بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ހަޔަރ އެޑިޔުކޭޝަން މިނސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން، އަދި ހަމަ އަޅުގަނޑުމެންނާއެކު މިއަދު މި ބައިވެރިވަޑައިގަންނަވާ ކުރީގެ ޓޫރިޒަމް ދާއިރާގައި ވަރަށްގިނަ ދުވަހު، ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ދެބޭފުޅުން ކަމަށްވާ މޮޑީ އަދި ޕެރިސް ނަސީމް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް މިކަމުގައި ހަމަ މަރުޙަބާ ދަންނަވަން.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު މީގައި މި ފާހަގަކޮށްލަން ބޭނުންވަނީ، މިއީ ވަރަށް ބޮޑު ފެށުމެއް. މިއަދު މި އާ ފެށުމެއް ދިވެހި ޒުވާނުންނަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި، މި ގެނެސްދެއްވި ކަމަށްޓަކައި އަޅުގަނޑު ހަމަ ފުރަތަމަވެސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި އަދި މި ކަމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް، އިންޑަސްޓްރީ ޕަރޓްނާސް އާއި، ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެންގެ ޤައުމު މިއީ ދުނިޔޭގައި ނެތް މިފަދަ ރީތި ޤައުމެއް. އަޅުގަނޑުމެންނަށް ލިބިފައިވާ ރީތިކަމަކީ، އެއީ ޤުދުރަތީ ރީތިކަމާއި، އަދި އަޅުގަނޑުމެންގެ ރައްޔިތުން، އެ އަދާކުރައްވާ މެހުމާންދާރީ، މި ދެކަމެއްގެ މައްޗަށް އަޅުގަނޑުމެންނާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މި އަންނަނީ.

އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި މެހުމާންދާރީ ދަމަހައްޓަން. ތަފާތު ބައެއްގެ ގޮތުގައި ދިވެހިން އަބަދުވެސް ފާހަގަވެގެންދަނީ ބޭރު ދުނިޔޭގެ ހުރިހާ ފަރާތްތަކަށް. އަޅުގަނޑު އެ ކަންތައް ހަމަ ފާހަގަކޮށްލީ. އެއީ އަޅުގަނޑުމެންނަށް ބޭރުން އަންނަ ކޮންމެ މީހެއްގެ ފަރާތުންވެސް އެ އަޑު އިވިގެންދާތީ. އެ ކްރެޑިޓަކީ އެއީ، ދިވެހީންނަށް ލިބެންޖެހޭ އެއްޗަކަށްވާތީ، އަޅުގަނޑު އެކަން ފާހަގަކޮށްލީ.

އާދެ، މިއީ އާ ފެށުމެކޭ އަޅުގަނޑު މި ދެންނެވީ، އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ތާނގައި ތަފާތު ފެނިގެންދާނެ. ރިޒޯޓުތަކުގައި ގިނަ އަދަދަކަށް އިރާދަކުރެއްވިއްޔާ، ދިވެހީން އުޅޭ މަންޒަރު އަދި މަތީ ވަޒީފާތަކުގައި، ދިވެހީން ވަޒީފާ އަދާކުރާ ތަން އެއީ ޙަޤީޤަތުގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދާއިރު، އޭގެ އެންމެ ބޮޑު ނަފާއެއް ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ކުރަން އެބަޖެހޭ. އެ މަސައްކަތް ކުރަން، އެ ވަޢުދަކީ އެއީ ޙަޤީޤަތުގައި މި ސަރުކާރުން، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޒުވާނުންނަށް ދެއްވި އެންމެ ބޮޑު އުންމީދު.

އެހެންވީމާ، އެ މަސައްކަތުގެ ފެށުމެއްގެ ގޮތުން އަޅުގަނޑުމެންނަށް ފެންނަނީ ޚާއްޞަކޮށް، ޓޫރިޒަމް މިނިސްޓްރީން، ވަރަށް ތަފާތު މަސައްކަތްތަކެއް ފެށްޓެވި ތަން. ހަމައެއާއެކު އަޅުގަނޑުމެންގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ، ސްކިލް ޑިވެލޮޕް ކުރުމާ، މި މަސައްކަތް މިހާރު ދަނީ އިރާދަކުރެއްވިއްޔާ ކުރިޔަށް. މި ކަންތައްތައް އަޅުގަނޑުމެން ކުރުމުގައި، މި ހުރިހާ އިންޑަސްޓްރީ ޕާރޓްނާސް އެއީ އަޅުގަނޑުމެންނާއެކު ތިބޭނެ ބައެއް.

އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ޙަޤީޤަތަކީ، ދިވެހި ޒުވާނުން. ދިވެހި ޒުވާނުން އެއީ، އެމެރިކާގައިވިޔަސް، އޮސްޓްރޭލިއާގައިވިޔަސް، ޔުނިވަރސިޓީއެއްގައި ކިޔެވިޔަސް، އަޅުގަނޑުމެންނަށް ފެންނާނެ، އެ ތަނުންވެސް ދެވަނައަކަށް ނުދާނެ، އެއްވަނަ.

ދިވެހީންނަކީ ހުނަރުވެރި ބައެއް. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މަދުވެގެން އުޅޭ އެއްޗަކީ ފުރުޞަތު. އަޅުގަނޑުމެން ޖެހޭނީ ދިވެހި ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ފުރުޞަތު ހޯދައިދޭން. ދިވެހިރާއްޖޭގައި ކުރާ ކޮންމެ އިޤްތިޞާދީ މަސައްކަތެއްގައިވެސް، ދިވެހީންނަށް އިސްކަން، އެއީ ލިބެންޖެހޭނެ އެއްޗެއް. އެއީ ދިވެހީން ބޭނުންވާ ކަމަކީ. އެ ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދިނީމާ، ދިވެހީންނެއް ފެއިލެއް ނުވާނެ. ދިވެހީންނަކީ ފެއިލްވާނެ ބައެއް ނޫން. އަޅުގަނޑުމެން އެހެން ޤައުމެއްގެ މީހަކާއި، ދިވެއްސަކާ އެއްކޮށް މަސައްކަތްތަކެއް ހަވާލުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މާ ކުރީއްސުރެ ފެށިގެންވެސް، ފެނިގެން ގޮސްފައިވަނީ އަބަދުވެސް ދިވެހީންގެ ހުނަރުވެރިކަމާއި އެ ޓެލެންޓް.

އެހެންވީމާ، މިއަދު ދިވެހި ސަރުކާރުން އެންމެ އިސްކޮށް ކުރާނެ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ، ދިވެހި ޒުވާނުންނަށް މި ފުރުޞަތުތައް ހޯދައިދީ، ދިވެހިރާއްޖެއަށް މި އަންނަ ކުރިއެރުން، ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވާންދާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ދިވެހިރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައިހެން ޓޫރިޒަމް ފައްކާވެފައި އޮތްއިރު، ވަރަށްގާތުގައި ރަށްތައް މި ހުންނަނީ އެކުލެވިފައި.

އެހެންވީމާ، ފަސޭހަކަމާއެކު ވަޒީފާ އަދާކޮށްފައި، ރަށަށް ދެވޭނެގޮތާއި، އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރަށްތަކުގައި އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އަންހެން ބޭފުޅުންގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ ފެނޭ. ރަށުގެ ތަރައްޤީއަށް ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން ހަނދާން ނެތް ހިސާބުން ފެށިގެން ކޮށްފައި ހުރި މަސައްކަތްތައް އެބަ ފެނޭ.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔޭގެ އެއްވަނަ. މިވެސް އެއްވަނަ. އެއްވަނައިގެ ގޮތުގައި އޮތްއިރު، އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނާއި، އަޅުގަނޑުމެންގެ ދިވެހި އަންހެން ބޭފުޅުންނަށް އެ ފުރުޞަތުތައް ލިބެން އެބަޖެހޭ. ފުރުޞަތު ބޭނުންވަނީ. ހުނަރަކީ ދިވެހިންގެ ގައިގައި އަބަދުވެސް ހުރި އެއްޗެއް. ފުރުޞަތެއް ނުދީ، ކަމެއް ހަވާލުނުކޮށް އެ މީހަކަށް އެނގެނީ ކޯއްޗެއް ކަމެއް ނޭނގޭނެ.

އެހެންވީމާ، މިއަދު އިރާދަކުރެއްވިއްޔާ ހަމަ ދިވެހި ޒުވާނުންނަށާއި، ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަ ޔަޤީންކަން ދޭން ބޭނުންވަނީ، އަޅުގަނޑުމެންގެ ޓޫރިޒަމް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަޅުގަނޑުމެން ގުޅިގެން އިންޑަސްޓްރީއާއެކު މި ކުރެވޭ މަސައްކަތުން ހެޔޮ ބަދަލުތަކެއް އިރާދަކުރެއްވިއްޔާ މި ކަމުގައި ގެނެވޭނޭ.

އަޅުގަނޑުމެން ވިސްނާލަންވީ މި އަހަރަށް އެކަނި ބެލިނަމަވެސް، އޮގަސްޓު މަހާ ހަމައަށްވެސް އެއް މިލިއަނުން މައްޗަށް އަރައިގެން ގޮސްފި. ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ޓޫރިޒަމް ގްރޯތް، ޓޫރިސްޓް އެރައިވަލް އިތުރުވެގެން މި ދާ ސަބަބުތައް އަޅުގަނޑުމެން ބަލަން އެބަޖެހޭ. ޤައުމަކަށް ޤައުމެއްގެ އިޤްތިޞާދު، ހަމަ މަގަށް އަޅުވައި، ކުރިއެރުވުމަށްޓަކައި ބޭނުންވަނީ ހަމަޖެހުން. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދިވެހި ރައްޔިތުންގެ ހަމަހިމޭންކަން. ހަމަޖެހުން. މި ތަނުގައި ސްޓޭބިލިޓީގެ މައްޗަށް މި ހުރިހާ ކަމެއް ކުރިއަރައިގެން މިދަނީ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އެކުގައި މަސައްކަތްކުރަން އެބަޖެހޭ. ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ހަމައަށް ވަޑައިގެން، އެ ބޭފުޅުން ގޭގައި ތިއްބައި ރައީސުލްޖުމްހޫރިއްޔާ އެ ގެތަކަށް ވަޑައިގެން، އެ މައްސަލަތައް ބަލައި، އެ ޔަޤީންކަން ދެއްވި. ވަޢުދުތަކެއް ވެވަޑައިގެން. އުންމީދުތަކެއް ދެއްވި. މިއަދު އެ ފުރުޞަތު އެބަ އޮންނަންޖެހޭ. ހަމަޖެހުން އެއީ އެންމެ މުހިންމު ކަމަކީ.

އެހެންވީމާ، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރެވެން އެބަޖެހޭ. ޚިޔާލު ފާޅުކުރަންވީ. އަޅުގަނޑުމެން ދިވެހި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރައްވަނީ އަޅުގަނޑުމެންނާ ދެކޮޅުވެރި މީހަކު ނުހުންނާނެކަން. އަޅުގަނޑުމެން ކުރާ އެއްވެސް ކަމަކަށް، ދިވެހި ސަރުކާރުން ކުރާ އެއްވެސް ކަމަކަށް، އެއަށްވުރެ މޮޅު ޚިޔާލެއް، ފާޑުކިޔުމެއް އޮތް ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން އެންމެ ބޭނުންވާ ކަންތައް. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ މިއަދު، އަޅުގަނޑުމެންނަށް ފޭސްބުކް، ޓްވިޓަރ، އެހެނިހެން މީޑިއާ، ސޯޝަލް މީޑިއާގައި މި ފެންނަ ޚިޔާލުތަކަކީ އެއީ، އަޅުގަނޑުމެން މިއަދު އުފާކުރާކަމެއް. އެ ކަމަށްޓަކައި އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް، ރައްޔިތުންނަށް ޝުކުރު އަދާކުރަންޖެހޭ ކަމެއް.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން އޮތީ، ހަމަ ނިންމާލުމުގެ ކުރިންވެސް މި މަސައްކަތްތައް ކުރުމުގައި، ރާއްޖޭގައި 149 ރިޒޯޓް ކުރިޔަށް، މާ ބައިވަރު އަދި ހުޅުވެން އެ އަންނަނީ. އަންނައިރު، މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ. ދިވެހިރާއްޖެއަށް ކުރާ އިޤްތިޞާދީ ކޮންމެ ނަފާއެއް، ކޮންމެ ޢާއިލާއަކަށް އޭގެ ޙިއްޞާ، އެ ލިބެން އެބަޖެހޭ. އެ ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މާ ދުރުނޫން މުސްތަޤްބަލެއްގައި، ދިވެހިރާއްޖެ ފެނިގެންދާނީ މާ ތިޔާގިކަމާއެކު. މާ ހިތްހަމަޖެހޭ، މާ އުފަލާއެކު އުޅޭ ޒުވާނުންނާއި، ރައްޔިތުންތަކެއް ފެނިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތް، ހެޔޮ ނިޔަތުގައި ޤައުމުގެ ކުރިއެރުމަށްޓަކައި މި ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، އަދި އަޅުގަނޑުމެންގެ އެކި ޚިޔާލުތަކުގެ، އެކި ފިކުރުތަކުގެ ހުރިހާ އެންމެން ގުޅިގެން ޤައުމަށްޓަކައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.