بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ތި ތިން ބޭފުޅުންގެ ޚިދްމަތް ސަރުކާރަށާއި، ދައުލަތަށާއި، ރައްޔިތުންނަށް ކޮށްދެއްވުމަށް އެދި، އަޅުގަނޑު މުޙަންމަދު ލަޠީފް އަރިހުން މިއެދެނީ، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިނގާ ކަންކަން ހަމައަށް ހިންގެވުމަށާއި، ޤާނޫނީ ހަމަތަކުގެ މަތިން އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާ އެއްގޮތްވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްދެއްވުމަށާއި، އެކަންކަން ބައްލަވައި، ފާސްކޮށް، އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ހައްދަވާފައިވާ މުސްތަޤިއްލު މުއައްސަސާތަކާ ގުޅިވަޑައިގެން އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅިވަޑައިގެން އެމަސައްކަތް ކޮށްދެއްވައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ވީ އެންމެ ފުރިހަމައަށް ރައްކާތެރިކޮށް ދެއްވުމަށް އެހީތެރިވެވަޑައިގެން ދެއްވުމަށް.

އަޅުގަނޑު ޝަހީމް އަރިހުން އެދެނީ، އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުން، އެވުޒާރާގައި ވަޒީރަށް އެހީތެރިވެވަޑައިގެން ދެއްވުމަށާއި، ވަޒީރާއެކު މިމަސައްކަތް ކުރައްވައި، ރާއްޖޭގައި ރިވެތި އިސްލާމީ އުޞޫލުތަކާ އާދަކާދަތައް ދަމަހައްޓަވައި ދެއްވުމަށް.

އަޅުގަނޑު ޝާހިދު އަރިހުން އެދެނީ، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން މަސައްކަތް ކޮށްދެއްވުމަށް. އަދި ޚާއްޞަކޮށް، އަޅުގަނޑުމެން މިއިންތިޚާބަށް ވާދަކުރަމުން އައި އިރުގައި، ރައްޔިތުންނަށް ވަޢުދުވަމުން ދިޔައިމު، ސުނާމީގައި ގެއްލުން ލިބިފައި ތިއްބެވި، ގެއްލުން ލިބުނު ރައްޔިތުންނަށް އެއްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް. އަޅުގަނޑު ޝާހިދު އަރިހުން އެދެނީ، ޑިޒާސްޓަރ މެނޭޖްމަންޓްގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން، އެތަނުގައި މަސައްކަތްޕުޅުކުރައްވައި، މިބޯހިޔާވަހިކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް. އޭގެ އިތުރުން، މިހާރު މިނިސްޓްރީ އޮފް ޑިފެންސްގެ ތެރޭގައި ހިނގަމުން އަންނަ އަލިފާނުގެ ކަންތައްތަކާ ގުޅިގެން ރާއްވަވާ ރޭއްވެވުންތަކާ، ހިންގަވާ ހިންގެވުންތަކާ މަސައްކަތްތައް ބަލަހައްޓަވައި ދެއްވުމަށާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އެންމެހާ ކަންކަން ބަލަހައްޓަވައި ދެއްވުމަށް.

އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، ތިޔަހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންނަށް މިކަންކަން ހީވާގިކަމާ އެކީގައި ކޮށްދެއްވާނެ ކަމަށް. ތި ތިން ބޭފުޅުންގެ ޤާބިލުކަމަށާއި، ތި ތިންބޭފުޅުން މިކަންކަން ދައުލަތަށާއި ސަރުކާރަށް ކޮށްދެއްވިދާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އޮންނާތީވެ، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މިކަން ކޮށްދެއްވުމަށް މިއެދެނީ.

އަދި ޚާއްޞަކޮށް މުޙަންމަދު ލަޠީފް އަރިހުން އަޅުގަނޑު އެދެން، އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަމަކީ، މިސަރުކާރުން ކޮންމެހެން ބަލަހައްޓަން ބޭނުންވާ ކަމެއްކަން. އަޅުގަނޑުމެނެއް ނޭދެން، ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ރައްޔިތަކަށްވެސް ނުޙައްޤު ގޮތުގައި ނުޙައްޤުން އަނިޔާއެއް ލިބޭކަށް. ޑިސެމްބަރ 10ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާގުޅޭ ދުވަސް. އެދުވަހުގެ މުނާސަބާތަކަށް ދިވެހިރާއްޖެ ތައްޔާރުވާއިރުގައި އަޅުގަނޑުމެންނަށް ވީމިންވަރަކުން އަޅުގަނޑުމެންގެ ކަންކަން ފުރިހަމަކޮށްފައި ބެހެއްޓުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް.

މުޙަންމަދު ލަޠީފަކީ، ޒަމާނުއްސުރެ މިފިކުރުގައި މިމަސައްކަތުގައި އުޅުއްވަމުން ވަޑައިގެންނެވި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް މިކަންތައްތައް އަޅުގަނޑުމެން މިއެދޭ އުޞޫލުން، ހަމަތަކުން ކޮށްދެވޭނެކަމަށް. ވަރަށްބޮޑަށް ޝުކުރު ދަންނަވަމުން އަޅުގަނޑު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން ސަރުކާރުން އަރުވާ ފަތްކޮޅު އަރުވަން.

އަޅުގަނޑު އަރިހުގައި އަޅުގަނޑާއެކު މިހުންނެވީ، ސަރުކާރުގެ ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު.

ވަރަށްބޮޑަށް ޝުކުރިއްޔާ!