بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ، އަތޮޅު ކައުންސިލުގެ ރައީސް، ކައުންސިލަރުން، މި ޕްރޮގްރާމް އިންތިޒާމުކޮށް ކުރިޔަށް ގެންދަވާ އެންމެހައި ބޭފުޅުން، ރިޒޯޓްތަކުން ވަޑައިގެންނެވި އެންމެހައި ބޭފުޅުންނާއި އަދި އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެފުރަތަމަވެސް، ޝުކުރު އަދާކޮށްލަން ބޭނުންވަނީ، އާދެ، ތިމާވެށީގެ ނާޒުކުކަމާއި އަދި ތިމާވެށި ޙިމާޔަތްކޮށް، އެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ މި މުހިންމު ހަރަކާތުގައި، މި މަންތާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީ، މި ކަންތައްތައް އިންތިޒާމު ކުރި ފަރާތަށް ޚާއްޞަ ޝުކުރެއް ދެންނެވުމުގެ ގޮތުން.

އާދެ، ދެންމެ ވިދާޅުވިގޮތަށް، 2000 ވަނަ އަހަރުގެ ތެރޭގައި، ބ. އަތޮޅުގައި ބަޔޮސްފިއަރ ރިޒާވެއް ޤާއިމުކުރުމަށްޓަކައި ނުވަތަ ޔުނެސްކޯގައި ހިމެނުމަށްޓަކައި، އެ މަސައްކަތް ފެށިގެން ދިޔައިރު، އަޅުގަނޑަކީވެސް ބ.އަތޮޅުގައި މަސައްކަތް ކުރުމުގެ ނަސީބު ލިބުނު މީހެއް. އެގޮތުން އެ ދުވަހު އެ ކަންތައް ކާމިޔާބު ކުރުމަށްޓަކައި، އެތައް ބަޔަކު އެ ކުރެއްވި މަސައްކަތްތައް ވަރަށް ގާތުން އަޅުގަނޑަށް ވަނީ ފެނިގެން ގޮސްފައި.

އާދެ، މިއަދު މި ކަންތައް ކާމިޔާބުކަމާއެކު ކުރިޔަށްދާތީ، އަޅުގަނޑު ގަބޫލުކުރަނީ އެ ދުވަހު އެ މަސައްކަތްތައް ކުރެއްވި އެންމެހައި ފަރާތްތަކަށް، އަޅުގަނޑުމެން ވަކިން ޚާއްޞަ ޝުކުރެއް ދަންނަވަންޖެހޭނެ ކަމަށް.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ ވަށައިގެން މިވަނީ ކަނޑާއި، ފަރާއި، ފަޅުތައް. ދިވެހިރާއްޖެއަކީ ނުވަދިހަ ނުވައެއް އިންސައްތަ ކަނޑު ހިމެނޭ ޤައުމެއް. ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނަސީބަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތަކީ، އަޅުގަނޑު ދަންނަވާނީ، މި ކަނޑުތަކުގެ މުއްސަނދިކަމާއި، ރީތި ފަރުތަކާއި، ގޮނޑުދޮށްތައް.

އާދެ، އެއް ޒަމާނެއްގައި، އަޅުގަނޑުމެންގެ ވިޔަފާރީގެ ގޮތުގައި ނުވަތަ އަޅުގަނޑުމެން ނަފާ ހޯދުމަށްޓަކައި ވިއްކި ތަކެތި، ވިޔަފާރީގެ ގޮތުގައި ބޭނުންކުރި ތަކެއްޗަކީ، މުޅިން އެހެން ގޮތަކަށް މިއަދު ބޭނުންކުރަމުންދާ ތަކެއްޗެއް. އާދެ، ފަރުތަކުގެ ރީތިކަމާއި، މަސްމަހާމެހީގެ ރީތިކަމާއި ހިތްގައިމުކަމުން، އަޅުގަނޑުމެން މިއަދު ނަފާ މި ހޯދަނީ މުޅި ދުނިޔޭގެ ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް، އެ މަންޒަރުތައް ދައްކައިގެން.

އާދެ، މިއީ އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން ކުރިޔަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމެކޭ. ތިމާވެށި ޙިމާޔަތްކޮށް، އެ މަސައްކަތް ކުރުމަކީ އެއީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ، މިފަދަ ޤައުމަކުން، މުޅި ރައްޔިތުން އެއްކޮށް ކުރަންޖެހޭ ކަމެއް.

އާދެ، ތިމާވެށްޓަށް އަންނަ ކޮންމެ ބަދަލަކުން އޭގެ ނުރައްކާ އެންމެ ބޮޑުވެގެންދާނެ އެއް ޤައުމެއް ގޮތުގައި އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، އަޅުގަނޑުމެންގެ މި ޤައުމު. މި ކުދިކުދި ރަށްތައް. އެހެންކަމުން، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ކޮންމެ ރައްޔިތެއްގެވެސް އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ތިމަންނާއަށް ފަރުދީގޮތުން ކުރެވޭނީ ކޮން ކަމެއްތޯ ބަލައި، އެ މަސައްކަތުގައި ބައިވެރިވުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވުގައި، އާދެ، މި ހަނިފަރު ބޭ ހިމެނިގެންދިޔުމުން، އަހަރެއްގެ މައްޗަށް އެތައް ހާސް ފަތުރުވެރިން ޒިޔާރަތްކޮށް، އޭގެ ސަބަބުން މުޅި ދުނިޔޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން، ދިވެހިރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން، ދިވެހިރާއްޖޭގެ ޤުދްރަތީ ރީތިކަން އިޝްތިހާރުވުމަށްޓަކައި ގިނަ ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައިވާކަން.

އާދެ، އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑަށް މި ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެއް. އާދެ، ދަރިވަރުން. ދަރިވަރުން މި ކަމުގައި ބައިވެރިވެފައި ތިބި މިންވަރު، މި ކަމަށް ބެލެނިވެރިން ހިތްވަރު ދެއްވާ މިންވަރު، އަދި ރިޒޯޓްތަކުން ޚާއްޞަކޮށް މި ކަމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭކަމީ އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކުރަންޖެހޭ ކަމެއް.

އާދެ، ޝައްކެއްނެތް. މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ދަރިވަރުންނަކީ، މާދަމާ މި ހުރިހާ ކަމެއް ހިންގަން ތިބޭނެ ފަރާތްތައް. އެހެންވީމާ، މިއަދު ކުރާ މަސައްކަތްތަކުގައި، ވަކިން ޚާއްޞަކޮށް، ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތާއި އަދި އެނޫންވެސް އަޅުގަނޑުމެން ޤައުމަށް ފައިދާކުރުވަނިވި ކަންތައްތަކުގައި، ހުރިހާ ދާއިރާތަކެއްގައި، އިސް ސަފުގައި، މިއަދު ދަރިވަރުން އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. މިކަމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދީ، އަޅުގަނޑުމެންގެ މި ނާޒުކު ތިމާވެށި، އަޅުގަނޑުމެން އިންސާނުން ކުރާ ކަމެއްގެ ސަބަބުން ލިބިދާނެ ގެއްލުންތައް، އެ ދަރިވަރުންނަށް ކިޔައިދިނުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަދި ހަމައެއާއެކު، ތިމާވެށި ޙިމާޔަތް ކުރެވިގެން، މި ރީތިކަން ދެމެހެއްޓިގެން، މުޅި ޤައުމާއި، ހުރިހާ ރައްޔިތުންނަށް ކުރާނެ ފައިދާތަކުގެ ވާހަކަ އެއީ، އަޅުގަނޑުމެން މިއަދު އެ ކުދިންނަށް ކިޔައިދޭންޖެހޭ ވާހަކަ. އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް އަދިވެސް އެއްފަހަރު، ވަކިން ޚާއްޞަކޮށް، މި މަސައްކަތް ނަމޫނާއެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބ.އަތޮޅުގައި ބަޔޮސްފިއަރ ރިޒާވެއް ޤާއިމުކުރުމަށްޓަކައި އެ ދުވަހު އެ ގޮންޖެހުންތަކާ ކުރިމަތިލައްވައި، އެ ދަތި އުދަނގޫ ކަންތައްތަކުގެ ތެރެއިންވެސް، އެ ކަންތައްތައް ތަހައްމަލުކޮށް، އެ ކަމަށް އެއްބާރުލެއްވުން ދެއްވައި، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ޚާއްޞަކޮށް، ބ.އަތޮޅުގެ ރައްޔިތުން އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތްކޮށް، އަޅުގަނޑުމެންގެ ފަރުތަކާއި، ގޮނޑުދޮށްތަކާއި އަދި ކަނޑުގެ މުއްސަނދިކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތް ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.