކުގައި ދަންނަވަން ބޭނުމީ، އަޅުގަނޑުމެންގެ ކިބައިގައި، މި ސަރުކާރުގެ ކިބައިގައި ވިސްނުމެއް އެބައޮތޭ. ފިކުރެއް އެބައޮތޭ. އަޅުގަނޑުމެން އެބަ ކުރަހަމޭ މަންޒަރެއް. އެ މަންޒަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް ހެދޭނެއޭ. މިއަދު އަޅުގަނޑަށް މީގެ 7 މަސްދުވަސް ކުރިއަށްވުރެ އެ މަންޒަރު ޙަޤީޤަތަކަށް ހެދޭނެ ކަމުގެ އަދި ވަމުން އަންނަކަން މާބޮޑަށް ސާފު، މާބޮޑަށް ޔަޤީން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ އަދި މާފަހި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.