ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިރުއޮއްސުނުއިރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސާއާއި ބޮޑުވަޒީރު މިސްޓަރ ރަތުނަސިރީ ވިކްރަމަނަޔަކައާ ބައްދަލުކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވިއެވެ. މިދަތުރުފުޅުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަރ ރޮހިތަ ބޮގޮލޮގަމަ އާއި، މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް އެންޑް ނޭޝަނަލް ހެރިޓޭޖް މިސްޓަރ މަހިންދަ ޔާޕާ އަބޭވަރުދަނާއާއި، ސްރީލަންކާގެ ސެންޓްރަލް ކަލްޗަރަލް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ސުދަރުޝަން ސެނެވިރަތުނެއާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އަދި ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާއި ކިޔަވަން ތިބި ދިވެހި ކުދިންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅަކީ ވަރަށް ފުރިހަމަ ކާމިޔާބުތަކެއް ލިބިގެންދިޔަ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. މިދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާއި، އަދި ސްރީލަންކާގައި ތިއްބަވާ އެކިޤައުމުތަކުގެ ސަފީރުންނާއި، ސްރީލަންކާގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ކަމުގައި ވިދާޅުވިއެވެ. މިދަތުރުފުޅުގެ އެންމެބޮޑު މަޤްޞަދަކަށްވީ، ރާއްޖޭގައި ހިނގާ އެކިއެކި އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންތައްތަކުގައި ސްރީލަންކާގެ އެކި ވިޔަފާރިވެރިންނާއި، ސްރީލަންކާގައި ހިނގަމުންދާ އެކިއެކި ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން، ރާއްޖޭގައި އެބޭފުޅުންގެ މަސައްކަތްތައް ހިންގެވުން އަހުލުވެރި ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިދަތުރުފުޅު ނިންމަވާފައި މާލެ މިވަޑައިގަތީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަތުމާ އެކީގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.