بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى محـمَّدٍ، وعلى آلـه وصحبـه أجمعـين.

السّـلام عليـكم

ދިވެހި ލޮބުވެތި ރައްޔިތުންނާ، އަޅުގަނޑު މިއަދު މި ބައްދަލުކޮށްލީ، މިދުވަސްތަކުގައި ޢާންމު މަޞްލަޙަތާއި، އަމަންއަމާންކަމަށް އިސްކަން ދެއްވުމުގެ އިލްތިމާސަކާ އެކީގައި. ދިވެހި ތާރީޚުގައި މީގެކުރިން ނުދެކޭފަދަ ދުވަސްތަކެއް، އަޅުގަނޑުމެން، މިދިޔަ ހަފްތާތަކުގައި ވަނީ ދެކެފައި. ތާރީޚްގެ ޞަފްޙާތަކުގައި ލިޔެފައި. ޤާނޫނުއަސާސީގެ ރައްކާތެރިކަން ނައްތާލުމަށްފަހު، ޤައުމުގެ ރައްޔިތުން، ސިޔާސީ އެއްވުންތަކުގައި، އެއްބަޔަކު އަނެއް ބަޔަކުގެ ގަޔަށް އަތްލައި، އެތަކެއް ލޮބުވެތި ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ލިބުމަށްފަހު، ޤައުމުގެ ދިފާޢީ ބާރުތައްވަނީ، އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލާފައި. ޤައުމު ވަރަށް ނުރައްކާތެރި ޙާލަތަކަށް ގެންގޮސްފައި. ޤައުމުގައި ހުރި ރައްޔިތުންގެ އަގުހުރި ވަރަށްގިނަ މުދާ ވަނީ ހަލާކުކޮށްފައި. އަދި މިދުވަސްތަކުގެ ތެރޭގައި، ޢާންމު ރައްޔިތުންނާއި ފުލުހުންނާއި ސިފައިންގެ ވަރަށްގިނަ ބޭފުޅުންނަށް ވަނީ ގިނަގުނަ ބޮޑެތި ގެއްލުންތައް ލިބިފައި.

މިއަދު އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މަގުމަތީގެ ހަލަބޮލިކަން ދޫކޮށްލެއްވުމަށް. އަމާންކަމުގެ ސުވަރުގެއެއް ކަމުގައި މަޝްހޫރުވެފައިވާ އަޅުގަނޑުމެންގެ ރާއްޖެ، އެ ނަމަށް އެނބުރި ދިޔުމުގެ މަސައްކަތެއް ފަށްޓަވައިދެއްވުމަށް. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޮންމެ ދުވަހެއްގެ ފަލަ ސުރުޚީތަކުގައި، ތަޅާފޮޅުމާއި، ތަންތަން ރޯކުރުމުގެ ޚަބަރުތައް ތަކުރާރުވާން ވެއްޖެނަމަ، އަޅުގަނޑުމެންގެ އަމަންއަމާންކަމުގެ ނަން، އެހެން ގޮތަކަށް ބަދަލުވާކަށް، މާގިނަ ދުވަސްތަކެއް ނުވާނެ. އަދި މިކަމުގެ އަސަރު، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރުމަށް ލަހެއްފަހެއް ނުވާނެ.

ވީމާ، މިދަނޑިވަޅުގައި ދިވެހި އެންމެހާ ރައްޔިތުންނާއި، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން، އަޅުގަނޑު ޔަޤީންކުރާނެ ވާހަކަ، ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. ވޭތުވެދިޔަ ސަރުކާރު، ރައްޔިތުންގެ ހެވާއި ލާބައަށް ހިންގަވަން ފަށްޓަވާފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ކަމުގައިވާ "އާސަންދަ" އާއި، ދުވަސްވީ މީހުންގެ އެލަވަންސްތަކާއި، އެކަނިވެރި މައިންގެ އެލަވަންސާއި، ޕެންޝަނާއި، މިފަދަ މުހިންމު އެތައް ޕްރޮގްރާމްތަކެއް އެބަހުރި. އެފަދަ ޕްރޮގްރާމްތަކަށް ހުއްޓުމަކަށް ނުގެނެސް، ރައްކާތެރިކަމާއެކު ކުރިއަށް ގެންދާނެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އަދި ހަމައެހެން، މަސްވެރިންނާއި، ދަނޑުވެރިންގެ ސަބްސިޑީގެ ކަންތައްވެސް، މާލިއްޔަތު ތަންދިން މިންވަރަކުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ސިވިލް ސަރވަންޓުންގެ މުސާރައާ ބެހޭގޮތުން އަޅުގަނޑު ވާނީ ކުރިން އެއްޗެއް ދަންނަވާފައި. އަޅުގަނޑުގެ ސަރުކާރުގެ ލަފައާ އެކުގައި، އަނބުރާ ގެނެސް، އެ ފައިސާ ލިބޭނޭ ގޮތްތައް ހަމަޖެއްސުމަށް، އަޅުގަނޑު އިސްކަމެއްދޭނަން. އަދި ހަމައެހެން، އެކިގޮތްގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ މީހުންނާމެދު ޝަރީޢަތުން ކުރެވިފައިވާ ޙުކުމްތައް ތަންފީޛު ކުރުމުގެ މަސައްކަތް އަޅުގަނޑު ކުރިއަށް ގެންދާނެ ވާހަކަވެސް ދަންނަވަން.

އާދެ! ދެން އޮތީ ކުރިން އަޅުގަނޑު އިޝާރާތާކުރި ޙާދިޘާތަކާ ބެހޭގޮތުން. 14 ޖެނުއަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012 އާ ހަމައަށް ހިނގާފައިވާ ކަންކަމުގެ ތަޙުޤީޤެއް، ވަރަށް އަވަހަށް އަޅުގަނޑު ފަށްޓާނަން. އަދި އެކަން ކުރެވޭނެ ގޮތްތައް މިހާރު މިގެންދަނީ ބަލަމުން. ދިވެހިރާއްޖޭގައި، ބޭރުގެ ފަރާތްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަން އަޅުގަނޑު ގެރެންޓީކޮށްދެން. އަދި އެއްވެސް ސިޔާސީ ސަބަބަކަށްޓަކައި، އެއްވެސް ވިޔަފާރިއަކަށް، އެއްވެސް އިންވެސްޓްމަންޓަކަށް ގޯނާ ނުކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންވެސް، ސިޔާސީ ޕާޓީތައްވެސް، އެކިއެކި ސިޔާސީ ލީޑަރުންވެސް، ޤައުމުގެ ހަމަޖެހުމާއި، ޞުލްޙަމަސަލަޙަތަށް މަސައްކަތް ކޮށްދެއްވުން. ދިވެހިރާއްޖޭގެ މަގުތައް އަމާން ތަނަކަށް ހައްދަވައި ދެއްވުން. ޤައުމުގެ ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދެއްވުން. އަދި ކުރިއަށް ދިޔުމުގައި، ހަނގުރާމަ ކުރުމުގެ ރޫޙު ދޫކޮށްލައްވައި، ހުރިހާ އެންމެން ވާހަކަ ދައްކައިގެން ކުރިއަށް ގެންދިޔުމުގެ ރޫޙު، ހުރިހާ ބޭފުޅުންވެސް ގެންގޮސްދެއްވުން.

ޒިންމާދާރު ވެރިންގެ ގޮތަކީ، ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމެއް ނޫން. ޒިންމާދާރު ވެރިންގެ އުޞޫލަކަށްވާންވާނީ، އެއްބަޔަކު އަނެއް ބަޔަކު ވާހަކަ ދައްކައިގެން، ޞުލްޙަވެރި ގޮތްތައް ހޯދުން. އަޅުގަނޑު އެދެން، ދިވެހިރާއްޖެއަށް މިއަށްވުރެ ފާގަތި، ޞުލްޙަވެރި، އަމާން ދުވަހެއް ވަރަށް އަވަހަށް ދެއްކެވުން. اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ނިޢުމަތް ދެއްވާށި! އާމީން.

ދެން އަޅުގަނޑު ތިޔަބޭފުޅުންގެ ފަރާތުން ކުރައްވަންހުރި ބައެއް ސުވާލުތަކަށް އަޅުގަނޑު ޖަވާބު ދަންނަވާނަން.

މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:

މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، ތަޙުޤީޤެއްގެ ވާހަކަ. އަޅުގަނޑު ބޭނުން ތަންކޮޅެއް ތަފްޞީލުކޮށް އެވާހަކަ. ކޮންކޮން ކަންތައްތަކެއްތޯ ތަޙުޤީޤު ކުރައްވާނީ؟ ދެން ހަމަ ފާހަގަކުރައްވައިފި، ރާއްޖޭގައި މި ނިމިދިޔަ ކަންތައްތަކުގެ ތެރޭގައި، މި ހެދިފައި ހުރި ބައެއް ފޮރިން އިންވެސްޓްމަންޓްތަކަށްވެސް ހަމަ ރައްކާތެރިކަން ދެއްވާނެ ކަމަށް. ކޮބައިތޯ އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑަށް ފެނިގެންދިޔަ މަންޒަރެއް، ޖީ.އެމް.އާރުން އެއަރޕޯޓާ ޙަވާލުވެ، އެކަންތައްތަކާމެދު ޢާންމުންގެ ޚިޔާލުތަފާތުވުންތަކެއް އުފެދިގެންދިޔަ މަންޒަރު. ކިހިނެއްތޯ، އެކަންތައްތަކާމެދު މަނިކުފާނު ޑީލް ކުރައްވާނީ؟

ދެން އަޅުގަނޑު އިތުރު އަދި އެއް ސުވާލު އެބައޮތް. އެއީ އަޅުގަނޑަށް މި ފެނިގެންދިޔައީ، ކެބިނެޓްގެ ދެމަގާމެއް. އަދި ބާކީ އެބަތިއްބެވި ކެބިނެޓަށް ޢައްޔަން ކުރަންޖެހޭ މަގާމުތަކެއް. ކިހާތާކުތޯ އަޅުގަނޑުމެންނަށް އެ މަންޒަރު ފެނިގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! ތިން ސުވާލު މިހާރު ދެއްވައިފި. އެހެންވީމާ، އަޅުގަނޑު ހަނދާން ނުނެތެނީސް، ސުވާލުތަކަށް ޖަވާބު ދަންނަވާނަން.

އާދެ! ވަރަށްގިނަ ފަރާތްތަކުން އެކިއެކި ސުވާލުތައް ކުރައްވަމުން އެބަ ގެންދަވާ، ހިނގާދިޔަ ޙާދިޘާތަކާ ބެހޭގޮތުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެކަންވީކީ އެންމެ ދުވަހަކުން، ދެދުވަހަކުންވީ ކަމެއް ނޫން އެއީ. ވަރަށްގިނަ ދުވަސް ވަންދެން ހިނގަމުން އައި ކަންތައްތަކެއްގެ ސަބަބުން ދިމާވި ކަންތައްތަކެއް. އެކަމުގެ ފުރިހަމަ ޙަޤީޤަތްތައް ސާފުކުރަންޖެހޭނެ. އެހެންވީމާ، އެކަމަށްޓަކައި ކުރަންޖެހޭ ތަޙުޤީޤެއް ކުރުމާމެދު އަޅުގަނޑުވެސް ހަމަ އެކަމަށް ތާއީދުކުރަން. އެކަން ކުރާނެ ގޮތަކާމެދު އަޅުގަނޑު މިދަނީ މަޝްވަރާ ކުރަމުން. ދެން އެކަމަކު ޤާނޫނުއަސާސީގައިވެސް އެބަހުރޭ އަޅުގަނޑުމެންނަށް ކަނޑައެޅިފައި ހުންނަ ގޮތްތަކެއް. އެހެންވީމާ، އެއަށްވުރެ އިތުރު ތަފްޞީލެއް އަދި މިވަގުތު އަޅުގަނޑަށް ދަންނަވަން ދަތި. އެކަމުގައި، އެކަން ކުރާނެ ގޮތަކާ މެދުގައި، އެކިފަރާތްފަރާތާ ޖެހޭނީ މަޝްވަރާކުރަން.

ދެން ދެވަނަ ނުކުތާއަކަށް، ވަކި ޚާއްޞަ ކުންފުންޏަކާ ބެހޭގޮތުން ތިޔަބޭފުޅުން ތި ސުވާލު ކުރެއްވީ. އަޅުގަނޑުމެން ވަކި ޖީ.އެމް.އާރަކަށް ފޯސްކޮށްގެން، އަޅުގަނޑުމެންގެ ސިޔާސަތެއް ޤާއިމްކުރާކަށް ނެތީމު. ޖީ.އެމް.އާރަކީ ރާއްޖޭގައި ހުރި ވަރަށްބޮޑު އިންވެސްޓްމަންޓެއް. އެހެންވީމާ، އެއާ ބެހޭގޮތުންވެސް އަޅުގަނޑުމެން އެއްވެސްކަހަލަ ސިޔާސީ ވިސްނުމެއް ނުގެންގުޅޭނަން. ދެން ރައްޔިތުން ހިތްހަމަނުޖެހޭ މައްސަލަތަކެއް ހުރިކަމަށްވާނަމަ، އެ މައްސަލަތަކާ ބެހޭގޮތުން އަޅުގަނޑުމެން، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތަކެއް ކުރާނަން، ޖީ.އެމް.އާރާ ވާހަކަ ދައްކައިގެން. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މަޤްޞަދެއް ނޫން، ޖީ.އެމް.އާރަށް ވަކި ގެއްލުންވާނެ ގޮތަކަށް އަޅުގަނޑުމެން، ޖީ.އެމް.އާރު މިތަނުގައި ނުތިބެވޭ ގޮތަކަށް، އަޅުގަނޑުމެން ކަންތައް ކުރުމަކީ އެއީ އަޅުގަނޑުމެންގެ މަޤްޞަދެއް ނޫން. އަޅުގަނޑުމެންގެ މަޤްޞަދަކަށްވާނީ، ރައްޔިތުންގެ އިޝޫސްތަކެއް، އެކަމާ ބެހޭގޮތުން މައްސަލަތަކެއް، އެކަމާ ބެހޭގޮތުން ހުރިކަމަށްވާނަމަ، އެ މައްސަލަތައް ބަލައި، އެއަށް ޙައްލެއް ހޯދުން.

ދެން ތިންވަނަ ނުކުތާއަކަށް ތިވިދާޅުވީ، ވަޒީރުންގެ މަޖިލިސް ދެން އެކުލަވައިލުމުގެ މަސައްކަތް. އަޅުގަނޑު ދަންނަވާފައި އޮންނާނެ، އެ މަސައްކަތަށް އަޅުގަނޑު ބޭނުންވަނީ، ދެން އޮންނަ ވަޒީރުންގެ މަޖިލީހަކީ އެއީ ހުރިހާ ބަޔަކު ބައިވެރިވާ މަޖިލީހަކަށްވާށޭ. ހުރިހާ ބޮޑެތި، ހުރިހާ ޢަމަލީ ގޮތުން މަސައްކަތްކުރާ ސިޔާސީ ޕާޓީތައް ބައިވެރިވާ ސަރުކާރަކަށްވާށޭ. އޭރުން މިޤައުމުގައި ޞުލްޙަމަސްލަޙަތު، ޙަޤީޤަތުގައި ޤާއިމް ކުރެވޭނީ. ރާއްޖޭގައި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި މިހިރީ ވަރަށް ފުން ވަޅުގަނޑުތަކެއް އުފެދިފައި. އެކަންކަން އެބަޖެހޭ އޮމާންކުރަން. އޮމާން ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްގެން. މިހާރު އަޅުގަނޑުމެންނަށް މިވަނީ ވަރަށްބޮޑު، ވަރަށް މުހިންމު ފުރްޞަތެއް ލިބިފައި. އެ ފުރްޞަތަކީ، މިދެންނެވި ގޮތަށް ޤައުމުގެ އިޖްތިމާޢީ، ސިޔާސީ މަސްރަޙު، މިއަށްވުރެން ސްމޫތްކޮށް، މިއަށްވުރެ އޮމާންކޮށް ގެންދެވޭނެ މަގުތަކެއް ހޯދުމުގެ ފުރްޞަތު. އަދި ހަމައެހެން، އަޅުގަނޑުމެން ފަށާފައިވާ ޑިމޮކްރަސީގެ ދަތުރު، ކުރިއަށްވުރެންވެސް ބާރުމިނުގައި، ވަރުގަދައަށް މަސައްކަތް ކުރަމުން ގެންދިޔުން. އެގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދެމެހެއްޓުމާއި، ޤާނޫނުގެ ބާރު ދެމެހެއްޓުމާއި އަދި ތިންބާރު ވަކިވެފައި އޮތުމުގެ މުހިންމުކަން، ދުވަހަކުވެސް އެކަންކަމަށް ބުރުލެއްނާރާގޮތަށް މަސައްކަތް ކުރަމުން ގެންދިޔުން މިއީ އަޅުގަނޑު ދެކޭގޮތުގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެއް.

އަޅުގަނޑުމެން ގަސްތެއް ނުކުރަން، ސަރުކާރުގެ އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރާކަށް. ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ބާރަކީ، އެއީ ވަރަށް މުހިންމު ބާރެއް. އެއަށް ގެއްލުންވާ ގޮތަކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. ހަމަ އެ ބާރު، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން އުފެދިފައިވާ މުއައްސަސާތައް މެދުވެރިކޮށްގެން، ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ނިޒާމަށް ގެންނަންޖެހޭ އިތުރު ކުރިއެރުން ގެނައުމަށްޓަކައި، އަޅުގަނޑުމެން ކުރަންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެގޮތުން، ބޭރުގެ އެކިއެކި ޖަމާޢަތްތަކާއި، ކޮމަންވެލްތް ސެކްރެޓޭރިއަޓާއި އަދި އ.ދ.އާ ގުޅިގެން، ޖުޑީޝަރީ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން.

އާދެ! ދެން ތިޔަބޭފުޅާ ކުރެއްވި ސުވާލު އެބައޮތް. އެއީ ވަޒީރުންގެ މަޖިލިސް އެކުލަވައިލުމާ ބެހޭގޮތުން. ވަޒީރުންގެ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުން އެބަދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، އަޅުގަނޑު މިދަންނަވަނީ ހަމަ މާދަމައަކު، އަނެއް ދުވަހަކު އަޅުގަނޑު އިޢްލާނު ކުރާނަން، ވަޒީރުންގެ މަޖިލިސްގެ ހަމަ ގިނަ މަގާމުތަކެއް. އަޅުގަނޑަކަށް ޔަޤީނެއް ނޫން، ހުރިހާ މަގާމުތަކެއް އަދި ހަމަޖެހޭނެ ކަމަކަށް. ކުރިން ދެންނެވިހެން އަޅުގަނޑުގެ ރޫޙަކީ، ހުރިހާ އެންމެން ބައިވެރިކުރުން. އަޅުގަނޑު އުންމީދު ކުރަން، އެމް.ޑީ.ޕީ.ގެ ބޭފުޅުންވެސް، މި ކެބިނެޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް. އަދި އަޅުގަނޑު ކެބިނެޓް އެކުލަވައިލާއިރުގައި، އެބޭފުޅުންނަށްޓަކައި ބައެއް މަގާމުތައް ހުސްކޮށްވެސް ބަހައްޓާނަން. އެހާ ހިސާބަށް އަޅުގަނޑަށް އެބޭފުޅުންގެ ފަރާތުން ނަންތަކެއް އަދި ނުލިބޭ ކަމަށްވާނަމަ. އަޅުގަނޑު ބޭނުމެއް ނޫން، މިއީކީ ކޮންމެހެން އަޅުގަނޑުގެ އަމިއްލަ ކަމަކަށް ހަދައިގެން އުޅޭކަށް. އަޅުގަނޑުގެ ޕާޓީގެ އެއްވެސް މީހަކަށް، އަޅުގަނޑުގެ ކެބިނެޓުން މަގާމެއްދޭކަށް އަޅުގަނޑު ގަސްތެއް ނުކުރަން.

އާދެ! ނައިބު ރައީސްގެ ވާހަކަ އަޅުގަނޑު ދަންނަވާފައި އޮންނާނީ، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް، ނައިބު ރައީސްގެ ވާހަކަ އަޅުގަނޑު ކައިރީ ނުދައްކަވާށޭ. އަޅުގަނޑު ބޭނުމެއްނުވޭ، ނައިބު ރައީސްގެ މަގާމަކީ، އެއީ ސިޔާސީ ކަމަކަށްވާކަށް. އަޅުގަނޑު މިއީ ނައިބު ރައީސެއްގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގައި އިންތިޚާބު ކުރެވިފައި ހުރި ފުރަތަމަ ނައިބު ރައީސެއްގެ ޙައިޘިއްޔަތުން އަޅުގަނޑަށް ކުރެވިފައި ހުރި ވަރަށްގިނަ ތަޖްރިބާ އެބަހުރި. އަޅުގަނޑު ބޭނުންވަނީ، ނައިބު ރައީސަކީ، ރައްޔިތުން އިޙްތިރާމްކުރާ، ރައްޔިތުން އެމީހަކަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާ، ތަޖްރިބާކާރު ބޭފުޅަކަށްވުން. އަދި އަޅުގަނޑުގެ މަސައްކަތުގައި، މާނަވީ ގޮތެއްގައި، އެހީވެދެވޭނެ މީހަކަށްވުން. ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ކޮންމެވެސް ބައެއް، ނައިބު ރައީސާވެސް ރަސްމީގޮތުން ޙަވާލުކޮށްގެން، އެކަންކަން ކުރެވޭނެވަރުގެ މީހަކަށްވުން. އެހެންވީމާ، ސިޔާސީގޮތުން އަޅުގަނޑު ނައިބު ރައީސެއް ނަގައިފި ކަމަށްވާނަމަ، އަނެއްކާވެސް ކުރިން ދިމާވިކަހަލަ މައްސަލަތަކެއް އަޅުގަނޑަށް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް، ހުރިހާ ބޭފުޅުންނަށްވެސް، އެކަމުގައި އަޅުގަނޑަށް ޕްރެޝަރ ނުކުރެއްވުމަށް. މިހާރު އަޅުގަނޑު އެގޮތަށް، އަޅުގަނޑާ އެކީގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގައި ވާނީ ދަންނަވާފައި. އަދި އެފަރާތްތަކުން އަޅުގަނޑަކަށް އެކަހަލަ ޕްރެޝަރެއް މިހާރަކު ނާދޭ.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

އަޅުގަނޑުވެސް ތިން ސުވާލެއް އަމާޒުކޮށްލަން. ފުރަތަމަ ސުވާލަކީ، 14 ޖެނުއަރީން 8 ފެބްރުއަރީއާ ހަމައަށް، ވިދާޅުވެއްޖެ، މިކަންތައްތަކުގެ ތަޙުޤީޤެއް ހިންގަވާ ވާހަކަ. އެހެންވީމާ، ބޭރުގެ ފަރާތްތަކުންވެސް އެބަ ވިދާޅުވޭ. ވެރިކަން ބަދަލުވީ ގޮތުގެ ފުރިހަމަ ތަޙުޤީޤެއް އެބަޖެހެޔޭ ހިންގަން. އެހެންވީމާ، މިކަންތައްތަކުގެ ތެރޭގައި، ވެރިކަން ބަދަލުވީ ގޮތުގެ ފުރިހަމަ ތަޙުޤީޤެއް، ޢަސްކަރިއްޔާއާއި ފުލުހުންނާ ދެމެދު އެހިނގި ކަންތައްތަކާއި، އެދުވަހާއި އެރޭ މާލޭގައި ހިނގި ހުރިހާ ކަމެއްގެ ފުރިހަމަ ތަޙުޤީޤެއް، މިނިވަން އިންޞާފްވެރި ތަޙުޤީޤަކަށް، މި ތަޙުޤީޤުވާނެތޯ؟ ހަމަ ޚާއްޞަކޮށް، ވެރިކަން ބަދަލުވީގޮތުގެ ކަންކަން، މި ތަޙުޤީޤުގެ ތެރޭގައި ހިމެނޭނެތޯ؟ އެއީ ފުރަތަމަ ސުވާލު.

ދެން ދެވަނަ ސުވާލަކީ، ރައީސް ނަޝީދު ވަރަށް ބޮޑަށް އެބަ ބާރުއަޅުއްވާ، އިތުރު އިންތިޚާބަކަށް ދިޔުމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސާ ޤައުމު ހިންގުން ޙަވާލުކޮށްފައި، ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަލުން އިންތިޚާބަކަށް ދިޔުމަށް. ދެން އެ މަގުން މަސައްކަތް ކުރައްވާނެ ކަމަށް، އެމަނިކުފާނު އެބަ ވިދާޅުވޭ. އެހެންކަމަށްވާނަމަ، އެތެރެއާއި ބޭރުން އަންނަ މިކަހަލަ އެއްވެސް ޕްރެޝަރަކަށް، އެއްވެސް ކަމަކަށް، ޑޮކްޓަރ ވަޙީދު ދީލައިލައްވާނަންތޯ؟

ދެން ފަހު ސުވާލެއްގެ ގޮތުން، ވިދާޅުވެއްޖެ، މަޝްވަރާގެ އުޞޫލުން ކަމަށް، ތިބޭފުޅާ ބޮޑަށް އިސްކަން ދެއްވަނީ. އެހެން ކަމަށްވާނަމަ، މިހާރު ރާއްޖޭގައި އުފެދިފައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީއަކީ އެމް.ޑީ.ޕީ ކަމަށްވާއިރު، މިކަމުގައި އެ ޕާޓީއާ ކިހާވަރެއްގެ މަޝްވަރާ ހިންގަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! ޝުކުރިއްޔާ. އަޅުގަނޑު ދެންނެވި ފަދައިން، މިދެންނެވި ޙާދިޘާގެ ކަންކަން ހިނގާދިޔަގޮތް ތަޙުޤީޤު ކުރުމަށް އަޅުގަނޑު މިހުރީ މަރްޙަބާ ކިޔައިގެން. ވަކިކަމެއް އޭގެތެރޭގައި ހިމަނާފައި، ވަކިކަމެއް ނުހިމެނުމަކަށް އަޅުގަނޑެއް ހަމަގައިމުވެސް އެއަކު ބާރެއްނާޅާނަން. އެކަންވާނީ، މިނިވަން ހަމަ މުސްތަޤިއްލު ކަމަކަށް. އަޅުގަނޑު ސަޕޯޓްދޭނީ.

ދެން އިންތިޚާބަކާ ބެހޭގޮތުން. ޤާނޫނުއަސާސީގައި ވަރަށް ރީތިކޮށް ކަނޑައެޅިފައި މިއޮތީ ވާންވީގޮތް. ދެން އެގޮތަށް ވެގެން މިއުޅެނީ. އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު، އިސްތިޢުފާ ދެއްވުމުން، ދެން ނައިބު ރައީސަކަށް ހުންނަ މީހަކު އެމަގާމު ނަގަންޖެހޭނޭ. ކުރިއަށް އޮތީ ދޮޅުއަހަރެއްހާ ދުވަސް ޙަޤީޤަތުގައި އިންތިޚާބަކަށް މަސައްކަތް ކުރަން. ބައެއް ބޭފުޅުން މިހާރު ކެންޑިޑަސީވެސް އިޢްލާނު ކުރައްވާފައި އެހެރީ. ޢަމަލުތައް ހުންނަގޮތުން، އިންތިޚާބެއްގެ މަސައްކަތް ހިނގާހެންވެސްހީވޭ. އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، މިދަނޑިވަޅުބާއޭ އެންމެ ރަނގަޅު ވަގުތަކީ، އިންތިޚާބެއް ބާއްވަން. ޤައުމުގައި މިހާރު މިހިރަ ސިޔާސީ ފުން ވަޅުގަނޑުތަކުން ސަލާމަތްނުވެވެނީސް، އަޅުގަނޑުމެން އިންތިޚާބެއް ބާއްވަން އުޅެފިނމަ، މިޤައުމު އަދި މިއަށްވުރެންވެސް ނިކަމެތި ޙާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އަޅުގަނޑުމެން ޖެހޭނެ ފާހަގަކުރަން. އެހެންވީމާ، އަޅުގަނޑު ގަސްތެއް ނުކުރަން، 2013ގެ ކުރީގައި އަޅުގަނޑު އިންތިޚާބެއް ބާއްވާކަށް. ކުރިއަށް 2013 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔުމަށްޓަކައި ކުރަންހުރި ކަންތައްތައް ފާހަގަކޮށް، އެކަމުގެ ރޯޑްމެޕެއް ހެދުމަށްޓަކައި އަޅުގަނޑު ހުރިހާ ފަރާތްތަކުންވެސް ބައިވެރިވާން އަޅުގަނޑު މަރްޙަބާކިޔަން. އޭގެތެރޭގައި، އެމް.ޑީ.ޕީ.ވެސް ބައިވެރިވެވަޑައިގެން ދެއްވުން އަޅުގަނޑު އެދެނީ. އޭގެ އެންމެ ފުރަތަމަ ސްޓެޕެއް ކަމުގައި، މިހިނގާ ސަރުކާރުގައި ބައިވެރިވެވަޑައިގެން ދެއްވުން އަޅުގަނޑު އެދެން.

އާދެ! އެމް.ޑީ.ޕީ.އާ މަޝްވަރާ ކުރުމަށްޓަކައި އަޅުގަނޑު ވަރަށް މަސައްކަތް ކުރަމުން އެބަދަން. ބައެއް ބޭފުޅުންނާ އަޅުގަނޑާ ވާހަކަވެސް ދެކެވިއްޖެ. އެހެން ނަމަވެސް، އެކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް އަދި އަޅުގަނޑަށް ދަންނަވަން ދަތި. އަޅުގަނޑު އުންމީދު ކުރަން، އެމް.ޑީ.ޕީ.ގައި އެބަ ތިއްބެވި ކަމަށް، މިކަމަށް ތަރުޙީބު ދެއްވައިގެން، އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން.

މުޙަންމަދު އަފްޒަލް – ޓެލެވިޜަން މޯލްޑިވްސް:

އަޅުގަނޑުވެސް މައިގަނޑު ދެސުވާލެއް އަމާޒުކޮށްލާނަން. ދެން ހަމަ ކުރިން ކުރެއްވި ސުވާލާ ގުޅިގެން، މަނިކުފާނުގެ ޖަވާބު އެހާ ތަފްޞީލުކޮށް އަޅުގަނޑުމެންނަށް ލިބިގެންނުދިޔަ. ބޭރު ޤައުމުތަކުން މި ސަރުކާރު ގަބޫލު ކުރެއްވި ކަމަށް ވިދާޅުވި. އޭގެ ފަހަތުން އަޅުގަނޑުމެންނަށް ފެންނަމުންދަނީ، މިހިނގާދިޔަ ކަންތައް، ވެރިކަން ބަދަލުކޮށްލަން ހިނގާދިޔަ ކަންތައް، ވަރަށް މިނިވަންކަމާއެކު، ތަޙުޤީޤު ކުރުމަށް، އެފަރާތްތަކުން ގޮވާލާފައިވާ ކަމުގައި އަޅުގަނޑުމެން ފާހަގަކުރަން. ކިހިނެއްތޯ، މަނިކުފާނުގެ މިހާރު ވިސްނުންފުޅުހުރީ، މިކަންކަން ތަޙުޤީޤު ކުރުމަށްޓަކައި، ކިހާވަރެއްގެ މަސައްކަތްތަކެއް އެބަ ކުރައްވަމުތޯ؟

ދެން ހަމަ މިއާއެއްކޮށް، 14 ޖެނުއަރީން ފެބްރުއަރީ 8 އަށް ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ ދެއްކެވި. އަޅުގަނޑުމެންނަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރު ކުރެވުނު މުޒާހަރާތަކުގައިވެސް، ބައެއް ތަންތަނަށް ގެއްލުން ލިބި، އޭރުގެ ވަޒީރުންގެ ގެދޮރުތަކަށްވެސް ގެއްލުން ލިބިގެންދިޔަތަން ފާހަގަކުރަން. ތި ވިދާޅުވާ ތަޙުޤީޤުގައި، މިކަންކަން ކިހާވަރަކަށް ތަޙުޤީޤު ކުރެވި، ބެލިގެންދާނެތޯ؟ އަދި ހަމައެހެންމެ، މި ތަޙުޤީޤާ ގުޅޭ މަޝްވަރާތަކެއް ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެއްޖެ. ކޮންކޮން ބަޔަކާތޯ މި މަޝްވަރާތައް ކުރަމުންދަނީ؟ ދެން އަޅުގަނޑުމެންނަށް ފާޅުގައި އެމް.ޑީ.ޕީ. އިން ބުނަމުން އެބަދޭ، މަނިކުފާނުގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއް ގޮތަކަށް ގަބޫލެއް ނުކުރައްވާނަމޭ، އެބަ ވިދާޅުވަމުން ގެންދޭ. އެހެން ކަމަށްވާނަމަ، މަނިކުފާނު ކޮން ސަބަބަކާހުރެތޯ، އެ އެމް.ޑީ.ޕީ. އަށް މަގާމުތަކެއް ހުސްކޮށް ބަހައްޓަވާނެ ކަމަށް ތި ވިދާޅުވަނީ. އަދި ކިހާ މުއްދަތަކަށް މި މަގާމުތަކަށް ބައްލަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! އަޅުގަނޑު އެއްވެސް ދޮރެއް އަޅުގަނޑު ބަންދުކުރާކަށް ބޭނުމެއްނުވޭ. އަޅުގަނޑު ބޭނުންވަނީ، ހަމަ ހުޅުވިގެން ހުރެގެން، ދުވަސްކޮޅެއް ނެގިޔަސް، އެ މަސައްކަތް ކުރަމުން ގެންދަން. އެ ޑައިލޮގް އުފެއްދުމަށްޓަކައި.

އަދިވެސް ތަޙުޤީޤާ ބެހޭގޮތުން ތި ސުވާލު ކުރައްވަނީ. އަޅުގަނޑަކަށްވެސް އޭގެ ތަފްޞީލުތަކެއް އަދި ދަންނަވާކަށް ނޭނގެ. އެކަމާ ބެހޭގޮތުން އަޅުގަނޑު މަޝްވަރާކުރާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހުގައި. ބަންޑާރަ ނައިބެއްގެ ލަފާވެސް ބޭނުންވާނެ މިކަހަލަ ކަންކަމުގައި. އެހެންވީމާ، މިހެންހުރި ކަންކަން ހަމަޖެހިގެން އަޅުގަނޑު ދަންނަވާނަން، އިތުރު ތަފްޞީލު އަދި ފަހުން. މިވަގުތު އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑު މިހުރީ އެކިއެކި ފަރާތް ފަރާތުން ގޮވާލާ ގޮވާލުމަށް ހުޅުވިގެންނޭ. އެއްގޮތަކަށްވެސް މިހިނގާދިޔަ އެއްވެސް ކަމެއްގައި އަޅުގަނޑު ފޮރުވުމެއް ގެންގުޅޭކަށް އަޅުގަނޑު ގަސްތެއް ނުކުރަން.

އާދެ! ދެން އެމައްސަލަ އަޅުގަނޑަށް ހީވަނީ، ސިޔާސީ ވާހަކަފުޅުތަކާއި އަޅުގަނޑުމެން އަދި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭނެ އިނގޭތޯ ކުޑަކުޑަ ތަފާތެއްވެސް ގެންގުޅެން. ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަފުޅުތައް އެއީ އެކައްޗެއް. އެހެންނަމަވެސް، ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް އެއީ އަދި އެހެން ކަމެއް. ދެން އެވާހަކަފުޅުތަކަކާ އަޅުގަނޑު މާބޮޑު ސަމާލުކަމެއްދޭކަށް ގަސްތެއް ނުކުރަން. ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، މިއަދު މިމަގާމާ ޙަވާލުވެހުރި މީހަކީ އަޅުގަނޑު. އަޅުގަނޑުގެ ޒިންމާއެއް، ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައިގެން، މި ޤައުމަށް ޞުލްޙަވެރި ދުވަސްތަކެއް ހޯދައިދިނުން. ޞުލްޙަމަސްލަޙަތު ޤާއިމްކޮށް، އަޅުގަނޑުމެންގެ ހަމަ ކުރިން އޮތް ރަނގަޅު ޙާލަތަކަށް، އަޅުގަނޑުމެން ރުޖޫޢަވުން. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަންކަމެއް ނުކުރެވޭނެ، އެއްފަރާތަކުން ނުކުމެ، ތަންތަން އެންދުމަށާއި، ތަންތަން ހަލާކު ކުރުމަށް ގޮވަމުން ގެންދަންޏަކާ، އެކަމެއް ނުކުރެވޭނެ. ރައްޔިތުންނަށް އެހާ ބޮޑެތި ގެއްލުންތަކެއް، ވަރަށް ބޮޑެތި ގެއްލުންތަކެއް މިހާރު ލިބިއްޖެ. ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށާ އެކީގައި. އެހެންވީމާ، އެވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާއިރުގައި، އޭގެތެރޭގައި އެބަދޭ، ރައްޔިތުންގެ ވަރަށް މުހިންމު ރެކޯޑްތަކާއި، ހިސާބުތަކާއި، މަޢްލޫމާތުތަކާއި، ގޯތިގެދޮރުގެ މަޢްލޫމާތާއި، ގޯތިގެދޮރުގެ ވެރިކަންހުރި ފަރާތްތަކާއި، ރައްޔިތުންނަށް ޚިދްމަތް ދިނުމަށްޓަކައި ހެދިފައިވާ ތަފާސް ހިސާބުތަކާއި، ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ޝަރީޢަތުގެ މަޢްލޫމާތުތަކާ، މިހެންގޮސް ވަރަށްގިނަ އެއްޗެހިތަކެއް ނައްތާލެވެނީ. އެ އަޅުގަނޑު ދަންނަވާނީ، އެއީ ރައްޔިތުންނާ ދެކޮޅަށް ކުރެވޭ ވަރަށްބޮޑު ޖަރީމާއެކޭ. އެބާވަތުގެ ކަންތައްތައް އެއްގޮތަކަށްވެސް ޤައުމަށް ހެޔޮއެދޭ ބަޔަކު ނުކުރާނޭ. އަދި އެފަދަ ކަންތައްތައް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން. އެފަދަ ކަންތައްތައް ހުއްޓުވުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުގަނޑުމެން އަޅަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

JJ Robinson – Minivan News:

I apologise if this question has already been asked. Germany and as I understand UK this morning has suggested that your new government consolidate its legitimacy with an independent inquiry. Is that something the government would do and to what extent would this give confidence to foreign investors that they are dealing with a stable authority in the country?

President Dr Mohamed Waheed Hassan:

That’s two good questions. Yes, I have heard of this call for an independent inquiry of events that preceded my assumption of office and I am open to those suggestions. There is no problem with it. I am impartial and I will encourage an independent investigation into that. I don’t know the details of it and I don’t know how it can be done or should be done. I will consult legal advice as soon as we have an Attorney General in place, and also with our partners including our friendly countries. I am sure we will be able to satisfy the call from British and the German authorities as well.

As for safety and security of foreign investments, I think we all have to work together for this. If you have some parties that are going around torching places and causing destruction, it’s not going to happen. And I am calling today, for those kinds of activities to cease. I can guarantee you that, foreign investments in the Maldives will be safe, are safe and that we will not target anybody for any political reason. If there are genuine issues concerning any kind of investment, of course whatever steps that need to be taken will be taken. I can assure you, I will do all my best to make sure that this is a fair process.

މުޙަންމަދު ޙަސަން – ސަން މީޑިއާ ގްރޫޕް:

ކުރީގެ ރައީސް ވިދާޅުވެފައި އެބައޮތް. މި ޤައުމަށް ގެނެސްފައި މިވަނީ ބަޣާވާތެކޭ. ދެން މިކަންކަން ކުރިއިރު އެންމެ ފުރިހަމަ މަޢްލޫމާތު، މަނިކުފާނަށް ލިބިލައްވާފައިވާނެ ކަމަށް. އަދި މަނިކުފާނުވެސް އަޑީގައި ހުންނެވި ކަމަށް، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ތަކުރާރުކޮށް އިއްޔެވަނީ ޕްރެސް ކޮންފަރެންސްތަކުގައި ވިދާޅުވެފައި. މަނިކުފާނު ޤަބޫލު ކުރައްވަންތޯ، މިހާރު ޤައުމަށް ގެނެސްގެން މިއުޅެނީ ބަޣާވާތެއް ކަމަށް. އަދި މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށްވެސް ވިދާޅުވެފައި އޮތީ. އެހެންވީމާ މިކަމާ ދޭތެރޭގައި މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! ތިއީ ދެން. އަޅުގަނޑަށް އެނގޭ އެއްޗެއް ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ތިބޭފުޅުންވެސް، އެކިއެކި ޓީ.ވީ.ގެ ޝޯތައް ބައްލަވަމުން، ދައްކަމުން ގެންދިޔަ މަންޒަރުތައް ބައްލަވަމުން ގެންދެވީ. އަޅުގަނޑުވެސް ބަލަމުން ގެންދިޔައީ. އަޅުގަނޑުވެސް އިނީ ހަމަ ގޭގައި، ތިބޭފުޅުންނެކޭ އެއްގޮތަށް. ކަންތައް ހިނގަމުންދާގޮތް ބަލަމުން ދިޔައީ. ދެން އެނގިވަޑައިގަންނަވާނެ ހަމަ އަޅުގަނޑުގެ ޕޮޒިޝަން، ޤާނޫނުއަސާސީ ދެމެހެއްޓުމަށާއި، ޖުޑީޝަރީގެ މިނިވަންކަމާ، މިކަންކަމާ ބެހޭގޮތުން އަޅުގަނޑު ވާނީ ހަމަ ވަރަށް ޕަބްލިކްކޮށް ދަންނަވާފައި. އެ ދެންނެވި ދެންނެވުންތަކަކީ، ހަމަ އޭރުގެ ރައީސް ނަޝީދަށްވެސް ހަމަ އަޅުގަނޑު ދެންނެވި ދެންނެވުންތައް. އެހެންވީމާ، އަޅުގަނޑަކަށް ހިއެއްނުވޭ، ތިއީ ދެން ކޮންމެހެން އަޅުގަނޑު މާބޮޑު ތަފްޞީލުތަކަކަށްދާންޖެހޭ ކަމެއްހެންނެއް. ދެން އެހެން ވިދާޅުވާ ވިދާޅުވުން އެއީ ހަމަ އަޅުގަނޑު ދަންނަވާނީ، ދެން ވިދާޅުވާ އެއްޗެކޭ ދެން. އެކަމުގެ ޙަޤީޤަތެއް އޮތް ކަމަކަށް އަޅުގަނޑު ހަމަގައިމުވެސް ގަބޫލެއް ނުކުރަން.

މުޙަންމަދު ޙަސަން – ސަން މީޑިއާ ގްރޫޕް:

ދެން އާދެ! އިއްޔެގައި ވަރަށް ތަފްޞީލުކޮށް ވިދާޅުވެފައި އެބައޮތް. މަނިކުފާނުގެ ސަރުކާރުގެ ކެބިނެޓްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް. ދެން އެހެންވީމާ، މިހާރު ދެން އެ ސުވާލުވެސް ހަމަ ކުރެވިފައި އޮތީ. މަނިކުފާނު ކިހިނެއްތޯ ގަސްތު ކުރައްވަނީ؟ އެމް.ޑީ.ޕީ އިން ބައިވެރިނުވާ ކަމަށްވަނީނަމަ، އެމް.ޑީ.ޕީ ފިޔަވައި ދެންހުރި ހުރިހާ ޕާޓީތަކުގެ މެދުގައިތޯ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި، ކެބިނެޓް އެކުލަވާލައި ނިންމާނީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! ދެން އަދި އެހެން ވިދާޅުވިނަމަވެސް، އަދި ކުރީގެ ރައީސް އެހެން ވިދާޅުވި ކަމުގައިވިނަމަވެސް، އެމް.ޑީ.ޕީ.ގައިވެސް އެބައޮވޭ ދޮއެއްތޯ، އެމް.ޑީ.ޕީ.ގެ އޮންނަ ހިންގުމުގެ، އެމް.ޑީ.ޕީ ހިންގުމުގެ އޮނިގަނޑަކާއި، އޭގައި ތިބި މަގާމުތަކުގައި ތިބޭ މީސްމީހުންނާ އެބަތިބި. އެހެންވީމާ، އަދި އެމް.ޑީ.ޕީ.އަކީވެސް އެއީ އެއް ވިސްނުމަކުން، އެއް ސިކުނޑިއަކުން ވިސްނާ ޕާޓީއެއްވެސް ނޫން. އެމް.ޑީ.ޕީ.ގައި ވަރަށް ވިސްނުންތެރި، ވަރަށް ޢިލްމީ ހަމަ ނުލާހިކު ރަނގަޅު ބޭފުޅުންތައް އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑުގެ އުންމީދު، އަޅުގަނޑު ނަގައެއްނުލާނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުވެސް ދެ ސުވާލެއް ދަންނަވާލާނަން އިނގޭތޯ. މިހާރު ފުރަތަމަ ސުވާލަކީ، ތަޙުޤީޤުތަކެއް ކުރިއަށްދާނެ ވާހަކަ. އެކަމަށް ތަރުޙީބު ދެއްވާނެ ވާހަކަ މަނިކުފާނު އެބަ ވިދާޅުވޭ. ދެން އަޅުގަނޑުމެންނަށް ހަމަ މި ކުރިން ބަދަލުވެގެން އައިއިރުގައިވެސް، ހަމަ މިވާހަކަތައް އަޑުއިވުނު. އެހެން ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައިއިރުގައިވެސް، އޭރުގައި ތަޙުޤީޤު ކުރައްވަން ވިދާޅުވި އެއްވެސް ކަމަކަށް، އޭގެ އެކަށީގެންވާ ފިޔަވަޅެއް އެޅިފައި އޮތް ކަމަކަށް ފެންނާކަށެއް ނެތް. އެންމެބޮޑު އެއް ސަބަބަކީ، އެންމެ މުހިންމު، އަޅުގަނޑުމެން ރައްޔިތުން އެންމެ ކަންބޮޑުވި އެއްވެސް އޮޑިޓް ރިޕޯޓެއްގެ މައްސަލަ، ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކަށް ހުށަހެޅިފައެއް ނެތް. އެހެންވީމާ، މިދަންނަވަން އުޅޭ ވާހަކައަކީ، އެކަންކަން އެހެންވުމުގެ ސަބަބުން އެއްވެސް ކަހަލަ، ރައްޔިތުން އެދުނު އެއްވެސްކަހަލަ ކަމެއް އަދި އަޅުގަނޑުމެންނަށް ފެނިފައެއް ނެތޭ. އަދި އެއީ ކޮންމެ ފަރާތެއްގެ މައްސަލައިގައި ނަމަވެސް. ދެން އަނެއްކާވެސް މި ފެށެނީ، ޖެހެނީ އާ ތަޙުޤީޤުތަކަކަށް. ފެށޭއިރުގައި، އަނެއްކާވެސް ހަމަ މިދެންނެވި ކަހަލަ މައްސަލަތަކަކާ އެއްކޮށް ފެށިއްޖިއްޔާ، މީގައި މައްސަލަތަކެއް ހުންނާނެ ކަމަށް، ގިނަ ބަޔަކު އެބަ ބުނޭ. އެއީ ވަރަށްގިނަ މީހުން ޤަބޫލުކުރޭ، އަޅުގަނޑުމެންނަށް މިއަދު ކުރިމަތިމިވީ ޙާލަތު ކުރިމަތިމިވީ، ކުރިން އަޅަންޖެހޭ ފިޔަވަޅުތަކެއް، މިދެންނެވީ ސަރުކާރު ބަދަލުވެގެން، ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި، ލަސްވަމުން އައިމަ ކަމަށް. ވީމާ، މިހާރު މިސާލަކަށް، މި ސަރުކާރުންވެސް މިއޮތީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖިއްޔާ، އެ ގޮންޖެހުންތައް ކުރިމަތި އެވަނީ، ފަހަރެއްގައި މިދެންނެވި ކަހަލަ މައްސަލަތަކަށް ފިޔަވަޅު ނޭޅިވުމުގެ ސަބަބުން ކަމަށް، ވެދާނެ ކަމަށް ގިނަ ބަޔަކު އެބަ ގަބޫލުކުރޭ. އެހެންވީމާ، މީގައި، މިދެންނެވި ހަމަ ކޮމިޓީތައް އެކުލަވައިލެއްވުމުގެ ބަދަލުގައި، ތަންކޮޅެއް ކުރިއަށްދާނެ ގޮތަކާ ދޭތެރޭގައި ރާއްވަވައިގެން، މަނިކުފާނު އެކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނަންތޯ؟

ދެން ރައްޔިތުން މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކަށް އޮތީ، އަޅުގަނޑުމެންނާ ހަމައަށް އަންނަނީ، މިހާރު ވަރަށްގިނަ ޢަދަދެއްގެ ފްލެޓްތައް އެޅުމުގެ ބިންގާތަކެއް އެޅިފައި ހުރީ. އަދި ބައެއް ފްލެޓް އެޅެމުން އެދަނީ. އެހެންވީމާ، މި މަޝްރޫޢުތައް މަނިކުފާނު ކުރިއަށް ގެންގޮސްދެއްވައި، މާލެއާއި މާލެ ވަށައިގެން މިއޮތް ސަރަޙަދަށް، ޚާއްޞަކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު ދަންނަވާފާނަން، އަޅުގަނޑު ނުކުރާނެ ކަމެއްގެ ވާހަކަ އިނގޭތޯ. އަޅުގަނޑު ނޫޅެން، ރިޔާސީ ކޮމިޝަނެއް އުފައްދާކަށް، ތަޙުޤީޤެއް ކުރާކަށް އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ، ހަމަ މިނިވަން މުސްތަޤިއްލު ފަރާތަކުން މިކަން ކުރައްވަން. އެހެންވީމާ، އެއީ ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ، އޭގެތެރެއަށް އަޅުގަނޑު ވަންނާކަށް ނެތީމު. އެއްވެސް ސިޔާސީ ސަބަބަށްޓަކައި، އެކަން ކިލަނބުކޮށް ހަދާކަށް އަޅުގަނޑު ބޭނުމެއްނުވޭ.

ދެވަނަ ކަމަކަށް، ސަރުކާރުން ފަށްޓަވާފައި ހުރި ބޮޑެތި މަޝްރޫޢުތައް. ރައްޔިތުންނަށް ފައިދާ ކުރުމަށްޓަކައި، އެ މަޝްރޫޢުތައް ފަށްޓަވާފައި އެހެރީ. އެކަންކަން ކުރިއަށްދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. މިހާރު ފަށްޓަވާފައި ހުރި ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާނެ. ހަމަ އެކަމަށް ކުރެވިފައި ހުރި ރޭވުންތަކާއި، އެކަންކަމަށްވެސް އަޅުގަނޑުމެން އިޙްތިރާމް ކުރާނަން. ކޮށްގެން، އަޅުގަނޑުމެން ކުރިއަށްދާނީ. އެއްގޮތަކަށްވެސް، އަޅުގަނޑުމެން، ކުރިން ކުރެވިފައި ހުރި މަސައްކަތެއް ހުއްޓާލާ ހަދާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން. ނަމަވެސް، ބޭއިންޞާފުން ކަމެއް ކުރެވިފައި އޮތް ކަމަށްވާނަމަ، އެކަމެއް ފާހަގަކުރެވިއްޖެނަމަ، އެފަދަ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ނުކުރާނެ ވާހަކައެއް އަޅުގަނޑު ނުދަންނަވަން.

އަޙްމަދު ރިފާޢު – ވީ.ޓީ.ވީ

މަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވިފަހުން އަދި ބައްދަލުވި ފުރަތަމަފަހަރު ކަމަށްވާތީ، މަނިކުފާނަށް މަރްޙަބާ ދަންނަވަން. އަޅުގަނޑުގެ ދެސުވާލުވަރު އެބައުޅޭ. ފުރަތަމަ ސުވާލަކީ، ކެބިނެޓް އެކުލަވާލާ ވާހަކަ ވަރަށް ބޮޑަށް މަނިކުފާނު ދައްކަވައިފި. ދެން ކެބިނެޓް އެކުލަވައިލާއިރު، ތި ވިދާޅުވަނީ، އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް އެކުލަވައިލަން ބޭނުންފުޅުވަނީ. އެހެން ކަމަށްވާނަމަ، މިހާރު މަނިކުފާނުގެ ވިސްނުން ނުވަތަ އެ މަޝްވަރާތައް ކުރެވިފައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އޮންނާނީ. ކެބިނެޓް ކޮމްޕޮޒިޝަން ކޮންގޮތަކަށްތޯ އޮންނާނީ. މިސާލަކަށް، ޖުމްހޫރީ ޕާޓީ، ޤައުމީ ޕާޓީ، އެގޮތަށް ގޮސް އެ ކޮމްޕޮޒިޝަން ކޮން ގޮތަކަށްތޯ މަނިކުފާނު ރާވާލާފައި އޮތީ.

ދެން އަނެއް ކަމަކީ، މަޖިލީހަށް ކެބިނެޓްގެ އޮނިގަނޑު ބަދަލުކުރަން ހުށަހަޅާފާނެތޯ. މިނަންގަތީ މިހާރުހުރި 14 ވުޒާރާ އިތުރުކުރަން ނުވަތަ މަދުކުރަން، އެކަހަލަ އެއްވެސް ވިސްނުންފުޅެއް އެބައޮތްތޯ؟ މިއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.

ދެން ދެވަނަ ސުވާލަކީ، ދިވެހި ފުލުހުން އެދިވަޑައިގަތް، ކޯޓުން އެބައޮތް، ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރުމުގެ އަމުރެއް ނެރުއްވާފައި. މަނިކުފާނު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން އެ މަޢްލޫމާތު މަނިކުފާނަށް ލިބިވަޑައިގެންފައިވާނީ. އެހެން ނަމަވެސް، އަދި ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރެއްވި މަންޒަރެއް ނުފެނޭ. ކިހިނެއްވެގެންތޯ، ވޮރަންޓާ އެއްގޮތަށް ޢަމަލު ނުކުރައްވަނީ. ކޮބައިތޯ އޭގެ ފަހަތުގައި އޮތް މަޤްޞަދަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން:

އާދެ! މަޖިލިސް އެކުލަވައިލުމާ ބެހޭގޮތުން އަޅުގަނޑުމެން މަސައްކަތްތަކެއް، ވަރަށްބޮޑު މަސައްކަތްތަކެއް ކުރަމުން މިގެންދަނީ. އެ މަސައްކަތް ކުރުމުގައި، އަޅުގަނޑު އަދި ދެންނެވިން، ޙަރަކާތްތެރިކޮށް އުޅޭ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކާ އަޅުގަނޑު މަޝްވަރާކޮށް، އެމީހުންގެ ތާއީދާ އެކީގައި، އެފަރާތްތަކުން ހުށަހަޅާ ނަންތަކަކަށްވެސް ރިޢާޔަތްކޮށްގެން، އަޅުގަނޑު މިނަގަނީ ކެބިނެޓްގެ މަގާމުތަކަށް ބޭފުޅުން. ނަގާއިރުގައި، އަޅުގަނޑު ބަލާނަން، ވީހާވެސް ބޮޑަކަށް ޕާޓީތައް އިންޞާފްވެރި ގޮތެއްގައި ކެބިނެޓްގައި އެކުލަވައިލެވޭތޯ. އަޅުގަނޑުމެން މިއުޅެނީކީ، ވަކި ޕާޓީއަކަށް ވަކިވަރަކަށް ވަކިއެއްޗެއް، އެގޮތަކަށް ނޫން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެ ޕާޓީތަކުގެ ވެރިންވެސް ތިއްބެވީކީ އެގޮތަކަށް ކަމެއް. ހުރިހާ ބޭފުޅުންގެވެސް ފުރިހަމަ ތާއީދު އަޅުގަނޑަށް އޮތީ ދެއްވާފައި. އަޅުގަނޑު، އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް، އެބޭފުޅުންގެ ލަފައާ އެކީގައި، އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް، އެންމެ ރަނގަޅު ބަޔަކު، މި ކެބިނެޓްގައި ހިމަނައިގެން ކުރިއަށްދާނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އެހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރުވެރިވަން.

ދެން އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް ކެބިނެޓް ފެނިވަޑައިގަތީމާ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިކަންހުރީ. އަދި ހަމަ އޭގައި ތިއްބެވީ، ހަމަ ވަރަށް ކުޅަދާނަ، މިކަމުގެ ޤާބިލުކަންހުރި، ހަމަ ޒުވާން ބޭފުޅުންކަން.

ދެން ތިޔަ ހުރިހާ ބޭފުޅުން މިއަދު އަޅުގަނޑާ ބައްދަލުކޮށްލެއްވީތީ ޝުކުރު ދަންނަވަން. މިއީ ދެވަނަފަހަރު، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިން ބައްދަލުކޮށްލާތާ، އަޅުގަނޑު މިމަގާމާ ޙަވާލުވިފަހުން. އިރާދަކުރެއްވިއްޔާ، އަދިވެސް އަޅުގަނޑު ވަރަށް އަވަހަށް ތިޔަބޭފުޅުންނާ ބައްދަލުކުރާނަން. ދެން އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކަށް މިމަގާމާ ޙަވާލުވާން ޖެހުނީކީ، މާ ދުރުގެ މަޢްލޫމާތުތަކެއް ލިބިގެނެއް ނޫން. ތައްޔާރުތަކެއް ވެގެނެއް ނޫން. ކުއްލިއަކަށް ކުރަންޖެހުނު ކަމެއް މިކަމަކީ. އެހެންވީމާ، މިކަމުގައި، އަޅުގަނޑުމެންގެ މި އޮފީހުގައިވެސް އަދި މުޅި ސަރުކާރުގައިވެސް ތިއްބެވި ޙަރަކާތްތެރި ބޭފުޅުންކޮޅު ވަނީ އެމް.ޑީ.ޕީ.ގެ ބޭފުޅުން ކަމަށްވާތީ، އެބޭފުޅުންގެ އެހީ މިހާރު އަޅުގަނޑަކަށް ނުލިބޭ. އެހެންވީމާ، އަޅުގަނޑު މިޖެހެނީ، އަލުން ބަލުން ހަމަ މި މަޢްލޫމާތު ދިނުމަށްޓަކައިވެސް، ފެތުރުމަށްޓަކައިވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހިފައި. އެހެންވީމާ، އެކަމުގެ ސަބަބުން އަޅުގަނޑުމެން ދަންނަވަންޖެހޭ އެއްޗެއް، އަޅުގަނޑު އެކަން، އަޅުގަނޑުމެންގެ ނަޒަރުގައި މިކަންކަން ވެގެންދިޔަގޮތް ދެންނެވުމަށްޓަކައި ހުރި ވަރަށް ބޮޑެތި ހުރަސްތަކެއް ހުރި ވާހަކަ އަޅުގަނޑު ދަންނަވަން. އެހެންވީމާ، ދެން އިތުރު ސުވާލަކަށް އަޅުގަނޑު.

ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވާންޖެހޭނީ ވަރަށް ޢިއްޒަތްތެރި، އަޅުގަނޑުމެން އިޙްތިރާމްކުރާ ބަޔަކަށް. އެއީ ކޮންމެ ބޭފުޅެއް ކަމުގައިވިނަމަވެސް. ކިތަންމެ ކުރު މުއްދަތަކަށް އެކަން ކުރެއްވި ކަމުގައިވިނަމަވެސް. އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅާއަށް އެބައޮތް. ރައީސް ނަޝީދަށް އަރުވަންޖެހޭ ޙިމާޔަތާއި، އެބޭފުޅުންނަށް ދޭންޖެހޭ ޤަދަރު، އަޅުގަނޑު އެބޭފުޅާއަށް އަރުވާނަމޭ. މި މައްސަލަ އުފެދޭ ހިސާބަކީ، އަޅުގަނޑުމެން އަރުވާފައިވާ ޙިމާޔަތުގެ ދަލުގެ ތެރެއިން އެބޭފުޅާ ނުކުމެވަޑައިގެން، އަމިއްލަފުޅަށް ކަންތައްތައް ކުރައްވަން ފެށްޓެވީމާ، އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ. ދެން ތި ވިދާޅުވިހެން، އެބައޮވޭ ވޮރަންޓެއް ނުކުމެފައި. އެހެން ނަމަވެސް، އަޅުގަނޑުމެން އެއަށް، އަޅުގަނޑު ސިޔާސީގޮތުންވެސް އަޅުގަނޑު ވިސްނަންޖެހޭނެ، ޤައުމުގެ މަޞްލަޙަތަށްވެސް. މުޅި ޤައުމުގެ މަޞްލަޙަތަށް، މުޅި ޤައުމުގެ ސިޔާސީ މަސްރަޙަށްވެސް އަޅުގަނޑު ވިސްނަންޖެހޭނެ. އަޅުގަނޑު ގަސްތެއް ނުކުރަން، ކުރީގެ ރައީސް ނަޝީދު ބަންދުކޮށްފައި ބަހައްޓާކަށް. އެމަނިކުފާނު ހަމަ އެހުންނެވީ، ހަމަ ފުރިހަމަ މިނިވަންކަމާ އެކީގައި. ވަޑައިގަންނަވަން ބޭނުންފުޅު ތަނަކަށް ވަޑައިގަންނަވަން. އެހެން ނަމަވެސް، މިޤައުމުން ބޭރަށް ދަތުރުފުޅު ކުރެއްވޭނީ، މި މައްސަލަ ޙައްލު ކުރުމަށްފަހުގައި. ދެން އެކަމުގައި ކޮންމެހެން އަޅުގަނޑު އޭގެތެރެއަށް ވަންނާކަށް ނެތީމު.

އާދެ! ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ ދުޢާއަކީ، އަދިވެސް ރާއްޖެއަށް ހަމަ ހަމަހިމޭން ޞުލްޙަވެރި މާޙައުލަކަށް އަޅުގަނޑުމެންނަށް ރުޖޫޢަވެވުން، ވީހާވެސް އަވަހަކަށް.

والسّـلام عليـكم