ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު ގުރައިދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި، ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބަނދަރު މުޅިން ހަލާކުވެފައިވުމާއި، ކޮންޓްރެކްޓް ހަވާލުވި ފަރާތުން ބޭނުންވެސް ނުކޮށް އޮވެ އައިސް ޕްލާންޓު ވީރާނާވަމުންދިއުމާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ކުއްލި ޙާލަތުގައި ޚިދުމަތް ދެވޭނެ ވަޞީލަތެއް އަތޮޅުގައިވެސް ޤާއިމްވެފައި ނެތުމާއި، އަތޮޅު ފެރީ ނިޒާމުގައި ހުރި މައްސަލަތަކުގެ އިތުރުން ރަށް ގިރުމުގެ މައްސަލަހިމެނެއެވެ.

މި ބައްދަލު ވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ބަނދަރު ހެދުމަށް މިހާރު ސޮއިކުރެވިފައިވާއިރު، މިފަދަ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރަމުން ގެންދިއުމަކީ ކައުންސިލްގެ ފަރާތުން ކުރުން މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތަރައްޤީގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުމަކީ އެކަމުގެ ހެވާއި ލާބަ އެންމެހާ ރައްޔިތުންނަށް ލިބޭނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރަމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ގުރައިދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.