بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ކިނބިދޫ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން، އަޅުގަނޑުމެންނަށް މިދަތުރު ރޭވިފައި އޮތްއިރުގައި ތިޔަބޭފުޅުން އެންމެ އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ތަރުތީބުވެފައި ނެތުނީތީވެ. އެކަމަކު އަޅުގަނޑު އުންމީދު ކުރަން މިކަންތައްތައް ވަމުންދާގޮތް ތިޔަބޭފުޅުންނަށް ސާފުވެވަޑައިގަންނަވަމުންދާނެކަމަށް. އަޅުގަނޑުމެންގެ މިދަތުރު ރޭވިފައި އޮތީ ރަށްރަށުގައި ވަރަށް ކުޑައިރުކޮޅެއްވާ ގޮތަށް. އެހެންނަމަވެސް، އެހެންނެއް ކިނބިދުއަށް އައިސް ކަންކޮށްފައި ދާކަށެއް ހަމަގައިމުވެސް އަޅުގަނޑުގެ ހިތެއް ތަނެއްނުދޭ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން.

އެނގިވަޑައިގަންނަވާނެ މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުންގެ މަސައްކަތް އަޅުގަނޑުމެން ކުރުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މަސައްކަތުގައި، އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އިރާދަކުރެއްވިއްޔާ ރެޔާއި ދުވާލު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

މި މަސައްކަތްތައް އަޅުގަނޑުމެން ކުރާއިރުގައި ބައެއް ބާވަތުގެ ދަތި އެބަދިމާވޭ. ރާއްޖޭގައި ސިވިލް ސަރވިސްއެއް އުފެދިފައި މިވަނީ ދާދި މިދާކަށް ދުވަހު. މިހާރު އުފެދިފައި އަދި މިވަނީ، އެފަދަ ސަރވިސްއެއްގެ ނަން. ނުވަތަ އެފަދަ ޚިދްމަތެއްގެ ނަން. އެ ޚިދްމަތް އޭގެ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަދި ކިތަންމެ މަސައްކަތްތަކެއް ކުރަން އެބަހުރި.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިދިޔަ ދުވަސްތަކުގައި ވަރަށް ފަހަކާ ޖެހެންދެންވެސް، ރާއްޖޭގެ ވެރިން، ސަރުކާރުގެ މުވައްޒަފުން ދެކެމުން އައީ، އެބޭފުޅުންގެ ގާތުގައި ގެންގުޅޭ، އުޅޭ ނޯކިރީންގެ ގޮތުގައި. ގިނަ މަސައްކަތްތަކާ ގިނަ ކަންކަން ވެރިން ނިންމަވަމުން ގެންދެވީ، ވެރިންގެ ގެދޮރުގައި އުނދޯލިގޭގައި ތިއްބަވައިގެން. އެއީ، ސަރުކާރުގައި އުޅުއްވާ ވެރިންކޮޅެއް ހޯއްދަވައިގެން ގެއަށް ގެންނަވައި ދެން އެދުވަހަކަށް އެވަގުތަކަށް ބޭނުންވެލައްވާ ކަންތަކުގެ ވާހަކަ ދައްކަވާލައްވައި ދެން ކުރަންވީ ކަންތައްތައް ކުރުމަށް ވިދާޅުވެ، މިދަންނަވާފަދަ ދޫދޫ ރޭވުމެއްގެ ތެރޭގައި.

ވަރަށްގިނަ ބޭފުޅުން އެހެން ވަޒީފާ އަދާކުރައްވަމުން ވަޑައިގެންފައި ކުއްލިއަކަށް ސަރުކާރު ބަދަލުވީމާ ދެން އުފެދުނު ސަރުކާރުން އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ، މިބާވަތުގެ ވިސްނުންތަކެއްގައި ސަރުކާރުގެ ވަރަށްގިނަ މުވައްޒަފުން އެބައުޅުއްވާކަމަށް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެބަލަފާކުރެވޭ. އަޅުގަނޑުމެންގެ ސަރުކާރުން ހިންގަން ބޭނުންވާ ކަންކަން ހިންގައިދިނުމަށް މި ތިއްބަވަނީ ސިވިލް ސަރވިސްގެ ބޭފުޅުން. އެހެންވީމާ، އެބޭފުޅުންގެ މަސައްކަތް އަޅުގަނޑުމެންނާ އެއްހަމައެއްގައި ފައިހަމަ ނުކުރެވެންޏާ އަޅުގަނޑުމެންގެ މަސައްކަތުގައިވެސްދާނީ އޭގެ އެންމެ އެދެވޭ ނަތީޖާތައް ނުނެރެވެމުން. އެއީ، އަޅުގަނޑުމެން މިކަން ފަރުޖައްސައިގެން ވަރިހަމަކޮށްގެން ތިބޭނެގޮތެއްނޫން. އަޅުގަނޑުމެން މިކަމާ ހަވާލުވެ މިތިބީ މަސައްކަތް ކުރުމުގެ ނިޔަތުގައި. އަދި އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަން، ހަމަގައިމުވެސް އަޅުގަނޑު ދުވާލެއްގެ މައްޗަށް ސާދަގަޑިއިރު މަސައްކަތް ނުކުރާ އެއްވެސް ދުވަހެއް ނުދާނެ. އަޅުގަނޑު އެދެނީ، އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ސަރުކާރުގެ މުވައްޒަފުންވެސް މިހާރަށްވުރެ އިޚްލާޞްތެރިކަމާއެކީގައި މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދެވުން.

އަޅުގަނޑު ކިނބިދޫ ރައްޔިތުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަމޭ. އަދި ސަރުކާރު މުވައްޒަފުންވެސް އަޅުގަނޑުމެންނަށް އެ މަސައްކަތްތައް ކޮށްދިނުމުގައި އެހީތެރިވެދެވޭނެ ގޮތްތައް، އިންތިޒާމުތައް، ރޭވުންތައް އަޅުގަނޑުމެން ރާވަމުން ގެންދާނަމޭ. އަޅުގަނޑުމެން މިކަމުގައި ހަވާލުވެ މިތިބީކީއެއް ފަހަށްޖެހޭކަށެއްނޫން. އެންމެ ފިޔަވަޅެއްވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަދި ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރު، ސަރުކާރުގެ ހައިބަތުގައި މިދައުރު ނިމެންދެން ދެމިއޮންނާނެކަން. އަޅުގަނޑަށް ޔަޤީން އެއްވެސް ހާލެއްގައި ދައުރުގެ ތެރެއިން ނުވަތަ ޤާނޫނީ އިމުގެ ތެރެއިން، އިމުގެ ބޭރުން މި ސަރުކާރަކަށް އެއްވެސް ބާވަތެއްގެ ލޮޅުމެއް އިރާދަކުރެއްވިއްޔަކާއެއް ނާންނާނެ. އަޅުގަނޑުމެންގެ ޕްރޮގްރާމް، އަޅުގަނޑުމެންގެ ސިޔާސަތު އަޅުގަނޑުމެންނަށް ހިންގަމުން ގެންދެވޭނެ. އެ ސިޔާސަތުގައި މިރަށުގެ ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭން އޮތީ ކޮންކަމެއްތޯ، އެ ވާހަކަތަކަކީ އަޅުގަނޑު މިރޭ އުފަލާއެކީގައި ހަމަ ތިޔަބޭފުޅުންނާއެކީގައި ހިއްސާކޮށްލަން ބޭނުންވާ ވާހަކަތަކެއް.

އަޅުގަނޑުމެންނަށް އެންމެ ފުރަތަމައިނުން އެބައޮތް، އުމުރުން 65 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް، ދެހާސްރުފިޔާ ލިބިނުލައްވާ ކޮންމެ ރައްޔިތަކަށް، މިފެށޭ ހަފްތާގެ ތެރޭގައި ދެހާސްރުފިޔާގެ ޕެންޝަނެއް އެރުވުން. އެ ޕެންޝަން ޙައްޤުވާ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގެ ތެރޭގައި ޕެންޝަން ލިބިވަޑައިގަންނަވާނެ. އަޅުގަނޑު ލަފާކުރަނީ، މިރަށުގައި އެ އުމުރުގެ ސަތޭކަ ފަންސާހެއްހާ ރައްޔިތުން ދިރިއުޅޭނެ ކަމަށް. އެހެންވީމާ، މިރަށަށް ކޮންމެ މަހަކުވެސް ދެލައްކައެއްހާ ރުފިޔާ އިރާދަކުރެއްވިއްޔާ ލިބޭނެ. ލިބުނީމާ އަޅުގަނޑުމެން މިދެކެނީ މިރަށުގެ އިޤްތިޞާދަށްވެސް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބި، ހަލުވިކަމެއް ލިބި، ބާރަށް ހިނގައިގަންނާނެ ގޮތްތައް މެދުވެރިވެގެންދާނެ ކަމަށް.

ހަމައެހެންމެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިވަނީ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމުގެ ޕެންޝަނެއް ރައްދުކުރެވޭގޮތްވެފައި. އެ ޕެންޝަން މިއަހަރުގެ ތެރޭގައި މަދުވެގެން އެއްލައްކަ ރައްޔިތުންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. އެކަމުގެ އިންތިޒާމަކީ، ނިޒާމަކީ، ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ، ރައްޔިތުންނަށް ބޭނުންވާ ގަޑިގަޑީގައި ކޮށްދެވޭގޮތެއް، އެކަން ހަމަޖެހޭނެ ގޮތެއް ހޯދުން. އެއީ، ބޮޑު ޚަރަދުތަކެއް ނުކޮށް. އަޅުގަނޑަށްވެސް އެނގޭ މިހާރު ބޭހާގުޅޭގޮތުން އެންމެ ބޮޑު ޚަރަދެއް ޙަޤީޤަތުގައި ކުރަން މިޖެހެނީ ބޭހަކަށެއްނޫން، ދަތުރަށް. ރަށުގައި ކުރެވެންނެތް ވަރަށް އާދައިގެ ކަންކަންވެސް ކޮށްލުމަށްޓަކައި މިޖެހެނީ، ވޭމަންޑުއަށްދާން ނުވަތަ ވޭމަންޑޫން ނުވިއްޔާ ގަމަށްދާން ނުވަތަ ގަމުން ނުވިއްޔާ މާލެއަށްދާން. މިދަތުރުގެ ޚަރަދު މާބޮޑުވެގެންދޭ، ކުރަންޖެހޭ ބޭހުގެ ޚަރަދަށްވުރެ.

ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި މިކަންކަމަށްވެސް އަޅުގަނޑުމެން އެބަޖެހޭ ބަލަން. ސަރުކާރުން މިގަންނަނީ، އިންޝުއަރެންސެއް. ކޮންމެ ރައްޔިތަކަށް ގަނެދެނީ އިންޝުއަރެންސެއް. އެ އިންޝުއަރެންސަށް ސަރުކާރުން ކޮންމެ އަހަރެއްގައި ދައްކަންޖެހޭ ފައިސާ ދެއްކީމާ، ބަލިވާ ރައްޔިތުންނަށް އެކުންފުނިން ހިލޭ ބޭސް ކޮށްދޭނެ. އެކުންފުނިން އޭގެ ޚަރަދުގައި ހިފާގޮތަށް އަޅުގަނޑުމެން މި އިންތިޒާމުތައް ހިންގަމުން މިދަނީ. އޭގެ ހަމަ އަޞްލަކީ، އެހެންވެސް ކަންކަމާ ގުޅޭގޮތުން އިންޝުއަރެންސް ކުރާ އުސޫލު. މިސާލަކަށް އޮޑިދޯނިފަހަރު ނުވަތަ ގެއެއް އިންޝުއަރެންސް ކޮށްފައި ހުރީމާ ކޮންމެ މަހަކުވެސް ދައްކަވަންޖެހޭ ޕްރީމިއަމެއް، އެމަހުގައި ދައްކާ އެއްޗެއް އޮންނާނެ. ކޮންމެމަހެއްގައި ހުރިހާ ދޯނިފަހަރު އެއްފަހަރާ ނުއެއް ފެތޭ އަޑިއަކަށްވެސް ނުދޭ. އެހެންވީމާ، އަޑިއަށްދާ ދޯނިފަހަރު، ގެއްލުންވާ ދޯނިފަހަރަށް ނުވަތަ ގެއްލުންވާ ތަކެއްޗަށް ބަދަލު ދިނުމުގައި ހޭދަކުރާނެ ފައިސާ އެކުންފުނީގައި އަބަދުވެސް ހުރޭ.

ހަމަ އެއުސޫލުން ބޭސްފަރުވާގެ ކަންތައްވެސް މި ހިނގަނީ. ސަރުކާރުން ގެންދަނީ ކޮންމެ މަހަކުވެސް ކޮންމެ ރައްޔިތަކަށް އެ ދައްކަންޖެހޭ އަދަދެއް ދައްކަމުން. އެހެންވީމާ، އޭގެ ތެރެއިން ހުރިހާ ރައްޔިތުން އެއްފަހަރާ ބަލިނުވާނެތީވެ، ބަލިވާ ރައްޔިތުންނަށް ބޭސްކޮށް، އެކުންފުންޏަށް ފައިދާވާ މިންވަރަށް އެކުންފުނީގައި ލާރި ހުންނާނެތީވެ އިންޝުއަރެންސް ކުންފުނިތަކުން އެ އުސޫލުން މިކަން ކުރަމުން ގެންދަނީ. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ބޭސް ސިޓީއަށް ބޭސްފަރުވާޔަށް ސަލާންޖަހާކަށް ނުޖެހޭނެޔޭ. މި އިންޝުއަރެންސްގެ އުސޫލުން ބޭސްފަރުވާގެ ކަންތައް އަޅުގަނޑުމެން ހަމަޖައްސަމުންނޭ މިދަނީ. އެކަން ރައްޔިތުންނަށް ހަމަޖެހިގެން ދާނެޔޭ.

އަޅުގަނޑުމެންގެ އެހެން ވަޢުދެއް އެއީ، އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. މިރަށުގައި އިރާދަކުރެއްވިއްޔާ މިއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބައޮތް މަދުވެގެން ފަންސާސް ފްލެޓް ނުވަތަ ބޯހިޔާވަހިކަން އަޅައިދެވެން. ސަރުކާރުން އެމަސައްކަތް މިއަހަރުގެ ތެރޭގައި، މިއަހަރުގެ ކުރިއަށް މިއޮތް ތިން ހަތަރު މަހެއްގެ ތެރޭގައި ފަށައި ގަނެވޭނެ ކަމަށް އަޅުގަނޑުމެން އެބަ އުންމީދު ކުރަން. މިހާރު އެކަމާގުޅޭ ކުރެހުންތަކާ އެކަމާގުޅޭ ދިރާސާތައް ސަރުކާރުން ގެންދަނީ ކުރަމުން. އަދި އެމަސައްކަތާ ހަވާލުވާނެ ބަޔަކު ހޯދުމަށް މިހާރު މިދަނީ ސަރުކާރުން ޓެންޑަރަކަށް ގޮވާފައި. އެކަމަށް ޝައުޤުވެރިވާ ފަރާތްތައްވެސް ދަނީ ސަރުކާރާ ގުޅަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަސައްކަތްވެސް މާލަސްތަކެއްނުވެ، މިއަހަރުގެ މެދެއްހާ ތަނުގައި ފަށައިގަނެވޭނެ. އިރާދަކުރެއްވިއްޔާ ދިގުމުއްދަތުގައި ފައިސާ ދައްކާ އުޞޫލުން، ކުޑަކުޑަ އެއްޗެއް ދައްކާ ޚަލާޞްކުރާ އުޞޫލުން ތިޔަބޭފުޅުންނަށް މިރަށުގައި އަޅުގަނޑުމެން ބޯހިޔާވަހިކަން ރައްދުކޮށްދޭނަން.

ކިނބިދޫއާ ގުޅިގެން އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި އޮންނަނީ، ކިނބިދުއަކީ ދަތުރުކުރާ ވަރަށްގިނަ އަދަދެއްގެ މީހުން އުޅޭ ރަށެއްކަމަށް. އެހެންވީމާ، ދަތުރުކުރާ މީހުންނަށް ފަހިވާގޮތަށް މިރަށުގައި ހުރި ކަންކަން ކޮށްދިނުމަކީ، ސަރުކާރުގެ ސިޔާސަތަކަށްވާންޖެހޭނެ. އެގޮތުން އަޅުގަނޑުމެން ފާހަގަކުރަމުން އައި ކަމެއް، ވިލިނގިލީގައި އެ ހިންގާ ބާވަތުގެ މެރިޓައިމް ޓްރޭނިންގ ސެންޓަރެއްގެ ޚިދްމަތް މިރަށުން ދެވޭނެ ގޮތެއް ހޯދުން. އެކަމަށްޓަކައި ބޭނުންވާ މަދަރުސާއާ ސާމާނާ އަދި އެކަމަށްޓަކައި ބޭނުންވާ މީހުންނާއެކުގައި އެމަސައްކަތް ފަށައިގަތުމަށް ހައެއްކަ މަސްދުވަހަށްވުރެ ގިނަދުވަސް އަދި ނަގާނެ. އެހެންނަމަވެސް، ސަރުކާރުން މިގެންދަނީ، މިދަންނަވާ ބާވަތުގެ އިންސްޓިޓިއުޝަނެއް، މަތީތަޢްލީމުދޭ ނުވަތަ ތަޢްލީމު އިތުރަށް އުނގަންނައިދޭ މިކަމާގުޅޭ ތަނެއް، މިރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑު މި އުންމީދުކުރަނީ، މިއަހަރުގެ ތެރޭގައި އެމަސައްކަތްވެސް މިރަށުގައި ފަށައިގަނެވޭނެކަމަށް.

މިރަށުގެ ދަރިވަރުން ދިހަޔަކާ ހަމައަށް ކިޔަވާފައި ހުއްޓާލަންޖެހޭކަން އެއީ ވަރަށްބޮޑު ދެރައެއް. އެއީކީއެއް އެކަން އޮންނަން އަޅުގަނޑުމެން އެދޭގޮތެއް ނޫން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އަނެއްކާ ހަމަ މިކަމާ ގުޅިގެންވެސް ދަންނަވާނީ، މިރަށުގައި މިއަހަރުގެ ތެރޭގައި އެގާރަ ފެށިގެން ދާނެޔޭ. އެހެންވީމާ، މިއަންނަ އަހަރު ބާރަޔާ ހަމައަށް ކިޔަވައިދެވޭނެއޭ.

އަޅުގަނޑުމެން މިރަށާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ވިސްނާފައިހުރި ކިތަންމެ ވިސްނުމެއް އެބަވޭ. މިރަށުގެ ކަރަންޓުގެ ހާލަތުވެސް އަޅުގަނޑުމެންނަށް އެނގޭ. މިރަށުގެ ހެލްތް ސެންޓަރުގެ ހާލަތުވެސް އަޅުގަނޑުމެންނަށް އެނގޭ. އަދި މިރަށުގެ ރައްޔިތުންގެ އާމްދަނީ ރަށުން ހޯދެންނެތީތީވެ ދަތިވަމުން އަންނަ މިންވަރުވެސް އަޅުގަނޑުމެންނަށް ސާފުވޭ. އަޅުގަނޑުމެން ހަމަކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުން މިދަނީ، މިކަންކަން މިހާރަށްވުރެ ރަނގަޅަށް ފުރިހަމައަށް ހިންގޭނެ ގޮތްތަކަކީ ކޮބައިތޯ، ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ރަށުގައި ތިއްބަވައިގެން އާމްދަނީއެއް ހޯދޭނެ ގޮތްތަކެއް ފަހިކުރެވޭތޯ. އަޅުގަނޑު މިދެކެނީ، މި ސަރުކާރަށް މިކަންކަން ކޮށްދެވެން އެބައޮތްކަމަށް. ކުރިއަށްވުރެ އަޅުގަނޑުމެން މިހާރު މިތިބީ މާބޮޑު ޔަޤީންކަމެއްގައި. އަޅުގަނޑުމެން ނުދެކެން، މިއީ ޤުދްރަތީ ވަސީލަތްތައް މަދު، ފަޤީރު ނިކަމެތި ޖަޒީރާ ޤައުމެއް ކަމަކަށް. އަޅުގަނޑުމެން ދެކެނީ، މިއީ މުއްސަނދި ޤައުމެއް ކަމަށް. މިއީ، ފުރުސަތުތަކެއް ރައްޔިތުންނަށް ހޯދެން އޮތް ޤައުމެއް ކަމަށް. މިރާއްޖޭގައިވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ހަމަ ރަނގަޅު އާމްދަނީއެއް ހޯދައިގެން ރަނގަޅު ދިރިއުޅުމެއް، ރަނގަޅު ތަރައްޤީއެއް ކުރިއަށް ގެންދެވިދާނެ ކަމަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި މަގަށް. އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން، މި ސަރުކާރުގައިވާ ކޮންމެ ލާރިފޮއްޗަކީ ތިޔަބޭފުޅުންގެ ފައިސާކަން. އަޅުގަނޑުމެންގެ އެއްވެސް އެއްޗެއް މިއަކުނެތް. އަޅުގަނޑުމެން އެފައިސާ ޚަރަދު ކުރާއިރުގައި އަބަދުވެސް އެކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓާނަން. މިއީ، ރައްޔިތުންގެ ފައިސާއޭ. މިފައިސާ އަޅުގަނޑުމެން ޚަރަދުކުރަންޖެހޭނީ، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގައޭ. އަޅުގަނޑުމެންނަކަށް ރައްޔިތުންގެ މުއްސަނދިކަމަކަށް އަރައިގަނެވިދާނެ ކަމަކަށް އެންމެ ހިނދުކޮޅަކުވެސް އަޅުގަނޑުމެނެއް ހީކޮށްގެނެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މިތަނަށްކުރާ ޚަރަދުވެސް އަދި އެހެން ތަންތަނަށް ކުރާ ޚަރަދުވެސް އަޅުގަނޑުމެން ކުރާނީ، ވީވަރަކުން އެކަން އެންމެ ކުޑަކޮށް، އެންމެ ކުޑަމިންވަރެއްގައި ބަހައްޓައިގެން އަޅުގަނޑުމެންނަށް ކުރެވެން އޮންނަ ގޮތަކަށް.

އެހެންނަމަވެސް މަސައްކަތްކުރުން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އަދި މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު ކުރާ ޚަރަދުތަކުގެ ތެރެއިން އެންމެބޮޑު ޚަރަދަކަށް އަޅުގަނޑަށް މިފެންނަނީ ދަތުރުކުރުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަބަދުވެސް ހަފްތާއެއްގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް ރާއްޖޭގެ އަތޮޅުތަކުގައި ދަތުރުކުރާނަން. އެއީ، ހަމައެކަނި މިއަދަކު ނޫން، މާދަމާއަކު ނޫން. ކުރިއަށް މިއޮތް ފަސްއަހަރުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެންދާނީ ހަމަ މިކަން ތަރުތީބުން ކުރަމުން.

އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި މި ހުންނަނީ، މާލޭގައި އެކަނި ހުރެގެން އެކަން ކުރާ ގޮތަކަށެއްނޫން. ރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅެމުން މިދަނީ، މާލެއިން ބޭރުގައި. އަދި އެންމެ ނިކަމެތިކޮށް، އަދި އެންމެ ދެރަހާލު، ނިކަމެތި ބިކަހާލު ޖެހިފައިތިބީވެސް، މާލެއިން ބޭރުގައި ތިބި ރައްޔިތުން. އެހެންވީމާ، ތިޔަބޭފުޅުންނާ ހަމައަށް ނާދެވޭ ގޮތަކަށް އަޅުގަނޑުގެ ބުއްދިއެއް ތަނެއްނުދޭ މިވެރިކަން ފުރިހަމައަށް ކުރާނެ ގޮތެއް. އަޅުގަނޑު ބޭނުން، ތިޔަބޭފުޅުންނަށް ވާގޮތްގޮތް އޮޅުންވެސް ފިލުވަން. ދަތިތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަން. އަދި އަޅުގަނޑު ބޭނުން، ތިޔަބޭފުޅުންގެ ޝަކުވާތަކާއި ތިޔަބޭފުޅުންގެ ނުރުހުމުގެ އަޑުތައްވެސް އެއިރެއްގައި އެހުރި ގޮތަކަށް އަޑުއިވުމަށް. ތިޔަބޭފުޅުންގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކަށް ނުވަތަ ތިޔަބޭފުޅުން ކަންކަމާ ގުޅޭގޮތުން އަޑުއުފުއްލަވަން ބޭނުންވާ ގޮތަކަށް އަޑު އުފުއްލެވުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުރަހެއް ނާޅާނަން. އެއީ، ސަރުކާރާ އެއްކޮޅަށް ތިޔަބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކި ތިބޭނީ.

އަޅުގަނޑަށް ޔަޤީން، ކިނބިދޫ ރައްޔިތުންނާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދެވޭނެ. އަދި ހަމަ މިރޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އަޅުގަނޑު މިތަނުގައި ހުންނައިރުގައި ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ސްޓޭޖްމަތީގައި ހުންނަ ފުރަތަމަ ދުވަހެއް ނޫން މިއީކީ. މިއީ، އަޅުގަނޑު ވަރަށް ފަރިތަ ތަނެއް.

އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ހިތުން ސާފު މި ރާއްޖެއަށް ޑިމޮކްރަސީއެއް ނުވަތަ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފެދި އެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ވެރިކަމެއް އުފެއްދެވުމަށް އެންމެ ބުރަ އެއް މަސައްކަތެއް ކުރެއްވީ ހަމަ ތިޔަބޭފުޅުން. އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުގެ ނަޒަރުގައި، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާންޖެހޭ. ކިނބިދޫ ރައްޔިތުންގެ ހިތްވަރާއި ޢަޒުމާއި ކެތްތެރިކަމާއި ދުރުވިސްނުން އެއީ، އަޅުގަނޑު ދަންނަވާނީ މިރާއްޖޭގެ ތާރީޚްގައި ޒަމާންތަކަކަށް ބިންވަޅު ނެގިގެންދާނެ ކަމެކޭ. އަޅުގަނޑުމެންނަކަށް މިކަމެއް ނުވީސް ތިޔަބޭފުޅުންނާ ނުލައެއް. އަޅުގަނޑަށް ހަމަގައިމުވެސް ނުވީސް ތިޔަބޭފުޅުންނާ ނުލައެއް. މިކަން ކުރުމުގައި އަޅުގަނޑުގެ ޙިއްޞާއެއްވާކަމަށްވަނީވިއްޔާ އެ ޙިއްސާއެއްގެ އަގު އެންމެ ބޮޑަށް ދައްކާފައި އޮތީ ހަމަ އަޅުގަނޑު ދަންނަވާނީ، ކިނބިދޫ ރައްޔިތުންނޭ. އަޅުގަނޑުދެކެ ކިނބިދޫ ރައްޔިތުން ނުރުހެން ފަށައިފިނަމަ އަޅުގަނޑަށް ވިސްނެންޖެހޭނެ އެއީ އަޅުގަނޑުވެސް ގޯސްވަނީކަން. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ބަލާނަން، ތިޔަބޭފުޅުން އެއީ ވައިބަލާ ކަށިގަނޑެއްގެ ގޮތުގައި. ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުން ނުރުހުންވާން ފެށީމާ އަޅުގަނޑަށް އަމިއްލައަށް ވިސްނެންޖެހޭނެ މިހާރު މި ގޯސްވަނީކަން. މިއަދު ހަވީރު އެދިޔައީ އެހެން ގޯސްވެގެން.

އެހެންވީމާ، އަޅުގަނޑު އަމިއްލައަށް ނިންމީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެ އަޅުގަނޑަށް މިއަދު ދެވިދާނެޔޭ މިތަނުން ފުރައިގެން. އަޅުގަނޑަށް މިއަދު އެވެނިކަމެއް ކުރެވިދާނެއޭ. އެހެންނަމަވެސް، އެއީއަކީއެއް އަޅުގަނޑުމެން މިއެދޭ ބާވަތުގެ ވެރިކަން ހިންގެން އޮތް ގޮތެއްނޫން. ދެން އެހެންނަމަވެސް އަދި ހަމަމިއާއެކީގައި ދަންނަވަން އެބަޖެހޭ، މިކަން އަޅުގަނޑު މިހެން ކުރީމާ އެހެންބަޔަކު އަދި މިއަށްވުރެ ބޮޑަށް އަޅުގަނޑު ދެކެ އެބަ ނުރުހުންވެއޭ. އެއީ، ވޭމަންޑޫ މީހުންނާއި ވޭމަންޑުއަށް އައިސްތިބި އެހެން ރަށްރަށުގެ މީހުން. އެމީހުންނާއެކީގައި އަޅުގަނޑުމެން އެބަޖެހޭ ވަގުތު ހޭދަކުރަން. އަޅުގަނޑު މި އުންމީދު ކުރަނީ، އެބޭފުޅުންނަށްވެސް މިކަމުގެ ޙަޤީޤަތް އޮތް ގޮތް ސާފުވާނެކަމަށް. އަޅުގަނޑުމެން ކިނބިދުއަށް ވަގުތުދޭންޖެހޭނެކަމީ، ވޭމަންޑު މީހުންނަށްވެސް އޮޅިފައި އޮންނަންވާނެ ކަމެއްނޫން. އެއީ، ރާއްޖޭގެ އެއްވެސް ބަޔަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމަ ޔަޤީންކަން އަރުވަން ބޭނުން. މިދަންނަވާ ތަރައްޤީގެ މަޝްރޫޢުތައް، އެއީ، ތިޔަބޭފުޅުންގެ ބޯހިޔާވަހިކަމާއި ތިޔަބޭފުޅުންގެ އާމްދަނީއާއި ތިޔަބޭފުޅުންގެ ދަތުރުފަތުރާއި ތިޔަބޭފުޅުންގެ ބޭސްފަރުވާޔާ މިކަންކަމާ ގުޅޭގޮތުން ހިންގަންހުރި މަޝްރޫޢުތައް، ތިޔަބޭފުޅުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ހިންގުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނެކަން.

ބައެއް ފަހަރަށް ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން އެބަވިދާޅުވޭ، އަޅުގަނޑު ނުސީދާ ގޮތުގައި ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވަނީއޭ. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑު ވަރަށް ސީދާ ގޮތުގައޭ ފޯރުވަނީ، ނުސީދާގޮތެއްގައެއްނޫނޭ. މިއީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކޭ. މިއަދު ރައީސުލްޖުމްހުރިއްޔާގެ ގޮތުގައި މިހުރީ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓް. ސަރުކާރު ހިންގުމާ ހަވާލުވެ މިއޮތީ ޕާޓީއެކޭ. ރައްޔިތުން އެދުނީއޭ މިޕާޓީގެ ފަރާތުން ރައްޔިތުންނަށް ހެޔޮ އޯގާތެރި ވެރިކަމެއް ކޮށްދިނުމަށް. އެހެންވީމާ، މިޕާޓީންނޭ މިއަދު މިވެރިކަން މިކޮށްދެނީ. މިޕާޓީގެ މެންބަރުންނާއި ޕާޓީގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، އެބޭބޭފުޅުން ނުހިމެނޭ ގޮތަކަށް މިވެރިކަމެއް ނުހިނގާނެ. މި ވެރިކަން ހިނގާނީ، ހަމަ ރައްޔިތުން މިވެރިކަން ހިންގުމަށް އަޅުގަނޑުމެންގެ ކިބައިން އެދުނުގޮތަށް އެއީ، އެމް.ޑީ.ޕީ. މެދުވެރިވެގެން.

އެހެންވީމާ، ހަމަ އެނޭވާގައި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަންޖެހެނީ، ރައްޔިތުންގެ މަޖިލީހުގައި މިޕާޓީއަށް އަޣްލަބިއްޔަތެއް ބޭނުމޭ. އެ އަޣްލަބިއްޔަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވުމުގައި ތިޔަބޭފުޅުން އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޝައްކެއްނުކުރަން. އެހެންވީމާ،

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތިޔަބޭފުޅުންނަށް އަނެއްކާވެސް ޝުކުރު ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވާނީ، އިރާދަކުރެއްވިއްޔާ މާދަން ވެގެންދާނީ، މިއަދަށްވުރެ އަދި މާ ފާގަތި ދުވަހަކަށޭ.

اَلحَمْـدُ لِلّـهِ، والسّـلام عليـكم

ވަރަށްބޮޑަށް ޝުކުރިއްޔާ!