"ގުޅީފަޅު މަޝްރޫޢު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ގުޅީފަޅު މަޝްރޫޢުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ފަރާތުންވަނީ، މި މައްސަލައަށް ޙައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ.

އެ ފަރާތްތަކުން ޙިއްޞާ ކުރެއްވި ކަންބޮޑުވުންތަކާއި، މިކަމުގައި އެދިވަޑައިގަންނަވާ ގޮތްތައް އޮޅުންފިލުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މި މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ، މި މައްސަލައަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި، މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވާދެއްވާނެ ކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވެންދެން މި ކަމާއި ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް މީގެ ފަހުން ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރާއި، ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި، ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ.