ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ ރެޕްރެސެންޓެޓިވް މިސް އައިކޯ ފުޖީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިސް އައިކޯ ފުޖީއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ރާއްޖެއާއި ޔޫ.އެން.ޑީ.ޕީން ޝައުގުވެރިކަން ހުރި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ބެހޭ މަޢުލޫމާތު މިސް އައިކޯ ފުޖީއާ ޙިއްޞާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް ކުރިޔަށް އޮތްތާގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި މިސް އައިކޯ ފުޖީ ވަނީ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ ޔޫތް ކްލައިމެޓް ސަމިޓްގެ ތެރެއިން "ކޯލް ފޮރ ކްލައިމެޓް އެކްޝަން" ގައި ރާއްޖޭގެ ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ބޭރު ދުނިޔެއާ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ޔޫ.އެން.ޑީ.ޕީއިން ރާއްޖެއާއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ރާއްޖެއަކީ، ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ނާޒުކު ޤުދުރަތީ ވެށި ހިމާޔަތްކުރުމަކީ މި ޤައުމުގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަން ދެމެހެއްޓުމަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރާއި ކަމާގުޅޭ އިދާރާތަކާއި، ޖަމުޢިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ސަބަބުން ޚާއްޞަކޮށް ސްކޫލް ކުދިންނާއި، ޒުވާނުންގެ މެދުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރާއްޖެ ތަރައްޤީ ކުރުމުގައި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫ.އެން.ޑީ.ޕީއިން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫ.އެން.ޑީ.ޕީގެ ރެޕްރެސެންޓެޓިވް ވަނީ ޖަޕާނާއި ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ ޒުވާނުންގެ ނާޒުކުކަން ދެނެގަތުމަށް ހަދާފައިވާ ދިރާސާގެ ރިޕޯޓުގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ.