ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކިނޮޅަހު ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކިނޮޅަހުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ "އިބްނު ބަތޫތާ މަންޒިލް" ގެ ނަމުގައި ކުޑަކުދީންނަށް ޚާއްޞަ ޕާކެއް ހެދުމުގެ މަޝްރޫޢާއި، ރަށުގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރެއްވިއެވެ.

ކިނޮޅަހަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ހުއްޓިފައިވާ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.