بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ދަންނަވާލި ދަންނަވާލުމަކަށް ތިޔަބޭފުޅުން ވަޑައިގެންނެވީތީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރުވެރިވަން.

އެނގިވަޑައިގަންނަވާނެ ފަދައިން އިއްޔެވާނީ އަޅުގަނޑުމެންގެ ސަރުކާރުގެ ވަޒީރުން ޢައްޔަނު ކުރެވިފައި. މިއަދު އަޅުގަނޑުމެން މިޢައްޔަނު ކުރަނީ އެވުޒާރާތައް ހިންގުމުގައި ވަޒީރު ބޭފުޅުންނަށް އެންމެބޮޑަށް އެހީތެރިވެވަޑައިގެންދެއްވާނެ ބޭފުޅުން. ތިޔަ ހުރިހާ ބޭފުޅުންނަކީވެސް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުހަނު މަސައްކަތް ކުރައްވައި އަދި ތިޔަބޭފުޅުންގެ ޤާބިލިއްޔަތާއި، ތިޔަބޭފުޅުންގެ ހިތްވަރާއި، ތިޔަބޭފުޅުންގެ ދުރުވިސްނުން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައި ތިއްބެވި ބޭފުޅުން.


މިމަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މިއެދެނީ ވަރަށް އިތުބާރާ އެކީގައި. އަޅުގަނޑަށް ޔަޤީން ތިޔަބޭފުޅުން ފަހިކަމާއެކީގައި މިކަން ކޮށްދެއްވައި، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި ދިނުމުގައި ހީވާގިކަމާއެކީގައި މަސައްކަތް ކުރައްވާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ އެންމެ މުހިންމު ބޭނުމަކީ، ވަޢުދު ފުއްދުން. އަޅުގަނޑުމެން ސަރުކާރެއް ހިންގުމާ ހަވާލުވެ މިތިބީ ހަމައެކަނި ސަރުކާރެއް ހިންގުމުގެ ނުވަތަ ވެރިކަން ކުރުމުގެ ބޭނުމުގައެއްނޫން. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ، މިއަދަށްވުރެ ފާގަތި މުސްތަޤްބަލެއް އަދި އުފާވެރިކަމާއި ހަމަހިމޭން ކަމުގައި ދިރިއުޅޭ ރައްޔިތަކަށްވުން.

އަޅުގަނޑުމެން މިސަރުކާރުގައި ހިންގާ ހުރިހާ ކަމެއްމެ ހިންގުމަށް މިއެދެނީ، ދެފުށް ފެންނަ، ސާފުސާދާ ގޮތެއްގައި. ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލާކަށް އަދި މަޢްލޫމާތެއްނުދީ ހިފެހެއްޓުމަކަށް ނޭދެން. ރައްޔިތުންނަށް ސާފުކޮށް އެނގިގެން ރައްޔިތުންގެ ޚިދްމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒު.

ސަރުކާރު ހިންގަނީ ހަމައެކަނީ އެންމެ ބޭނުމަކަށްޓަކައި. ރައްޔިތުންގެ ހިތްހަމަޖެހުމަށް. އެނޫން އެހެން އެއްވެސް ބޭނުމެއް ނެތް. މި ސަރުކާރެއް ނޭދެން އިސްރާފަކަށް. މި ސަރުކާރެއް ނޭދެމު އެއްވެސް ބާވަތެއްގެ ނާޖާއިޒު އެއްވެސް ކަމެއް ސަރުކާރުގެ އިސްމުވައްޒަފުން ހިންގުމަކަށް. ނޫސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާ މި މުއައްސަސާތަކުން އަޅުގަނޑު އެދެނީ ސަރުކާރުގައި ހިނގަމުންދާ ހުރިހާ ކަމެއްމެ އަބަދާއަބަދުމެ ބަލަމުން ގެންދިޔުމަށް.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް އިތުބާރު ކުރެވޭ ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ މަސައްކަތާ އެކީގައި އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަށް ފުއްދައިދެވޭނެ.

މިއަދުގެ މިރަސްމިއްޔާތަށް ވަޑައިގެންދެއްވީތީވެ އަނެއްކާވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ މިރަސްމިއްޔާތަށް އެއްބޭފުޅަކަށް ވަޑައެއްނުގެންނެވޭ. އެއީ ޑޮކްޓަރ ޙަސަން ސަޢީދު. ޙަސަން ސަޢީދު މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވާ. އެހެން ހުރިހާ ބޭފުޅުން މިތާ މިހާރު މިތިއްބެވީ.

ވަރަށްބޮޑަށް ޝުކުރިއްޔާ.