بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާދެ، މީގެ އެއް އަހަރު، ނޫނީވިއްޔާ އެއް އަހަރާއި އެއްމަސް ކުރިއަށް އަޅުގަނޑުމެން ޖެހިލަމާ ހިނގާ. ރާއްޖެ އޭރު އޮތް ޙާލަތު. ރައްޔިތުން އޭރު އުޅެމުންދިޔަގޮތް.

އަޅުގަނޑުމެންގެ އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އޭރު ހުންނެވީ ނުޙައްޤު ޖަލު ޙުކުމެއްގައި ރާއްޖެއަށް ނާދެވި، ރާއްޖެއިން ބޭރުގައި. ހަމަ އެގޮތަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ހުންނެވީ ނުޙައްޤު، ބޭއިންޞާފު ޝަރީޢަތަކުން ކުރެވުނު ޙުކުމަކާ ގުޅިގެން ރާއްޖެއަށް ނާދެވި ބޭރުގައި. ހަމަ އެގޮތަށް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން، ނުޙައްޤު ޖަލު ޙުކުމެއްގައި ޖަލުގައި ދުވަސްތައް ގުނަމުން އޭރު ދަނީ. އަޅުގަނޑުމެންގެ އަނެއް ކޯލިޝަންގެ ލީޑަރު ޕީ.ޕީ.އެމް.ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އޭރު އިންނެވީ ނުޙައްޤު އަދަބެއްގައި ޖަލުގައި ދުވަސްތައް ގުނަން. އޭގެ އިތުރުންވެސް، އަޅުގަނޑުމެންގެ އެތައް އެތައް ބައިވެރިންނެއް، ފަހުލަވާނުންނެއް ތިބީ ޖަލުގެ ކުޑަގޮޅިތަކުގެ ތެރޭގައި. ނޫނީވިއްޔާ ރާއްޖެއިން ބޭރުގައި ރާއްޖެއަށް ނާދެވޭ ޙާލަތުގައި.

މިއީ މީގެ އެއް އަހަރާއި އެއްމަސް ދުވަހުގެ ކުރީގެ ރާއްޖޭގެ ޙާލަތު. އަޅުގަނޑުމެން އެ ދުވަހު ނުކުތީ އެ ކަންތައްތައް ބަދަލުކުރަން. ރައްޔިތުންނަށް އަޅުގަނޑުމެން ވަޢުދުތަކެއްވިން. އެ ވަޢުދުތައް މެނިފެސްޓޯއެއްގެ ސިފައިގައި އަޅުގަނޑުމެން އެކުލަވައިލީ. އެންމެ ފުރަތަމަ ކަމަކަށް، އެ މެނިފެސްޓޯ އެކުލަވައިލުމުގައި، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ ޓީމާއި އަދި ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތް، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން. އެއަށްފަހުގައި، ކޯލިޝަން ޕްލެޖެއްގެ ގޮތުގައި، އެ މެނިފެސްޓޯ ރައްޔިތުންނާ ހިސާބަށް ގެންދިޔުމަށްޓަކައި ކޯލިޝަންގެ ފަރާތުން އުފެއްދި މެނިފެސްޓޯ ޓީމުން ކުރެއްވި މަސައްކަތްވެސް އަޅުގަނޑު އުފަލާ އެކުގައި މިރޭ ފާހަގަކުރަން.

އަޅުގަނޑުމެން ފަސް ކަމެއްގެ މައްޗަށް ރައްޔިތުންނަށް ވަޢުދުވިން. މައިގަނޑު ފަސް ކަމެއް. އަޅުގަނޑުގެ ދެ ފަރާތުން ފެންނަން މިއޮތީ އެ ކަންތައްތައް. ހެޔޮވެރިކަން، ޖަޒީރާ ދިރިއުޅުން، ފަޚުރުވެރި ޢާއިލާ، އޯގާތެރި ސަރުކާރު، ނޫ އިޤްތިޞާދު. މިއީ މައިގަނޑު ގޮތެއްގައި ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން ގެނެސްދިން ކަންތައްތައް. މިއާއެކީގައި ރައްޔިތުން މި ކަންތައްތައް ގަބޫލުކޮށް، އިންތިޚާބުގައި އަޅުގަނޑުމެންނަށް ވޯޓުދީ، ވެރިކަމަށް ގެނައި.

މިއަދު އަޅުގަނޑުމެންގެ ޒިންމާއަކީ، ވާޖިބަކީ، މި ކަންތައްތައް އަމަލީގޮތުން ތަންފީޛު ކުރުން. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވުމާއެކީގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކެއް އަޅުގަނޑުމެން ނިންމިން. އިރާދަކުރެއްވިއްޔާ، 100 ދުވަހުގެ ތެރޭގައި މަސައްކަތްތަކެއް، ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. އެހެންނަމަވެސް، ކުރަންހުރި ވަރަށް ބައިވަރު މަސައްކަތްތައް އަޅުގަނޑުމެންގެ އެބަހުރި.

މިގޮތުން މިރޭ މި ހާމަކުރެވިގެން މިދިޔަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެވަނީ އެކަންތައްތައް ކުރާނެގޮތް ލިޔެވިފައި. ވަގުތު ކަނޑައެޅިފައި. ތަރުތީބު ކުރެވިފައި. ދެން އޮތީ މިކަންތައްތައް ކުރުން. މިކަމުގައި ފަހަރުގައި މީގައި ހުރެދާނެ، ބައެއް ބޭފުޅުން ނުގަބޫލު ކަންތައްތައް. ބައެއް ބޭފުޅުން ބޭނުންނުވާގޮތަށް ލިޔެފައި ހުރި ކަންތައްތައް.

އެހެންނަމަވެސް، އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންނާއި، ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ މުވައްޒަފުން، މި ކަންތައްތައް ތަންފީޛު ކުރުމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވުން. މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާ ވާހަކަ ދެކެވި، އެތައް މުއައްސަސާތަކަކާ ވާހަކަ ދެކެވި، ނިމިފައި ހުރި ކަންތައްތައް.

އެހެންވީމާ، ތިމާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވިޔަސް، އެކަންތައްތައް ތަންފީޛު ކުރުމުގައި ފަސްޖެހިވަޑައިނުގެން، އަޅުގަނޑާ އެކީގައި ކުރިއަށް ވަޑައިގަތުމަކީ އަދިވެސް އެއްފަހަރު، ހުރިހާ ވަޒީރުންގެ ކިބައިންނާއި، ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއް.


އާދެ، މި އެކްޝަން ޕްލޭންގައި، ދެ ކަމެއް އެބައޮތް. އެއްކަމަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކަން ކުރަންވީ ގޮތް މިއޮތީ ތަރުތީބު ކުރެވި ލިޔެވިފައި. އެކަންތައްތައް އޭގައި އޮތްގޮތަށް ކުރުން، އަޅުގަނޑުމެންގެ ކެބިނެޓުގެ ވަޒީރުންގެ ޒިންމާއަކަށްވާންވީ. އޭގައި އޮންނާނެ، ކުރަންވީ ކަންތައްތަކާއި، ތާރީޚާއި، ފައިސާ ހޯދާނެ ގޮތާއި، އެކަން ނިންމަންވާ ތާރީޚާ. ފާހަގަޖަހަމުން ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ. އެއްވެސް މައްސަލައެއް ނެތް. އޭރަށް ފަސް އަހަރުވާއިރުގައި، އަޅުގަނޑުމެންގެ ވަޢުދުތައް އޮންނާނީ ފުދިފައި.

ދެވަނަ ކަމަކަށް، މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން ލިބޭ އަނެއްކަމަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުން. މީގައި ހުރި ކަންތައްތައް، މީގައި އޮތްގޮތަށް ކުރޭތޯ ބެލުމަށް ވަރަށް ފަސޭހަވެގެންދާނެ. ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް، އަދި ކޮންމެ ފަރުދަކަށް، ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާ ސުވާލުކުރެވޭނެ. ކީއްވެގެންތޯ މި މަސައްކަތް ނުނިމި އޮތީ. ކީއްވެގެންތޯ މިކަން ފަސްޖެހިފައި އޮތީ. މިއީ މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުން އަޅުގަނޑުމެން ރައްޔިތުންނާ ހިސާބަށް ގެނެސްދޭ ދެވަނަ ކަމަކީ.

އާދެ، މީގައި ހުރި ކަންތައްތައް ވަރަށް ތަފްޞީލުކޮށް، އަޅުގަނޑުމެންގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީ ދެންމެ ވިދާޅުވެދެއްވީ، އެކަން ތައްޔާރުކުރިގޮތާ އެކީގައި.

މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ހަމައެކަނި ސަރުކާރަކަށް ނޫން. މީގައި އެބަހުރި، ޝަރުޢީ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް. މީގައި އެބަހުރި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް.

އެހެންވީމާ، މިރޭ އަޅުގަނޑު އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ، ޝަރުޢީ ދާއިރާގެ ބޭފުޅުންނަށްވެސް، ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށްވެސް، އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައިނުގެން، އަޅުގަނޑުމެންނާއެކީ ކުރިއަށް ވަޑައިގަންނަވާށޭ.

އާދެ، ލިޔެފައި އޮތް ސްޕީޗް އެބައޮތް. އެހެންވީމާ، އެ އޮތްގޮތަށް ބާއްވާފައި، އަޅުގަނޑު ކުރިއަށް މިދަނީ. ދެން މާގިނަ ވާހަކައެއް އަޅުގަނޑު ދައްކާކަށް ނެތިން.

ނިންމާލަމުން، މި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު އަދާކުރަން. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރައީސް އޮފީހުގެ، ޕޮލިސީ އޮފީހުގެ ބޭފުޅުންނާއި، ޚާއްޞަކޮށް، ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއަށާއި، އަޅުގަނޑުމެންގެ ކޮމިއުނިކޭޝަން އޮފީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި މިރޭ ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ސްޓްރެޓީޖީކް އެކްޝަން ޕްލޭންގެ މައިގަނޑު އަމާޒަކީ، ފުދުންތެރި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރުން. އެކަން ކުރެވޭނީ، ނޫ އިޤްތިޞާދުގެ ތެރެއިން، ތަނަވަސް ޖަޒީރާ ދިރިއުޅުމަކަށް އަޅުގަނޑުމެންނަށް ގެންދެވިގެން.

ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު.