بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ތިޔަބޭފުޅުންނަށް މިދަންނަވާލީ ތިޔަބޭފުޅުންގެ މަގާމުތައް ތިޔަބޭފުޅުންނަށް އެރުވުމަށްޓަކައި. އެގޮތުން އަޅުގަނޑު އަޙްމަދު ފަސީޙްގެ އަރިހުން މިއެދެނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށާއި، މޫސާ ޖަލީލުގެ އަރިހުން އަޅުގަނޑު މިއެދެނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށާއި، އަދި މުޙަންމަދު ޒާހިރުގެ އަރިހުން އަޅުގަނޑު މިއެދެނީ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑާއިގަތުމަށް.

މިތިން މަގާމަކީވެސް، މިސަރުކާރުގައި ވަރަށްބޮޑު ދައުރެއް ކުޅޭނެ ތިން މަގާމު. ތިޔަބޭފުޅުންގެ މަގާމު ފުރުއްވުމުގައި ޤާނޫނުއަސާސީއާއި ޢާންމު ޤާނޫނުތަކާއި އަދި ރައްޔިތުންގެ ޙައްޤުތަކަށާއި އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ޢާންމު އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެ ކަމާމެދު އެއްވެސް ހާލެއްގައި އަޅުގަނޑު ޝައްކެއްނުކުރަން.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިދަނީ ވަރަށްބޮޑަށް ބަދަލުވަމުން. ޚާއްޞަކޮށް ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ބަޔަކީ ޒުވާނުން. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަމަންޢާންމަށާއި ޢާންމު މަޞްލަޙަތަށް އަންނަ ބަދަލުތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. މާރާމާރީގެ ކަންތަކާއި އަދި ބާރުގަދަ ޑްރަގް ބޭނުންކުރުން އިތުރުވަމުންދާ ދިޔުން އެއީ، އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ހާލެއްގައި ވަރިހަމަ ކޮށްގެން އަޅުގަނޑުމެން ތިބެން ބޭނުން ކަމެއްނޫން.

އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ތިޔަބޭފުޅުންގެ މަގާމުތަކުގައި ތިއްބަވައި، ތިޔަބޭފުޅުންގެ މަގާމުގެ ވާޖިބު އަދާކުރައްވަމުން ގެންދަވާއިރުގައި މިދެންނެވި ކަންކަން ޚާއްޞަ ގޮތެއްގައި ބައްލަވައި ދެއްވުން. މާލެއާއި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި މިދަންނަވާ ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ގެންނެވުން. އަޅުގަނޑުމެންގެ ގިނަ ރައްޔިތުންނަށް އަމާންކަމާއެކީގައި އަޅުގަނޑުމެން މިއުންމީދުކުރާ އުފާވެރި ދިރިއުޅުން ރައްޔިތުންނަށް ހޯދައިދިނުމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށް އަޅުގަނޑު ނިހާޔަތަށް އެދެން.

ވަޑައިގެންނެވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ.