ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ "ޖަޒީރާ ކެނޯ ރޭސް" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ޖަޒީރާ ކެނޯ ރޭސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފެލިދެ އަތޮޅު ކެޔޮދުއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މިކަކަން އެގޮތުގައި ދަމަހައްޓައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މީގެ 27 އަހަރުކުރިން އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވައި، ރާއްޖޭގައި ފަތުރުވެރިކަން އެންމެފުރަތަމަ ފެށިގެން އައި ދުވަސްވަރު މި ސިނާޢަތުގައި ހަރަކާތްތެރިވި ފަރާތްތަކާއި މިއަދާ ހަމައަށް މިސިނާޢަތް ތަރައްޤީކޮށް ގެނެސްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން އަންހެން ޓީމުތައް ވަނީ ކެނޯގައި ވ. ފެލިދުއަށް ދަތުރުކޮށްފައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.